އުނަގަނޑުގައި ޖަހާ މަސްތައް ނުވަތަ "ލަވް ހެންޑްލްސް" އެއީ އެންމެން ވެސް އެންމެ ފޫހިވާ އަދި އެންމެ އަވަހަށް ބަދަލުކޮށްލަން ބޭނުންވާ ކަންތަކެވެ. ސައިކަލަކަށް އެރިޔަސް އުނަގަނޑުގެ ދެފަރާތަށް އޮންނަ މި މަސްތައް ވަރަށް ފަސޭހައިން ލޮލުގައި އަޅައިގަންނާނެ އެވެ. ރީތި ހެދުމެއް ލާން ބެއްޔަސް އަދި ވަކި ސްޓައިލެއްގެ ހެދުމެއްލާން ބޭނުންވިޔަސް "ލަވް ހޭންޑްލްސް" އާ ހެދި އެކަމެއް ކުރެވޭ ގޮތެއް ނުވެއެވެ.

ހަށިގަނޑު ކޮންމެ ބައްޓަމެއްގައި ހުއްޓަސް ސަރުބީ ޖަހައެވެ. ހަށިގަނޑުގައި ސަރުބީ ޖެހުމަށް މެދުވެރި ވަނީ ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ކެލޮރީސް އެތެރެކޮށް، އެވަރަށް ހަށިގަނޑުން ކެލޮރީ ނާންދާތީ އެވެ. އިތުރުވާ ކެލޮރީސް ހަށިގަނޑުގެ އެކި ތަންތަނުގައި ސަރުބީގެ ގޮތުގައި ހަރުލަނީ އެވެ. ހާއްސަކޮށް ބަނޑާއި އުނަގަނޑުގަ އެވެ.

ހަށިގަނޑުގެ ކޮންމެ ތަނެއްގައި ވެސް ސަރުބީ ޖަހާފާނެ އެވެ. އެހެން ނަމަވެސް، ބަނޑާއި ދިމާލުގަ އާއި އުނގަނޑުގައި އާއްމުކޮށް ސަރުބީ ޖެހުމަށް މެދުވެރިވާ ސަބަބުތަކެއް ހުރެ އެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ކަންކަމުގެ ތެރޭގައި ހޯމޯންސަށް އަންނަ ބަދަލާއި ސްޓްރެސް އުފައްދާ ކޯޓިޒޯލް ހިމެނެ އެވެ.

މީހާގެ އުމުރަކީ ވެސް ބަނޑުގައި މަސްޖެހުމަށް މެދުވެރިވެދާނެ ކަމެކެވެ. ހަރަކާތްތެރިކަން ކުޑަވުމާއި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުން ނުކުރުމަކީ ވެސް މިކަމުގެ ސަބަބެކެވެ. އާއްމު ގޮތެއްގައި ފެޓް ގިނަ ހަކުރުމަތި ހައި ކެލޯރީ ގިނަ ކާނާ އާއި ހަށިގަނޑަށް ބޭނުންވާ އަރާމު ނިދި ނުލިބުމާއި މީހާގެ މެޓަބޮލިޒަމް ދަށްކުރާ ފަދަ ބައްޔެއް ޖެހުމާއި، ތައިރޮޑް މައްސަލަ ހުރެއްޖެނަމަ ވެސް އުނަގަނޑުގައި ސަރުބީ ޖެހުން އިތުރު ވެއެވެ.

އުނަގަނޑުގައި ޖަހާ މި ފަދަ ލޮކި މަސްތައް ދުއްވާލަން ބޭނުން ނަމަ ހާއްސަ ކަސްރަތުތަކެއް ކުރަން ޖެހެ އެވެ. އެންމެ ރަނގަޅީ ކާޑިއޯ ކަސްރަތެވެ. ހިނގުން، ދުވުން، ބައިސްކަލް ދުއްވުން އަދި ފެތުމާއި ބަރު އުފުލާ ބަނަޑަށް ހާއްސަ ކަސްރަތުތައް ކުރުމަކީ މިކަމަށް އޮތް އެންމެ އަވަސް ހައްލު ކަމަށް ގިނަ ބަޔަކު އިއްތިފާޤުވެއެވެ.