އެކި މީހުންނަކީ އެމީހުން ތިބޭ ބައްޓަމުގައި ތަފާތު ހުންނަ މީހުންނެވެ. ބައެއް މީހުންނަށް ވަރަށް ހިކިކޮށް ތިބެއެވެ. އަނެއް ބަޔަކު ހިކި މީހުންނަށް ވުރެ ފަލައެވެ. ފަލަ ވުމަކީ ނުވަތަ ހިކިކޮށް މީހަކު ހުރުމަކީ އެހެން މީހުންނާއި ބެހޭ ކަމެއް ނޫނެވެ. ފެންނަ ކޮންމެ މީހެއްގެ ސިފަ އާއި ބެހޭ ގޮތުން ޚިޔާލު ދިނުމަކީ އެއްވެސް މީހަކު ކުރަން ޖެހޭ ކަމެއް ނޫނެވެ. ފެންނަ ކޮންމެ މީހަކާއި ދިމާއަށް "ހާދަ ފަލައޭ" ބުނާ މީހުންނަށް ރަނގަޅު ފިލާވަޅެއް ނަގައިދޭން ޖެހެއެވެ.

އެމެރިކާގެ އަންހެނެއް ކަމަށްވާ ވެގާ ބްލޮސޮމް މިވަނީ އެފަދަ މީހަކަށް ރަނގަޅު ފިލާވަޅެއް ނަގައިދީފައެވެ.

ވެގާ ބޭކަރީ އަކަށް ދިޔައީ ކަޕްކޭކެއް ގަންނާށެވެ. ބޭކަރީގެ ކައުންޓަރު ކައިރީގައި އޭނާ ހުއްޓިގެން ހުއްޓާ ފަހަތުގައި ހުރި ދުވަސްވީ އަންހެނަކު ބުނީ "އަހަރެންގެ އުއްމީދަކީ މިހިރަ ފަލަ މީހާ ހުރިހާ ކަޕްކޭކެއް ނުގަތުން." ކަމަށެވެ.

އުމުރުން 19 އަހަރުގެ ވެގާ އެތަނަށް ދިޔައީ ހުރިހާ ކަޕްކޭކެއް ގަންނާކަށް ނޫނެވެ. ނަމަވެސް ފަހަތުގައި ހުރި އަންހެނަކު އެހެން ބުނުމުން ވެގާ ބޭނުންވީ އޭނާ އަށް ރަނގަޅު ފިލާވަޅެއް ނަގައިދޭށެވެ. އެހެންކަމުން ބޭކަރީގައި އެވަގުތު އޮތް 20 ކަޕްކޭކް އޭނާ ވަގުތުން ގަނެލިއެވެ. އެއަށް 54 އެމެރިކާ ޑޮލަރު (832 ރުފިޔާ) އެރިއެވެ.

ވެގާ ބުނީ އޭނާ ހުންނަ ސިފައަށް މަލާމާތްކޮށް މީހުން އެއްޗެހި ބުނުމަކީ ވަރަށް ދެރަވާ ކަމެއް ކަމަށެވެ. "އެފަދަ އެއްޗެއް ބުނުމުން ރޯން ބޭނުންވޭ. އެހައި ދެރަވޭ." ވެގާ ބުންޏެވެ.

ވެގާ ބުނީ ދުވަހަކު ނުވެސް ފެންނަ އަންހެނަކު އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން އޭނާ އަށް ރީތި ގޮތުގައި ރައްދުދޭން ބޭނުންވީ ކަމަށާއި މީހެއްގެ ސިފަ އަކީ އެހެން މީހަކައި ބެހޭ ކަމެއް ނޫން ކަމަށެވެ.

ވެގާ މިހާދިސާ މީސް މީޑިއާގައި ހިއްސާ ކުރުމުން އޭނާ އަށް ދަނީ ތައުރީފް އޮހެމުންނެވެ. އަދި ވަރަށް ގިނަ މީހުން ދަނީ އެމީހުންނަށް ދިމާވެފައިވާ މިފަދަ ކަންތައްތައް މީސް މީޑިއާގައި ހިއްސާކޮށް "ނުބެހޭ ކަންތައްތައްތަކާއި ނުބެހި ތިބުމަށް" ނަސޭހަތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު