ވޭޕްކުރުމުގެ ސަބަބުން 7 މީހަކު މަރުވުމާ ގުޅިގެން އިންޑިއާއިން ވެސް ވޭޕް ގެންގުޅުން ވަނީ މަނާކޮށްފައެވެ. އިންޑިއާގެ އިތުރުރުން ނިއު ޔޯކް ފަދަ ބައެއް ބޮޑެތި ސިޓީތަކުންވެސް ވަނީ ވޭޕް ނުވަތަ އީ-ސިނގިރޭޓު ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފައެވެ.

އިންޑިއާއިން ވޭޕް ވިއްކުމާއި ބޭނުން ކުރުން މަނާކުރުމާއި ގުޅިގެން އިންޑިއާގެ އޮންލައިން ވިޔަފާރި ވެބްސައިޓް ތަކުންނާއި ކުންފުނިތަކުން އެބާވަތުގެ އެއްވެސް އެއްޗެއް ނުވިއްކުމަށް ވަނީ ނިންމައިފައެވެ. އެގޮތުން އީ-ސިނގިރޭޓު ވިއްކުން މަނާކުރި ކުންފުނި ތަކުގެ ގެރޭގައި އިންޑިއާގެ އެންމެ މަޝްހޫރު ދެ އޮންލައިން ވިޔަފާރި ވެބްސައިޓް ކަމުގައިވާ އެމަޒޯން، ފްލިޕްކާޓް ގެ އިތުރުން ވެސް ބައެއް ބޮޑެތި އޮންލައިން ވިޔަފާރިވެބަސައިޓް ހިމެނެއެވެ.

އެމަޒޯން އިން އަދި އީސިނގިރޭޓު ވިއްކުން މުޅން ހުއްޓާލައިފައި ނުވިނަމަވެސް އެ ކުންފުނީގެ އިންޑިއާގެ ގޮފިން ވަނީ އީ-ސިނގިރޭޓު ވިއްކުން ހުއްޓާލާކަން އިއުލާންކޮށްފައެވެ. ނަމަވެސް ސޮފްޓްބޭންކް ބޭކެޑް އަދި ސްނެޕްޑީލްގެ އިތުރުން ފްލިޕްކާޓުން ވަނީ އެފަދަ ޕްރޮޑަކްޓްތައް ވިއްކުން ހުއްޓަލައިފައެވެ.

އެމަޒޯން އިން ރޮއިޓަރސް ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ އިންޑިއާގެ ގޮފިން އެފަދަ އެއްވެސް ޕްރޮޑަކްޓެއް ވިއްކާނަމަ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެމަޒޯން އިންޑިއާއިން އެއްވެސް ޕްރޮޑަކްޓެއް ނަގައިފައެއް ނުވެއެވެ.

ފްލިޕްކާޓް އިން މިފަދަ ހުރިހައި ޕްރޮޑަކްޓެއް ނަގައިފައިވާއިރު، ސްނެޕްޑީލް އިން ވަނީ އީ-ސިނގިރޭޓު ކެޓަގަރީވެސް ޑިލީޓުކޮށްފައެވެ.