ވޮޝިންޓަންގެ ފަރުބަދަމަތީ ސަރަޙައްދެއްގައި ބައިސްކަލް ދުއްވާފައި ދަނިކޮށް، ވެއްޓި ބޮލަށް ލިބުނު އަނިޔާގައި ހޭނެތުނު މީހަކު، އޭނާ އަޅައިގެން ހުރި ފަހުގެ އެޕަލް ގަޑި، "އެޕަލް ވޮޗް - ސީރީޒް 5"ގެ ސަބަބުން ސަލާމަތްވެއްޖެއެވެ.

ނޫސްތައް ބުނާގޮތުގައި، އޭނާ އުސް ތަނަކުން ވެއްޓި ގާގަނޑެއްގައި ބޯ ޖެހުނު ވަގުތު، އޭނާ އަޅައިގެން ހުރި ގަޑީގެ ސެންސަރަށް ވަނީ އެކަން ރެކޯޑު ކުރެވިފައެވެ. މިކަމާއި ގުޅިގެން ގަޑީގައިވާ ޚާއްސަ ފީޗާއެއް މެދުވެރިކޮށް އިމަޖެންސީ ޚިދުމަތްދޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ވަނީ ގެނެވިފައެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 62 އަހަރުގެ ބޮބް ބާޑަޓް ނަމަކަށްކިޔާ މީހަކަށެވެ. އޭނާ ވެއްޓި ބޮލަށް އަނިޔާވުމުން ވަގުތުން ހޭނެތުނުއިރު، ހޭއެރިއިރު އޭނާ އޮތީ އެމްބިއުލާންސް ތެރޭގައި ކަމަށް އޭނާ ބުންޏެވެ.

ފަރުބަދަމަތިން ބޮބް ވެއްޓުނުތާ ގިނައިރުތަކެއް ނުވެ ކަމާއި ބެހޭ ފަރާތްތަކުން ވަނީ އޭނާ އޮތް ސަރަޙައްދަށް ގޮސްފައެވެ. އަދި ވަގުތުނ އޭނާ ނަގައިގެން ހޮސްޕިޓަލަސް ގެންގޮސް ވަނީ ފަރުވާ ދީފައެވެ. މި ހާދިސާއަށް ފަހު ބޮބް އަށް އަވަސް ފަރުވާ ނުދެވުނު ނަމަ އޭނާގެ ފުރާނައަށްވެސް ނުރައްކާ ވުމުގެ ފުރުސަތު އޮތްކަމަށް ސިއްޙީ އޮފިޝަލުން ބުނެފައި ވެއެވެ.

މި ހާދިސާއާއި ގުޅިގެން ފަރުވާ ދިނުމަށްފަހު ބޮބް މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. މި ހާދިސާގައި ބޮބް އަޅައިގެން ހުރި އެޕަލް ގަޑީގެ ޑިސްޕްލޭ ވަނީ ތަޅައިގެން ގޮސްފައެވެ. ނަމަވެސް ގަޑިއަށް އިތުރު އެއްވެސް މައްސަލައެއް ޖެހިފައެއް ނުވެއެވެ.

އެޕަލް ވޮޗްގެ އެންމެ ފަހުގެ ސީރީޒްގެ ގަޑިއެއްގެ ސަބަބުން މިއީ މީހެއްގެ ފުރާނަ ސަލާމަތްވީ ފުރަތަމަ ފަހަރެވެ. އުސްތަނަކުން ވެއްޓުމުން އެކަން އެނގޭ ޚާއްސަ ފީޗާއަކީ އެޕަލް ވޮޗްއަށް އަލަށް ތަޢާރަފްކޮށްފައިވާ ފީޗާއެވެ. މި ފީޗާ މެދުވެރިކޮށް، މީހަކު ތަނެއްގެ މަތިން ވެއްޓި ވަކި ސިކުންތުކޮޅެއް ވަނދެން އޭނާގެ އެއްވެސް ހަރަކާތެއް ނެތްނަމަ ވަގުތުން ކަމާއި ބެހޭ ފަރާތްތަކަށް އިމަޖެންސީ ކޯލެއް ކުރެއެވެ.