އެމެރިކާގެ ޓެކްސަސް އަށް ނިސްބަތްވާ ފިރިހެނަކު އޭނާގެ އަނބިމީހާ އަށް ނޭނގި ކާމިޔާބު ކަމާއި އެކު އޭނާގެ އަނބިމީހާ ވަރި ކުރުމަށް ފަހު އުޅޭތާ އެތައް ދުވަހެއް ފަހުން އެކަން ފަޅާ އެރުމުން ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އުމުރުން 51 އަހަރުގެ ޕައުލް ނިކްސަން އޭނާގެ އަނބިމީހާ ވަރި ކުރަން ބޭނުންވުމުން އެވާހަކަ އެއް އެއްވެސް މީހެއް ކައިރިއަކު ނުދައްކައެވެ. އޭގެ ބަދަލުގައި ވަރި ކުރާ ފޯމު ދެމީހުން މަތިން ފުރާފައި އަނބިމީހާގެ ފޭކު ސޮއި ކޮށްގެން ކޯޓު އަޑުއެހުމަށްވެސް އެކަނި ގޮސް، ކާމިޔާބު ކަމާއި އެކު އޭނާގެ އަންހެނުން ވަރި ކުރިއެވެ.

ޕައުލް ފޯމު ހުށަހެޅީ ވެލަންޓައިންސް ދުވަހާއި ޖެހިގެން އައި ދުވަހުއެވެ. (ފެބްރުއަރީ 15ގައި) ނަމަވެސް އޭނާގެ އަންހެނުންނަށް ޕައުލް ހުރީ އޭނާ ވަރި ކޮށްފައިކަން އެނގުނީ މެއި މަހުގެ ތެރޭގައެވެ. ޕައުލް މާ ގިނައިން ގަހަނާތައް ގަނެގެން އުޅޭކަން އޭނާގެ އަންހެނުންނަށް އެނގުމުން އެކަމާއި ބެހޭ ގޮތުން ސުވާލު ކުރުމުން ޕައުލް ބުނެފައި ވަނީ އެ ދެމީހުން މިހާރު ވަރިވެފައި ތިބުމުން ބަލަން ނުޖެހޭނޭ ކަމަށެވެ.

މިހެން ބުނުމާއި އެކު ޕައުލްގެ އަންހެނުންނަށް ބޮޑު ޝޮކެއް ލިބިގެން ދިޔައިރު ފުލުހުންނަށް މައްސަލަ ޖައްސައިގެން ބެލި ބެލުމުން އެނގުނީ އެ ދެމީހުން ހަގީގަތުގައިވެސް ވަރިވެފައިވާ ކަމެވެ. ނަމަވެސް ޕައުލް އެކަން ކުރީ ގާނޫނާއި ހިލާފަށް ފޭކު ސޮއި ކޮށްގެން ކަމުން އެއީ ސައްހަ ވަރި އެއް ނޫން ކަމަށް މިހާރު ވަނީ ކަނޑައަޅާފައެވެ.

ޕައުލް މިހާރު އަނބިމީހާ އާއި ފުލުހުންނަށްވެސް ފިލައިގެން އުޅޭއިރު، އޭނާގެ މައްޗައް ކޯޓުގައި ދޮގު ހެދި ކަމާއި، ފޭކު ލިޔެކިޔުންތައް ހުށަހެޅިކަމުގެ ކުށް ސާބިތުވެއްޖެނަމަ 10 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އައުން ވަރަށް ގާތެވެ.