ދެކުނު ކޮރެއާގެ ޔުނިވާރސިޓީއަކުން މީހުން މެރުމަށް ފަރުމާ ކުރެވިފައިވާ ރޮބޮޓްތަކެއް އުފައްދަން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ބޮއިކޮޓްކުރުމަށް އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގެ ފުންނާބުއުސް 50 ސައިންސްވެރިޔަކު ގޮވާލައިފިއެވެ. އެ ސައިންސްވެރިން ބުނާގޮތުގައި ދެކުނު ކޮރެއާގެ ކޮރެއާ އެޑްވާންސްޑް އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ނަމަކަށްކިޔާ އެ ޔުނިވާރސިޓީއިން ދިޔައީ ހަތިޔާރު އުފައްދާ ކުންފުންޏަކާއިއެކު މީހުން މެރުމަށް ފަރުމާކުރެވިފައިވާ ރޮބޮޓްތަކެއް އުފެއްދުމަށް މަސައްކަތްކުރަމުންނެވެ.

އެ ތުހުމަތުތައް ޔުނިވާރސިޓީއިން ދޮގުކުރިނަމަވެސް އެ ސައިންސްވެރިން ވަނީ އެ ޔުނިވާރސިޓީގެ ރައީސްގެ ފަރާތުން އިންސާނުންގެ ކޮންޓްރޯލެއް އޭގެ މައްޗަށް ނުވާ ހަތިޔާރުތަކެއް ނުއުފައްދާނޭކަމުގެ ޔަގީންކަމެއް ލިބުމުން ނޫނީ ބޮއިކޮޓްކުރުން ނުހުއްޓާނޭކަމަށް އިއުލާންކޮށްފައެވެ. ސައިންސްވެރިން ބުނާގޮތުގައި އެފަދަ އަމަލެއްގެ ސަބަބުން މިހާރުވެސް ދުނިޔޭގެ ގައުމުތަކުގެ މެދުގައި ކޮންޓްރޯލުން ނައްޓާފައިވާ ހަތިޔާރުގެ ވާދަވެރިކަން އިތުރުވެގެންދާނެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް އަކީ ސައިންސްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި އެކަމާއި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދާއިރާއެކެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި އޭ.އައި ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްއަކީ އޭގެން އިންސާނުންނަށް ކޮންޓްރޯލްނުކުރެވޭވަރުގެ ނުރައްކާތެރި މެޝިންތަކެއް އުފެދިގެން ދިޔުމުގެ ބިރު އޮންނަ ކަމެކެވެ. އެ މެޝިންތައް އިންސާނުންނަށް ކޮންޓްރޯލްނުކުރެވޭއިރު އެ މެޝިންތައް އިންސާނުންގެ މައްޗަށް ވެރިވެގަތުމަކީވެސް އެކަށީގެންވާކަމެއްކަމަށް ގަބޫލުކުރާ ފަރާތްތައް މަދެއް ނޫނެވެ.

އަނެއްބައި ފަރާތްތަކުން ދެކޭގޮތުގައި އޭ.އައި އަކީ އެހާ ބިރުގަންނަން ޖެހޭ ކަމެއް ނޫނެވެ. އަދި އެއީ އިންސާނުންނަށް ނުވާ އެތައް ކަމެއް ކުރުމުގެ ގާބިލުކަން ދެވިދާނެ އިންސާނުންނަށް ކުރިއެރުން ގެނުވައިދޭނެ އެއްޗެކެވެ. ކޮންމެ ގޮތަކަށްވިޔަސް އިންސާނުން މެރުމަށް ފަރުމާކުރެވިފައިވާ އެފަދަ ރޮބޮޓްއެއް އުފެއްދުމަކީ އެ ދާއިރާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކުން އެދޭނޭ ކަމެއް ނޫނެވެ.