އިންސާނުންގެ ތެރޭގައި ވަރަށް އާދަޔާ ހިލާފު ކަންކަން ލިބިފައިވާ މީހުން އުޅެ އެވެ. އެގޮތުން އިންޑިއާގެ ރާޖް މޯހަން ނާޔަރް އަކީ ކަރަންޓު ނުޖެހޭ ކަމަށް ބުނާ މީހެކެވެ. އޭނާ މަޝްހޫރު ވެފައި ވަނީ އިލެކްޓްރޯ މޭން ނުވަތަ ކަރަންޓު މޯހަންގެ ގޮތުގަ އެވެ.

މޯހަންގެ ގަޔަށް ކަރަންޓު ވާގަނޑުތައް ގުޅާފައި ކަރަންޓު ދިނުމުން ވެސް އޭނާއަށް އެއްވެސް ގޮތެއް ނުވެ އެވެ. އެކަމަކު އާދައިގެ އިންސާނަކަށް ކަރަންޓު ޖެހިއްޖެ ނަމަ ވަރަށް ބޮޑު ވަރުވެ ބައެއް ހާލަތްތަކުގައި ފުރާނައަށްވެސް ނުރައްކާވެއެވެ. އެހެންކަމުން މޯހަން ގެ މި ބާރަކީ ވަރަށް އާދަޔާ ހިލާފު ބާރެކެވެ.

މޯހަންއަށް ލިބިފައިވާ ހުނަރުގެ ސަބަބުން އޭނާގެ ހަށިގަނޑު ކަރަންޓު ކޮންޑަކްޓްކޮށް ބޮކި ދިއްލާ، ކުދި ކަރަންޓު ސާމާނަށް ހަކަތަ ދެވެ އެވެ. އެކަމަކު އެކަން ކުރަން ޖެހެނީ ދެ ކަރަންޓު ވާގަނޑު ބޭނުންކޮށްގެންނެވެ. އެއް ވާގަނޑު އޭނާގެ އަތުގައި އޮންނަ އިރު އަނެއް ވާގަނޑު އޮންނަނީ އަނގައިގަ އެވެ.

މިކަންތައް ކުރުމުގެ ސަބަބުން މޯހަންގެ ހަށިގަނޑަށް ކޮންމެވެސް ވަރަކަށް އަސަރު ކުރެ އެވެ. އެގޮތުން ކަރަންޓުގައި ޖެހޭ ކޮންމެ ފަހަރަކުވެސް ކުޑަ ވަގުތު ކޮޅަކަށް އޭނާގެ ލޮލުގެ ފެނުން ގެއްލެލޭ ކަމަށް އޭނާ ބުނެއެވެ. މޯހަން ބުނީ އޭނާގެ އެ ހުނަރު ހުންނަކަން އެނގުނީ ކުޑައިރު ކަމަށެވެ.

މޯހަން ބުނިގޮތުގައި ކުޑައިރު މަންމަ މަރުވުމުން ދުނިޔޭގައި އުޅެން ބޭނުން ނުވެގެން އޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކުރީ ކަރަންޓް ޓްރާންސްފޯމަރެއްގެ ވަޔަރުގައި ހިފައިގެންނެވެ. އެފަހަރު އޭނާއަށް އެއްވެސް ކަމެއް ނުވުމުން ހައިރާންވި ކަމަށާއި، އޭނާއަށް އެ ހުނަރު ލިބިފައިވާކަން އެނގުނީ އެހިސާބުންކަން އެނގުނު ކަމަށް މޯހަން ބުންޏެވެ.

މޯހަން ލިބިފައިވާ ކަރަންޓުގެ ހުނަރު ދުނިޔޭގެ އެހެން ބައެއް މީހުންނަށް ވެސް ލިބިފައި ވެއެވެ. އެގޮތުން އެންމެ ބޮޑު މަގްބޫލުކަމެއް ހޯދާފައި ވަނީ ފްރާންސް ގޮޓް ޓެލެންޓަށް އެރި ބީބާ ސްޓްރުޖާ ނަމަކަށް ކިޔާ މީހެކެވެ. އޭނާއަށް ވެސް ލިބިފައި ވަނީ މޯހަން އަށް ލިބިފައިވާފަދަ ބާރެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮންބެ

    ތީ އޭނާގެ ހުނަރެއް ކަމަށް ވާނެބާ؟

    12
  2. ބަޗީ

    ތީއޭނާއަށް ﷲ ދެއް ވާފައިވާ ބާރެއްގެ ސަބަބުން ވާ ކަމެކޭ ބުނަން ޖެހިލުންވަނީތޯ؟