ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ގެންނަ އެއް ކުންފުނި ކަމަށްވާ ތޯމަސް ކުކް ބަނގުރޫޓުވެ އެ ކުންފުނީގެ އުދުހުންތައް ހުއްޓާލާފައިވުމުން ރާއްޖެ އަންނަން ދަތުރު ރާވައިގެން ތިބި ގިނަ ބަޔަކަށް ވަނީ މާޔޫސްކަން ލިބި ގޮތް ހުސްވެފައެވެ. އެގޮތުން މިއީވެސް އެފަދަ ދެމަފިރިއެއްގެ ވާހަކައެވެ.

މެންޗެސްޓަރ އަށް އުފަން އުމުރުން 25 އަހަރުގެ ލުވިސް ބްރޮމިލޭ އާއި އޭނާގެ އަންހެނުން ކައިވެނީ ކުރީ މިދިޔަ އޯގަސްޓު މަހުއެވެ. އެހެން ދެމަފިރިއެކޭ އެއްގޮތަށް އެ ދެމީހުންވެސް ބޭނުންވީ ކައިވެނީގެ ފެށުން ދިވެހިރާއްޖެއިން ފެށުމަށެވެ. އެގޮތުން ހަނީމޫން ދަތުރެއް ރާވައި ރާއްޖެއައުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްފިއެވެ. ރާއްޖެ އައުމަށްޓަކައި ދެކޮޅު ޓިކެޓު ހިމެނޭ ގޮތަށް އެ ޓްރެވަލް އޭޖެންސީއަކަށް ފުލް ޕޭމަންޓުން ފައިސާވެސް ދައްކައިފިއެވެ. މުޅި ހޮލިޑޭ ޕެކޭޖަށް އޭނާ ވަނީ 134،158.16 ރުފިޔާ (8700.27 ޑޮލަރު) ދައްކާފައެވެ.

އެ އެއާލައިނުން ރާއްޖެ އަންނަން ތިބި އެތައް ހާސް ފަތުރުވެރިންނަށް ލިބުނީ މި ލަނޑެވެ. ހަނީމޫންގެ ފުރިހަމަ ހިތްގައިމުކަން ރާއްޖޭގެ ރީތި ގޮނޑުދޮށްތަކުން ލިބިގަންނަން ތިބި އެތައް ބަޔަކު މިހާރު ދަނީ މީސް މީޑިއާގެ އެކި ވަސީލަތްތަކުގައި އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

"އަޅުގަނޑުމެން މި ދަތުރު ބުކް ކުރީ މީގެ އަހަރެއްހާ ދުވަސް ކުރިން. ހުރިހާ ކަމެއް ޕްލޭން ކޮށްގެން ރޭވި މި ދަތުރަކީ އެންމެ އަގުހެޔޮކޮށް ލިބުނު ޑީލް. ނަމަވެސް ދެން އަލުން ބުކް ކުރެވޭކަށްވެސް ނޯންނާނެ. އެއީ މި ޑީލް ދެން އަލުން ނުލިބޭނެތީ. މިއީ މި އަގުގަ އަޅުގަނޑުމެންނަށް ލިބުނު ހަމައެކަނި ކަމުދާ ޑެސްޓިނޭޝަން،" ލުވިސް ބުނެފައިވެއެވެ.

އޭނާ ބުނެފައިވާ ގޮތުގައި އެދެމަފިރިން ރާއްޖެ އަންނަން ބޭނުންވީ އެއީ ރާއްޖެ އަކީ ފާހަގަކުރެވޭ "ދުނިޔެމަތީގެ ސުވަރުގެ" ކަމަށްވާތީއެވެ.

"އަޅުގަނޑުމެން ޕްލޭންކޮށްފަ އޮތީ އަވަހަށް ދަރިން ހޯދަން. އެހެންވެގެން ދަރިއަކު ހޯދުމުގެ ކުރިން މިކަހަލަ ޚާއްސަ ދަތުރެއް އަޅާލަން ބޭނުންވީ. ދަރިއަކު ލިބުމުން މިއީ ކުރަން ދަތިވާނެ ކަމަކަށްވާތީ،" ލުވިސް ބުނެފައިވެއެވެ.

ތޯމަސް ކުކް ބަނގުރޫޓުވެ، އެކަން އިއުލާންކުރި ގޮތާ މެދު ލުވިސްގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެގޮތުން އޭނާ ބުނެފައިވާ ގޮތުގައި އެކުންފުންޏަށް ދިމާވި ހާލަތުގައި ކުންފުނީގެ ކަސްޓަމަރުންނާ މެދު، ޚާއްސަކޮށް އޭނާއާއެކު މުއާމަލާތްކޮށްފައިވާ ގޮތާމެދު އޭނާ ހިތްހަމަ ނުޖެހެވެ.