އެމެރިކާގެ ފްލޮރިޑާގައި ހުންނަ ޑިސްނީ ވޯލްޑްގައި ގިނަ އަދަދެއްގެ ފުއްޕާ ހަންތަކެއް ހިފައިގެން ހުރި މީހާކު ވަޔާ މައްޗައް އަރައިގެން ނުގޮސް ހަނި ގޮތަކަށް ސަލާމަތް ވެއްޖެއެވެ.

މި މަންޒަރު ދައްކުވައިދޭ ވީޑިއޯ ޑިނިސް ވޯލްޑަށް ގޮސް ހުރި މީހަކު މީސް މީޑިއާގައި ހިއްސާ ކުރަމުން ބުނެފައި ވަނީ އޭނާ ހިފައިގެން ހުރި 2 ޑަޒަން ވަރަކަށް ފުއްޕާ ހަންތަކުގެ ސަބަބުން ގަދަ ވަޔާއި އެކު މައްޗައް އަރައިގެން ނުދިޔައީ ހަމަ ކިރިޔާ ކަމަށެވެ.

" އެއް ފަހަރު ހީވި އެ މީހާ ވަޔާ އަރައިގެން މައްޗައް ގޮސްދާނެ ހެންވެސް. އެކަމަކު ވަރަށް މަސައްކަތުން އޭނާ ވަނީ ބިންމަތީގައި ހުރެފައި" ވީޑިއޯ ހިއްސާ ކުރި މީހާ ބުނެފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ހާދިޘާ ކުރިމަތި ވެފައި ވަނީ ޑިސްނީ ވޯލްޑްގައި މަސައްކަތް ކުރާ މުވައްޒަފަކަށެވެ. އެ މީހާ މައްޗައް އަރައިގެން ދާން އުޅުނީ އެ ފުއްޕާހަންތަކުގައި ހީލިއަމް ގޭސް އަޅާފައި ހުރުމުގެ ސަބަބުންނާއި މާ ބޮޑަށް ވައި ގަދަވުމުގެ ސަބަބުންނެވެ.

ހީލިއަމް އަޅާފައި ހުންނަ ފުއްޕާހަން ވަކި ވަރަކަށް ވުރެ ގިނައިން ހިފައިގެން ހުރެއްޖެނަމަ މީހާ އާއި އެކު މައްޗައް އެރުމުގެ ފުރުސަތު އޮންނާނެއެވެ. އެ ފުއްޕާހަން ހިފައިގެން ހުރި މީހާ ގަދަ ވަޔާއި ހަނގުރާމަ ކުރުމުން އެތައް ބަޔަކު އަންނަނީ އެމީހާ އަށް ތައުރީފް ކުރަމުންނެވެ.