ޖަޕާނުގެ ޓޮޔޯޓާގެ ލަގްޒަރީ ވެހިކަލް އުފައްދާ ޑިވިޝަން ކަމަށްވާ ލެކްސަސް މަޝްހޫރުވެފައި އޮންނަނީ ލަގްޒަރީ އެސްޔޫވީ އާއި ހައިބްރިޑް އަދި ޕާފޮމެންސް ކާރާއި ކާރުތަކުގެ ބައިތައް އުފައްދާ ކުންފުންޏެއްގެ ގޮތުގައެވެ. ނަމަވެސް އެ ކުންފުނިން މިހާރު ވަނީ ވިޔަފާރި އިތުރަށް ފުޅާކޮށް ލަގްޒަރީ ޔޮޓް އުފައްދަންވެސް ފަށާފައެވެ.

ލެކްސަސް އިން ލަގްޒަރީ ޔޮޓް އުފެއްދުމުގެ ވިޔަފާރި ފެށުމުގެ ގޮތުން، އެ ކުންފުނިން އެންމެ ފުރަތަމަ އުފައްދާފައިވާ ޔޮޓް ވަނީ ދައްކާލާފައެވެ. 65 ފޫޓު ދިގުމިން ހުންނަ، ލަގްޒަރީ އެންމެހާ ކަމެއް ހިމެނޭ މި ޔޮޓަށް ދީފައިވާ ނަމަކީ "ލެކްސަސް އެލްވައި-650" އެވެ.

މީގެ ދެވަރަކަށް އަހަރު ކުރިން މި ޔޮޓުގެ ކޮންސެޕްޓެއް ލެކްސަސް އިން ދައްކާލާފައި ވެއެވެ. 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މި ކޮންސެޕްޓް އާންމުކޮށް ދައްކާލަމުން އެ ކުންފުނިން ވަނީ ކަނޑު އުޅަނދުތައް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ.

ލެކްސަސް އިން ވަނީ އެ ކުންފުނީގެ ފުރަތަމަ ލަގްޒަރީ ޔޮޓް، އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު އެމެރިކާގައި ބާއްވާ ފޯޓް ލޯޑާޑޭލް އިންޓަނޭޝަނަލް ބޯޓް ޝޯވ ގައި ބައިވެރިކުރަން ނިންމާފައެވެ. ލެކްސަސް އެލްވައި-650 ރަސްމީކޮށް ލޯންޗް ކުރުމަށްވެސް ހަމަޖެހިފައި ވަނީ މި ދުވަހުއެވެ.

ލެކްސަސްގެ ތަރުޖަމާނަކު އެމެރިކާގެ ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މި ޔޮޓް އަންނަ މަހު ލޯންޗް ކުރާއިރު، އޭގެ ފެށޭ އަގު 3.6 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށެވެ.

އެންމެ ލަގްޒަރީ ފެންވަރަށް އުފައްދާފައިވާ މި ޔޮޓްގެ އިންޓީރިއާ ހަދާފައިވަނީ، ލެކްސަސްގެ ލަގްޒަރީ ކާރުތަކުގެ އިންޓީރިއާވެސް ފަރުމާކޮށްފައި ހުންނަ ފެންވަރަށެވެ. ލަގްޒަރީ އެޕާޓްމަންޓެއް ފަދައިން ފަރުމާކުރެވިފައިވާ މި ޔޮޓުގައި ދެ ކެޕްޓަން ސީޓާއި ސޯފާތަކާއި ފާހަނާއެއްގެ އިތުރުން ކުޑަ ބަދިގެއަކާއި ޑަބަލް އެނދެއް ލާފައިވާ ކޮޓަރިއެއް ހުންނާނެއެވެ. މީގެ އިތުރުން ޓީވީ އާއި އިންޓަނެޓްގެ ޚިދުމަތްވެސް ޔޮޓުގައި ލިބިގެންދާނެއެވެ.

ކާބަން ފައިބާ އީއެންފޯސްޑް ޕްލާސްޓިކާއި ގްލާސް ފައިބަރުން އުފައްދާފައިވާ ބިއްލޫރި ރޫފާއި ކުޑަދޮރު ހިމެނޭ އެލްވައި-650 އަށް 31.4 ބާރުމިނުގައި ދަތުރުކުރުމުގެ ގާބިލްކަން ލިބިފައި ވެއެވެ. ސްމާޓް ފޯނު ބޭނުންކޮށްގެން މި ޔޮޓުގެ އިލެކްޓްރޯނިކް އާލާތްތަކާއި ކުޅުމުގެ އިޚްތިޔާރު، ޔޮޓުގެ ވެރިފަރާތަށް ލިބިގެންދެއެވެ. މި ޔޮޓުގައި ބޭނުންކޮށްފައި ހުންނާނީ އުޅަނދުތަކުގައި ބޭނުންކުރަމުންދާ އެންމެ ފަހުގެ ޓެކްނޮލިޖީއެ ކަމަށް ލެކްސަސް އިން ވަނީ ބުނެފައެވެ.