ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި ފައި ހަމަކުރުމުގެ ގޮތުން، އިންޑިއާއިން މިއަހަރު ހަނދަށް ފޮނުވާލި ޖައްވީ އުޅަނދުގައި ހިމެނޭ "ވިކްރަމް" ލޭންޑަރ ހަނދަށް ވެއްޓި، ހަނދު ބަލާލަން އިންޑިއާއިން ފެށި މިޝަން ނާކާމިޔާބު ވެފައި ވާއިރު، މިދިޔަ ހުކުރު ދުވަހާއި ހަމައަށްވެސް އެޤައުމުގެ ޖައްވީ އިދާރާ އިން ބެލީ، އެ އުޅަނދާއި އަޅުން ގުޅޭތޯއެވެ. ނަމަވެސް އެ މަސައްކަތް ވީ ނާކާމިޔާބެވެ. އެހެންކަމުން ދެން އިތުރަށް އެ އުޅަނދާއި ގުޅޭނެކަމަށް ކުރެވުނު އުންމީދު، އިންޑިއާގެ ސައިންސްވެރިން މިހާރު ވަނީ ކަނޑާލާފައެވެ.

އިންޑިއާގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރީސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން ހަނދަށް ފޮނުވާލި "ޗަންދްރަޔާން-2" އަކީ އެޤައުމުން ހަނދަށް ފޮނުވާލި ފުރަތަމަ އުޅަނދެވެ. ހަނދުގެ ދިރާސާތައް ކޮށް ހޯދުންތައް ހޯދުމަށް، މި އުޅަނދު ހަނދުގެ އޯބިޓަށް ވަނުމަށްފަހު، ހަނދުގެ ބިންފަދަ ފަށަލައަށް ތިރިކުރުމަށް މަސައްކަތް ކުރީ އެ އުޅަނދުގައިވާ "ވިކްރަމް" ލޭންޑާއެވެ. ނަމަވެސް ހީކުރިގޮތާއި ޚިލާފަށް، ޖައްސަން ކައިރިވެފައި ވަނިކޮށް މި އުޅަނދު ހަނދަށް ވެއްޓި ހަލާކުވީއެވެ.

އިސްރޯގެ ސައިންސްވެރިން ބުނާގޮތުގައި "ވިކްރަމް" އަކީ 14 ދުވަހުގެ މުއްދަތަށް މަސައްކަތް ކުރާ ގޮތަށް އުފައްދާފައިވާ ލޭންޑާއެކެވެ. މި ލޭންޑާ 14 ދުވަހަށްފަހު އަމިއްލައަށް ނިވޭނެ ކަމަށް އެފަރާތްތަކުން ބުނެއެވެ. އެއީ ހަނދަށް ފިނިމޫސުން އައިސް އާދަޔާއި ޚިލާފަށް ފިނިވާނެތީ އޭގައިވާ ބައެއް އާލާތްތައް ފެއިލްވާނެކަން ކުރިންވެސް އެނގިފައިވާތީ ކަމަށް ސައިންސްވެރިން ބުނެއެވެ.

ވިކްރަމް ލޭންޑާ ހަނދަށް ވެއްޓުނުފަހުން މިދިޔަ ހުކުރު ދުވަހާއި ހަމައަށް ވަނީ 14 ދުވަސް ފާއިތުވެފައެވެ. އެހެންކަމުން މިހާރު އޭގެ ސިސްޓަމްތައް ވާނީ "ޝަޓްޑައުން" ވެފައިކަމުން، ދެން އިތުރަށް އެ ލޭންޑާ އާއި ގުޅޭނެ އެއްވެސް ގޮތެއް ނޯންނޭ ކަމަށް އިސްރޯގެ ސައިންސްވެރިން ބުނެއެވެ. އެހެންކަމުން ވިކްރަމް އާއި ގުޅުމަށް ކުރި އުންމީދުވެސް ހާސިލްނުވެ، އެ މަސައްކަތް ހުއްޓާލުމަށް އެފަރާތްތަކަށް ވަނީ މަޖުބޫރުވެފައެވެ.

ހަނދަށް ފިނިމޫސުން ބޯމަތިވެފައިވާއިރު، މި ފިނިމޫސުމުގައި ހަނދުގެ ބިންފަދަ ފަށަލައިގެ ފިނިހޫނުމިން މައިނަސް 183 ޑިގްރީ ސެލްޝިއަށް ދަށްވާނެއެވެ.