އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ އެޤައުމުގެ ބައްޕަ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނުމުން، ގިނަ ބައެއްގެ ފާޑުކިއުން އެކަމަށް އަމާޒުވެއްޖެއެވެ. ޓްރަމްޕްގެ މި ވާހަކަ އާއި ގުޅިގެން ގިނަ ބަޔަކު ނުތަނަވަސްވެފައިވަނީ، އެ ލަގަބަކީ އިންޑިއާއަށް މިނިވަންކަން ގެނެސްދިން އެޤައުމުގެ ބަތަލް، މަހާތުމާ ގާނދީއަށް ދީފައިވާ ލަގަބެއް ކަމަށްވާތީއެވެ.

ޓްރަމްޕް މޯދީއަށް މި ލަގަބު އަރުވާފައިވަނީ ޔިއުޔޯކުގައި މިހާރު ކުރިޔަށްދާ އދ.ގެ ޖެނެރަލް އެސެމްބްލީގެ ތެރެއިން މިދިޔަ އަންގާރަ ދުވަހުއެވެ. ދެބޭފުޅުންގެ ބައްދަލުވުވުމުގެ ތެރެއިން ވަރަށް ބޮޑަށް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ތަޢުރީފުކޮށް ވާހަކަ ދައްކަވާފައިވާއިރު، މޯދީ ވަނީ މި މަހުގެ 22 ވަނަ ދުވަހު، "ހައުޑީ މޯދީ"ގެ ނަމުގައި ކުރިޔަށްގެންދިޔަ މެގާ ރެލީގައި ޓްރަމްޕް ބައިވެރިވުމުން އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޓްރަމްޕަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި މޯދީ ވިދާޅުވީ ޓްރަމްޕަކީ އަބަދުވެސް ރަނގަޅު ރަހުމަތްތެރިއެއް ކަމަށެވެ. އެކަމާއި ގުޅިގެން މޯދީއަށް ރައްދު ދެއްވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ، މޯދީއަކީ އިންޑިއާގެ ބައްޕަ ކަމުގައި އާއި އިންޑިއާއަށް މަސަލަސްކަން ގެނައުމުގައި މޯދީގެ ހިއްވަރާއި ދައުރު ބޮޑު ކަމަށެވެ. އެހެންކަމުން އެ ލަގަބަށް އެންމެ އެކަށީގެންވާ ބޭފުޅަކީ މޯދީ ކަމަށް ޓްރަމްޕް ބުންޏެވެ.

މިއީ ފާއިތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ޓްރަމްޕް އާއި މޯދީ ބައްދަލުވި ދެވަނަ ފަހަރެވެ. އެމެރިކާގެ ހިއުސްޓަންގައި މިމަހުގެ 22 ވަނަ ދުވަހު ކުރިޔަށްގެންދިޔަ ބޮޑު ރެލީގައިވެސް ދެބޭފުޅުން ބައްދަލުކުރައްވައި ވާހަކަ ދައްކަވާފައިވާއިރު، އެ ރެލީގައި އެމެރިކާގައި ދިރިއުޅޭ އިންޑިއާގެ ބައިލައްކައެއްހައި މީހުން ބައިވެރިވިއެވެ.

އިންޑިއާގެ ބައްޕައަކީ މޯދީކަމަށް ޓްރަމްޕް ވިދާޅުވުމުން، އިންޑިއާގެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށް މީސްމީޑިއާގައި ވާހަކަ ދައްކަމުން ދާއިރު، އެތައް ބަޔަކު އެކަމަށް މަލާމާތްކުރަމުން ދެއެވެ. އޭގެތެރެއިން ބައެއް ފަރާތްތަކުން މީސްމީޑިއާގައި މީމްތައް ހަދައި އާންމުކުރަމުންދާއިރު، ބައެއް ފަރާތްތަކުން ވަނީ މަހާތުމާ ގާނދީގެ ސްޓެޗޫތަކާއި، މަހާތުމާ ގާނދީގެ ފޮޓޯ ޖަހާފައިވާ އިންޑިއާގެ ފައިސާތަކުގައި މޯދީގެ ފޮޓޯ ޖަހައި މަލާމާތްކޮށްފައެވެ.

ގިނަ ބަޔަކު ޓްރަމްޕްގެ ވާހަކަ އާއި މެދު ނުރުހުން ފާޅުކުރަމުންދާއިރު، އެއީ އިންޑިއާގެ ހަޤީޤީ ބައްޕައަށް ޤަދަރު ކުޑަކުރުމަށް ޓްރަމްޕް އާއި މޯދީ ރާވައިގެން ކުރި ކަމެއް ކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ. އަދި މޯދީއަށް ދުވަހަކުވެސް މަހާތުމާ ގާނދީ އާއި އެއްހަމަ ނުވެވޭނެ ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.