އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ދޮށީ ދަރިފުޅު ޑޮނަލްޑް ޓްރަމްޕް ޖޫނިއާރ 2007 ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖެލިސްގެ ރޭޑިއޯއަކަށް ދިން އިންޓަވިއުއެއްގައި އޭނާގެ އަނބިމީހާ ވެނެސާ ޓްރަމްޕް އޭނާގެ ދޮން މަންމަ މިލާނިއާ ޓްރަމްޕްއަށް ވުރެ އުމުރުން ދުވަސްވެފައިވާ ހެން ހީވާ ކަމަށް ބުނެ ޝަކުވާކުރާ އަޑު އެ އިންޓަވިއުގެ އޯޑިއޯއަކުން އާންމުވެއްޖެއެވެ.

އިންޓަވިއުގައި ޓްރަމްޕް ޖޫނިއާރ ގާތުން އެމެރިކާގެ މަޝްހޫރު ޕްލޭބޯއި މޭންޝަންއަށް އޭނާ ކުރި ދަތުރުގެ ހާލަތާއި ބެހޭގޮތުން ސުވާލުކުރެވުމުން އޭނާވަނީ އެކަން އޭނާއަށް ގަބޫލުކުރަންވެސް ދަތިކަމަށާއި މަޝްހޫރު ޕްލޭބޯއި މެންޝަންގައި އޭނާ ހުންނަން ޖެހުނީ އޭނާގެ މާބަނޑު އަންހެނުންނާއިއެކުގައިކަމަށް ބުނެ އެޔަށްވުރެ އިތުރަށް ދަތުރު ފޫހިވާނެތޯ ބުނެ ސުވާލުކޮށްފައެވެ.

އަދި އޭނާގެ ގާތުން އޭނާގެ އަނބިމީހާއާއި ދޮން މަންމަ މިލާނިއާގެ އުމުރު އެހުމުން އޭނާވަނީ އެ ދޭތެރޭގައި ފަސް ނުވަތަ ހަ އަހަރުގެ ފަރަގެއް އުޅޭނޭކަމަށް ލަފާކޮށް އެތަނުން އުމުރުން ދުވަސްވާނީ އޭނާގެ އަންހެނުން ވެނެސާކަމަށް ވެސް ފަސްނުޖެހި ބުނެފައެވެ. އެހާ ހިސާބުން އޯޑިއެންސްގެ ނުރުހުމުގެ އަޑުއިވުމުން ޓްރަމްޕް ޖޫނިއާރ ވަނީ އެއީ ސަމާސާއެއްކަމަށް ބުނެފައެވެ. ދޮން މަންމަ މިލާނިއާއާއި އެއްވެސްވަރަކަށް ގަޔާވޭތޯ ސުވާލުކުރުމުން ޓްރަމްޕް ޖޫނިއާރ ވަނީ އާދައިގެގޮތަކަށް އެއީ ވަރަށް ރަނގަޅު މީހެއްކަމުގައި ބުނެ ޖަވާބުދީފައެވެ.

ކަޅު ނަސްލުގެ އަންހެނުންނާއި ޓްރަމްޕް ޖޫނިއާރ ގަޔާވޭތޯކުރި ސުވާލަށް ޓްރަމްޕް ޖޫނިއާރ ބުނީ ސައިޒުން ބޮޑުވި ވަރަކަށް އޭނާއަށް ކަމުދާކަމަށެވެ. އަދި އަބަދުވެސް އޭނާގެ ބައްޕަގެ ފިޔަވަޅުތަކުގެ ފަހަތުން ބިލިއަނަރަކަށްވެ އެތައް އަންހެނުންނަކާއި އެކު ގުޅުން ބޭއްވުމަށް ޅަ އުމުރުންސުރެން ވެސް ގަސްތުކުރިންތޯ އެހުމުންވެސް ޓްރަމްޕް ޖޫނިއާރ ވަނީ ވަގުތުން އާއެކޭ ބުނެފައެވެ.

ޑޮނަލްޑް ޓްރަމްޕްގެ މިސް ޔުނިވާރސް ޕެޖެންޓުން ކާމިޔާބު ހޯދި އެއްވެސް ފަރާތަކާއި ޓްރަމްޕް ޖޫނިއާރއާއި ނަހަމަގުޅުމެއް އޮތްތޯ ސުވާލުކުރުމުން ޓްރަމްޕް ޖޫނިއާރ ވަނީ އެތަނުން ކޮން ފަރާތެއްތޯ ސުވާލުކޮށްފައެވެ. އެބަސްތަކަށް ވެސް އޯޑިއެންސްގެ ނުރުހުމުގެ އަޑުއިވުމުން ޓްރަމްޕް ޖޫނިއާރ ވަނީ ވަގުތުން އެއީ ސަމާސާއެއްކަމަށް ބުނެފައެވެ.

ޓްރަމްޕް ޖޫނިއާރ އާއި އޭނާގެ އަންހެނުން ވެނެސާ މިހާރު ދަނީ ވަރިވުމަށް ތައްޔާރުވަމުންކަމަށް ވަނީ މީޑިޔާގައި އެދެމަފިރިން ކަށަވަރު ކޮށްދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑރ

    ނަމްބަރ ޕްލީސް

  2. އެއްމެން

    ހަގީގަތްވާނީ ހަގީގަތަކަށް ދޯ.

  3. އަސްލު

    މިހާ ގޯސްވީމަ ދެން ރަނގަޅުވާނީވެސް ވަރިވުންދޯ !