ފޭސްބުކް އިން ހިންގަމުންދާ ވާދަވެރިކަމާ ހިލާފު ކަންކަމުގެ ސަބަބުން ސްނެޕްޗެޓް އިން އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަން، (އެފްޓީސީ) އަށް ފޭސްބުކް އާއި ދެކޮޅަށް މައްސަލަ އެއް ހުށަހަޅައިފިއެވެ.

ފޭސްބުކް އިން "ކޮޕީ ކެޓް" ސިޔާސަތެއް ގެންގުޅޭ ކަމަށް ތުހުމަތުކޮށް، ސްނެޕްޗެޓް އިން މައްސަލަ ހުށެހެޅިއިރު އެމީހުން ދިޔައީ ވަރަށް ގާތުން ފޭސްބުކް އިން ކުރަމުން ދާ ކަންތައްތައް ބަލާ، ދިރާސާ ކުރަމުންނެވެ. ސްނެޕްޗެޓުގެ ބެލެނިވެރި ކުންފުނި، ސްނެޕް އިން ވަނީ މިކަމާ ގުޅޭގޮތުން ބޮޑު ފައިލް އެއް ތައްޔާރު ކޮށްފައެވެ.

އޭގައި ސްނެޕް އިން ބުނާ ގޮތުން ފޭސްބުކް އިން ފުރަތަމަ ފަށައިގަތީ ވެސް ވާދަވެރިންގެ އުފެއްދުންތަކުގެ ހިމެނޭ ކަންތައްތައް ކޮޕީ ކޮށް އެމީހުންގެ ވެބްސައިޓުގައި ހިމަނައިގެން ކަމަށެވެ. އަދި ސްނެޕްޗެޓުގެ 'ސްޓޯރީ' ފީޗާ އަކީ ސްނެޕް އިން ތައްޔާރުކުރި އެއްޗަކަށް ވީއިރު ފޭސްބުކް އިން މިހާރު އެވެސް ކޮޕީ ކޮށްފައިވާ ކަމަށް އެ ފައިލް ގައި ތަފްސީލުކޮށް ބުނެދީފައި ވެއެވެ.

މީގެ އިތުރުން މިހާރު ފޭސްބުކް އިން ހިންގަމުންދާ 'ވަޓްސްއެޕް' އާއި 'އިންސްޓަގްރާމް' އަކީވެސް އެހެން އުފެއްދުންތައް ކޮޕީ ކުރާ އެއްޗެއް ކަމަށް ތުހުމަތު ކޮށްފައިވެއެވެ. މީގެ އިތުރުން އިންސްޓަގްރާމްގައި މަޝްހޫރު އެކައުންޓްތަކުން ސްނެޕްޗެޓްގެ ނަން ލިޔެފައި އެއްޗެއް ޝެއާ ކުރަން އުޅުނަސް އެ ކުންފުނިން އިންޒާރު ދޭ ކަމަށް ސްނެޕް އިން ބުނެއެވެ.

ސްނެޕް އިން އެފްޓީސީ އަށް ހިއްސާކުރި މަޢުލޫމާތު ތަކަކީ ފޭސްބުކްގެ ނޭދެވޭ ވާދަވެރި ވިޔަފާރީގެ އުސޫލުތަކުގެ ސާފު މަންޒަރެއް އެމެރިކާގެ ޓްރޭޑް ކޮމިޝަނަށް ދެއްކުމުގެ ބޭނުމުގައި ކުރާ ކަމެކެވެ. މައުލޫމާތު ލިބޭ ގޮތުގައި ފޭސްބުކްގެ ބާނީ، އަދި އެކުންފުނީގެ ސީއީއޯ، މާކް ޒުކުރެންބާގް އާއި ދެކޮޅަށްވެސް ސްނެޕްގެ ފައިލް ގައި ވަނީ މައުލޫމާތު ހިމަނާފައެވެ. އެގޮތުން މީސް މީޑިއާ އަށް އާ ކުންފުންޔެއް ނުކުންނައިރަށް ފޭސްބުކްއިން އެ ކުންފުނި ގަތުމަށް ހުށެހެޅުމާއި، އެކަމަށް އެއްބަސް ނުވެއްޖެނަމަ ފޭސްބުކް އިން އެ ބަޔަކުގެ އުފެއްދުމުގައި ހިމެނޭ މަޝްހޫރު ކަންކަން ކޮޕީ ކުރާނެ ކަމަށް ބުނެ ބިރު ދެއްކުން ހިމެނެއެވެ.

ސްނެޕްގެ އިތުރުންވެސް އެތައް ބަޔަކު ފޭސްބުކް އާއި ދެކޮޅަށް އެ ކޮމިޝަނުގައި އަންނަނީ މައްސަލަ ޖައްސަމުންނެވެ. މިގޮތުން ފޭސްބުކް "އަސްލު ފަށައިގަތް މީހުން" އެމީހުންނަށް ފޭސްބުކް އިން ދުރުވާން މަޖުބޫރު ކުރުވި ސަބަބުތަކާ ބެހޭގޮތުންނާއި، އަދި ބައެއް އެހެން ކުންފުނިތަކުގެ ވެރިން އެމީހުންގެ އުފެއްދުން ފޭސްބުކް އަށް ވިއްކާލަން ޖެހުނު ސަބަބުތަކާ ބެހޭގޮތުން ވެސް އެފްޓީސީ އަށް މައްސަލަ ހުށަހަޅާފައި ވެއެވެ.

2019 ވަނަ އަހަރަކީ ފޭސްބުކް އަށް އެހާ ފާގަތި އަހަރެއް ނޫނެވެ. ފޭސްބުކް އަށް ދާދި ފަހުން ވަނީ އެފްޓީސީ ގެ ތާރީޙުގައިވެސް ބަޔަކާ ދެކޮޅަށް ކުރި އެންމެ ބޮޑު ޖޫރިމަނާ އަރުވާފައެވެ. އެގޮތުން މީސްމީޑިއާގައި އެންމެ ގިނަ ބަޔަކު ވަދެ އުޅޭ ފޭސްބުކް ވަނީ މީހުންގެ ޒާތީ މަޢުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން 5 ބިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. ފޭސްބުކް ގެ "ކޮޕީކެޓް" ސިޔާސަތުގެ ސަބަބުން ޖޫރިމަނާ އަށް އަރާނީ ކިހާ ވަރެއްތޯ ވަގުތާ އެކީ އެނގޭނެއެވެ.