ޖިންނީންނަކީ އިންސާނުން އުފެއްދެވުމުގެ މާކުރިން ﷲ ޚަލްޤުކުރައްވާފައިވާ މަޚްލޫޤެކެވެ. ޖިންނި ޝައިތާނުންނަކީ ލެއްވި އެއްޗެއްކަން ބުއްދީގެ ހަމަތަކުންނާއި، ޤުރުއާނާއި ސުއްނަތުގެ ދަލީލުތަކުގެ އަލީގައިވެސް އެނގެން ހުރި ނަމަވެސް، ބައެއް މީހުން ޖިންނިއާއި، ޖިންނީގެ ފަރާތުން ޖެހޭ އުނދަގޫތަކާއި ބަލިތައް ދޮގުކުރެއެވެ. މިއީ ވެސް ޖިންނީންގެ ފަރާތުން ދާދި އެހަކަށް ދުވަހު ބަޔަކަށް ދިމާވީ ހާދިސާއެކެވެ.

ކެންބޯޑިއާގައި ހިނގި މި ހާދިސާގެ ބައެއް މަންޒަރު ފެންނަ ވީޑީއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަނީ ފިލްމުގައި ޖިންނީގެ ރޯލު ކުޅެން ހަމަޖެއްސި ފިރިހެން މީހާ، ބިރުވެރި ސިފައެއްގައި މޭކަޕްކޮށްފައި ހުއްޓައި އޭނާއަށް "ގޮތެއް ވާން ފެށުމުން"، ކާސްޓުންނާއި ކްރޫ މެމްބަރުން ބިރުން އުޅޭ މަންޒަރު އެ ވީޑިއޯއިން ފެނިގެންދެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެމީހާ ޖިންނި އަވަލީ މޭކަޕްކޮށް ޝޫޓިންގ ކުރިއަށް ދަނިކޮށެވެ. އެންމެ ފުރަތަމަ އޭނާގެ ފަރާތުން އެފަދަ އިޝާރާތެއް ފެނުމުންވެސް އެއީ ސަމާސައެއް ކަމަށް ހީކުރެވިގެން ޝޫޓިން ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ފަހުން، ފިލްމުގެ އަންހެން ކޯ ސްޓާރަށް އޭނާ ޙަމަލާ ދިނުމުން، ދިމާވެގެން އުޅޭނީ އާދައިގެ ކަމެއް ނޫންކަން އެންމެނަށްވެސް އެނގުނެވެ.

ޖިންނި އަވަލާފައިވާ ކަމަށް ބުނާ މީހާ (ކ) އަދި އޭނާ ޙަމަލާދިން ކޯ-ސްޓާރު (ވ)

އެގޮތުން ކޯ ސްޓާރުގެ ކަރުގައި ވަލެއް އައްސައި އޭނާގެ ކަރަށް ބާރުކޮށް، މަރާލަން އުޅުނު ކަމަށާއި އެ ހާދިސާގައި އެ އަންހެން މީހާއަށް ވަރަށް ބޮޑަށް އަނިޔާވިއިރު އޭނާ ސަލާމަތް ކުރެވުނީ ޓީމުގެ އެންމެން ގޮސް ޖިންނި އަވަލާފައި ކަމަށް ބުނި ފިރިހެން މީހާ ހިފަހައްޓައިގެން ކަމަށް ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅިގެން ހާދިސާ ދިމާވި ފިލްމް ކްރޫގެ މެމްބަރަކު މީސްމީޑިއާގައި ބުނެފައިވަނީ، އެމީހުންގެ ޓީމަށް ޖިންނިއެއްގެ އުނދަގުލާއި ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަން ދިމާވި އަންހެން މީހާ އަދިވެސް އޭގެ އުނދަގުލުން ސަލާމަތް ނުވާކަމަށް ބުނެފައިވެއެވެ.

މި ހާދިސާއަށްފަހު އެ ފިލްމުގެ ކްރޫއިންގެ ބިރުވެރިކަމެއްގެ ތެރޭގައި ތިބިއިރު، ފިލްމުގެ މަސައްކަތް ވަނީ ހުއްޓާލާފައެވެ. އަދި ދެން އެ މަސައްކަތް އަލުން ފަށާނެ ދުވަހެއްވެސް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

މި ޓީމުގެ މެމްބަރުންނާއި ޙަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވާގޮތުގައި، މި ހާދިސާ ދިމާވެފައިވަނީ ކުރިން ހިނގައިދިޔަ ހަޤީޤީ ބިރުވެރި ހާދިސާއެއްގެ މައްޗަށް ބިނާކޮށް ކުޅެން އުޅުނު ފިލްމެއްގެ ޝޫޓިންގ ތެރެއިންނެވެ. އަދި ފިލްމު ކުޅެފައިވަނީ އެ ހާދިސާ ހިނގި ތަނުގެ ތެރޭގައި ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

މި މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑީއޯތައް މިހާރު އެތައް ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، ބައެއް ފަރާތްތަކުން ބުނަމުންދަނީ މިއީ ހަޤީޤަތެއް ނޫން ކަމަށެވެ. ނަމަވެސް އަނެއް ބަޔަކު އެފަދަ ކަމެއް ހިނގާފާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް ބުނެފައިވެއެވެ. އަދި އޭނާގެ މޫނަށް ބަލައިލުމުންނާއި ޙަރަކާތްތައް ހުރިގޮތުން، ޖިންނިއެއްގެ އުނދަގުލާއި ކުރިމަތިވެފައިވާ ކަން ހާމަވާކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

ބިރުވެރި ފިލްމެއް ޖަންގައްޔެއްގެ ތެރޭގައި ޝޫޓް ކުރަމުންދިޔަ އިންޑިއާގެ ފިލްމު ކްރޫއަކަށްވެސް މިފަދަ ހާދިސާއަކާއި މީގެ ކުރިން ދިމާވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަވެސް އަވަލިއޭފަތިސްހަނދުވަރުގަ އަދިވެސް މިއުޅެނީ އެހެން