ދުނިޔެއަށް ސިއްޙީ ބޮޑު ކާރިސާއެއް ކުރިމަތިކުރުވަފާނެ ފަދަ ނުރައްކާތެރި ވައިރަސްތައް ގެންގުޅުމުގެ ހުއްދަ ދުނިޔޭގައި ދީފައިވާ ހަމައެކަނި ދެ ރީސާޗް ލެބުގެ ތެރެއިން، ރަޝިޔާގެ ސަރަޙައްދެއް ކަމަށްވާ ސައިބީރިއާގައި ޤާއިމްކޮށްފައި ހުރި "ވެކްޓަރ" ލެބްގައި ބާރުގަދަ ގޮވުމެއް ގޮވައިފިއެވެ.

ހޯމަ ދުވަހު މި ހާދިސާ ހިނގާފައި ވަނީ، ނުރައްކާތެރި ސްމޯލްޕޮކް އާއި އެންތްރެކްސް އާއި އެބޯލާއަށް މެދުވެރިކުރާ ވައިރަސް ރައްކާކޮށްފައި ހުރި ލެބެއްގައި، މަރާމާތުގެ މަސައްކަތެއް ކުރަމުން ދަނިކޮށް އެތަނުގައި ހުރި ދުވަސްވީ ގޭސްފުޅިއެއް ގޮވުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ލެބް ހިންގަމުންދާ ބޮޑު އިމާރާތުގެ ފަސްވަނަ ފަންގިފިލާގައި ހިނގި މި ހާދިސާގައި އެވަގުތު އެތަނުގައި ހުރި މަސައްކަތު މީހަކަށް ބޮޑެތި އަނިޔާ ލިބިފައިވާއިރު، ހާދިސާ ހިނގި ވަގުތު ހިނގި އަލިފާނުގެ ހާދިސާގައި އޭނާގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިގެން މިހާރު ފަރުވާދެމުން ދަނީ އައިސީޔޫގައެވެ.

ދުނިޔޭގެ ވައިގެ ތެރެޔަށް ދޫވެއްޖެނަމަ ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ މިންވަރަށް ވައިރަސް ރައްކާކޮށްފައި ހުރި މި ލެބްގައި ގޮވި ފަސްވަނަ ފަންގިފިލާއަކީ ވައިރަސް ރައްކާކޮށްފައި ހުރި ފަންގިފިލާ ނޫންކަމުން، ހާދިސާގައި އެތަކެތި ރައްކާކޮށްފައި ހުރި ކޮންޓެއިނަރުތައް ވަނީ ސަލާމަތްވެފައެވެ. އެހެންކަމުން ވައިގެ ތެރެއަށް މިއިން އެއްވެސް ވައިރަސްއެއްގެ މިންވަރެއް ދޫވެފައި ނުވާކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް ވައިގެ ތެރެއަށް ނުރައްކާތެރި އެއްވެސް ބައެއް މިތަނުން ދޫވެފައިވޭތޯ ބެލުމުގެ މަސައްކަތް އެފަރާތްތަކުން ދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގި ވަގުތު އެ އިމާރާތުގެ ފަސްވަނަ ފަންގިފިލާގެ ބޮޑު ބައެއް އަނދާފައިވާއިރު، އެ އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލެވުނީ ވަގުތުން އެ ސަރަޙައްދަށް ފޮނުވި 13 ފަޔަރ އިންޖީނެއް ބޭނުންކޮށްގެންނެވެ.

ވެކްޓަރ ލެބަކީ ރަޝިޔާގައި ހުންނަ ބަޔޯރީސާޗްގެ އެންމެ ބޮޑު ލެބެވެ. ބޮޑު ހަނގުރާމައިގެ ދުވަސްވަރު މި ލެބު ބޭނުންކުރަމުން ދިޔައީ ބަޔޯވެޕަން ދިރާސާތައް ކުރިޔަށްގެންދިއުމަށެވެ. ނަމަވެސް މިހާރު މިތަން ބޭނުންކުރަނީ، ފަރުވާއެއް ނެތް ނުރައްކާތެރި ސްވައިންފްލޫ އާއި އެޗްއައިވީ އާއި އެބޯލާފަދަ ބޮޑެތި ނުރައްކާތެރި ބަލިތަކަށް ވެކްސިން އުފެއްދުމުގެ މަސައްކަތާއި ދިރާސާތައް ކުރުމަށެވެ.

2004 ވަނަ އަހަރު މި ލެބުގައި ރަޝިޔާގެ ތަޖުރިބާކާރު ސައިންސްވެރިއަކު ދިރާސާ މަސައްކަތްތަކެއްގައި އުޅެނިކޮށް، އެބޯލާ ވައިރަސް ހުރި ކައްޓެއް އޭނާގެ ގައިގައި ޖެހި ވައިރަސްގެ އަސަރު ވަގުތުން އޭނާގެ ހަށިގަނޑަށްކޮށްގެން މަރުވިއެވެ.