އެއް ފަހަރާ ހަތަރު އަންހެނުންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފްރާންސް ފިރިހެނަކު އެންމެ ފަހުން ބޭޒާރުވެ އެއަންހެނުންތަކުގެ އަތްދަށު ވެއްޖެއެވެ.

އުމުރުން 27 އަހަރުގެ އޭނާ ހަތަރު އަންހެނުންނާއި އެއްފަހަރާ ރައްޓެހިވެގެން އުޅުނު ކަން ހުރިހާ އަންހެނުންނަށް އެނގުމުން އެއަންހެނުންތައް ވަނީ އޭނާގެ ކިބައިން ބަދަލު ހިފަން އެއްބައި ވެފައެވެ. ހަތަރު އަންހެނުން ވަނީ އޭނާ ހުރިތަނަށް ގޮސް ކަތުރަކުން އޭނާ އަށް ހަމަލާދީ އޭނާގެ ބޯ ފަޅާލާ އިތުރު އަނިޔާތަކެއް ވެސް އޭނާ އަށް ދީފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަންހެނުންތައް އެމީހުންނަށް ބޭވަފާތެރިވި ލޯބިވެެރިޔާ އަށް ހަމަލާ ދިނުމަށް ހޭދަކުރީ އެންމެ 15 މިނެޓެވެ. ނަމަވެސް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަން ތިން ދުވަސް ވަންދެން އޭނާ ހޮސްޕިޓަލްގައި އޮންނަން ޖެހުނެވެ.

ފްރާންސް މީޑިއާތަކުން ބުނާ ގޮތުގައި އަންހެނުންގެ ހަމަލާ އިން ސަލާމަތްވެގެން ފިރިހެން މީހާ ވަނީ ފުލުހުންނަށް ގުޅާފައެވެ. ނަމަވެސް ފުލުހުން އައިއިރު ހަތަރު އަންހެނުން ފިލައިފިއެވެ. އަންހެނުންތައް ފިލައިގެން ދިޔައީ ފިރިހެން މީހާގެ އަންނައުނުތަކާއި އޭނާގެ ފޯނު ވެސް ހިފައިގެންނެވެ.

ނަމަވެސް އޭގެ ދެދުވަސް ފަހުން ހަތަރު އަންހެނުން ހައްޔަރުކޮށް އެމީހުންގެ މައްޗަށް ވަނީ މީހަކަށް ހަމަލާދިނުގެ ދައުވާ އުފުލާފައެވެ. ދައުވާ އުފުލުމަށް ފަހު މިހާރު ވަނީ އެމީހުން ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. މިމައްސަލައިގެ ޝަރީޢަތެއް ދެން އޮންނާނީ ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކަމަނަ

  ކުރިވަރު އަދި ކުޑަ

 2. ށަން

  ?????????

 3. ފިރި

  އެ ދެން އެވަރު ކަމެއްތަ؟ މި އަންހެނުން ކަންތައްވެސް މާ ބޮޑީ ދެން...

  • ގިރިޓީ ދަވާދު

   ދެން "ފިރި"އަށް އެވަރުކަމެއްނޫންދޯ ތިބާ ރައްޓެހިވެގެން އުޅޭ އަންހެންކުއްޖާ ނުވަތަ އަނބިމީހާ ތިބާގެ އިތުރުން ހައެއްކަ މީހުންނާ ސައިޑު ކަޓް ޖެއްސިޔަސް.ތީ މައްސަލައަކަށް ނުވަންޏާ މިވެސް މައްސަލައަކަށް ނުވާނެ ދޯ..

 4. ޢަލީ

  މަރާލިނަމަ...