އެމެރިކާގައި އުމުރުން 25 އަހަރުގެ އަންހެނަކު ތަދު ފަސޭހަކުރުމަށް ބޭނުންކުރި ބޭހެއްގެ ސަބަބުން ލޭގެ ކުލަ ބަދަލުވެ ސިއްޙީ އިމަޖެންސީ ހާލަތެއް ކުރިމަތިވެގެން ފަރުވާދީފިއެވެ.

މަދުން ނޫނީ އިންސާނުންނަށް ދިމާނުވާ މި ހާލަތު އޭނާއަށް މެދުވެރިވީ، ދަތެއްގައި ރިއްސާތީ ތަދު ފަސޭހަ ކުރުމަށް އޭނާ ބޭނުންކުރި ބޭހެއްގެ ސަބަބުން ކަމަށް ވެއެވެ. ނިދުމުގެ ކުރިން ގިނަ އަދަދަކަށް އޭނާ އެ ބޭސް ބޭނުންކުރިކަން ފަހުން ހާމަވެފައި ވާއިރު، ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދީ ނޭވާލާން އުނދަގޫވެ ނިޔަފަތިތައް ކަޅުވާން ފެށުމުންނެވެ.

ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އެ އަންހެން މީހާއަށް ދިމާވީ "ކަޔަނޮޓިކް" ނަމަކަށް ކިޔާ ހާލަތެކެވެ. އޭނާއަށް އެ ހާލަތު މެދުވެރިވީ، އޭނާ ބޭނުންކުރި ބޭހުގެ ސަބަބުން ލޭގެތެރޭގައި ދައުރުވާން ޖެހޭ މިންވަރަށް އޮކްސިޖެން ނުލިބުމުން ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ. މިކަމުގެ ސަބަބުން ލޭގެ ކުލަ ބަދަލުވެ ސިއްޙީ އެނޫންވެސް މައްސަލަތައް ކުރިމަތިވާން މެދުވެރިވާ ކަމަށް އެފަރާތްތަކުން ބުނެއެވެ.

މި ހާދިސާ އާއި ގުޅިގެން އެ އަންހެން މީހާއަށް ހޮސްޕިޓަލުގެ އިމަޖެންސީގައި ވަގުތުން ފަރުވާ ދީފައިވާއިރު، އޭނާގެ ހާލު މިހާރު ރަނގަޅުވެފައިވާ ކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ.

މި ހާދިސާ އާއި ގުޅިގެން އޮފިޝަލުން ވަނީ، ޑޮކްޓަރުންގެ ލަފާ އާއި ނުލައި މިފަދަ ބޭސްތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު