މާބަނޑުވިފަހުން އެންމެ ފުރަތަމަ އަހަރެން ސްކޭނެއް ހެއްދީ، ބަނޑަށް 20 ހަފްތާ ވެފައި ވަނިކޮށެވެ. ޑޮކްޓަރު ސްކްރީނުން އަހަރެންގެ އަލަތު ދަރިފުޅު ދައްކާލި އެ ވަގުތުކޮޅު ވެގެން ދިޔައީ ދިރިއުޅުމުގައި އަހަންނަށް އެންމެ ބޮޑު އުފަލެއް ލިބިގެންދިޔަ ވަގުތުކޮޅަށެވެ. އުފަލުން ގޮސް އަހަރެންގެ ހިތަށް ކެތްނުކުރެވުނު އެ ވަގުތުކޮޅުގެ އުފާވެރިކަން ހިތަށް ގެނެވޭ ކޮންމެ ހިނދެއްގައި، އަދިވެސް ކުރެވެނީ ބުނެދޭން ނޭނގޭ އުފާވެރި އިހުސާސެކެވެ.

ޑޮކްޓަރުގެ އެގްޒަމިނޭޝަނަށްފަހު އަހަންނަށް ލިބުނު އުފާވެރިކަން މާޔޫސްކަމަށް ބަދަލުވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. "އަމިއްލަ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ސަމާލުކަމެއް" ދިނުމަށް ޑޮކަޓަރު އަހަރެންގެ ގާތުގައި އެދުމުން ކަންބޮޑުވެފައި ހުރެ އެކަމާއި ސުވާލު ކުރީ ކައިރީގައި ހުރި ފިރިމީހާއެވެ. ވެގެން އުޅޭގޮތެއް ޑޮކްޓަރު ސާފުކޮށްދިން އެ ވަގުތުކޮޅު އަހަރެމެން ދެމީހުންގެ ހިތްވެސް ފަޅައިގެން ދިޔަ ކަހަލައެވެ. ދަރިފުޅުގެ ހިތުގައި ލޯވަޅެއް ހުރި ކަމަށް ޑޮކްޓަރު ބުނި އެވަގުތަކީ އަހަރެމެން ދެމަފިރިންގެ ހިތުގައި އެއަށްވުރެ މާ ބޮޑު ލޯވަޅެއް އެޅުނު ވަގުތެކެވެ.

އެ ދުވަހަށްފަހު ދަރިފުޅު ލިބެންދެންވެސް އަހަރެމެން ކުރަމުން ދިޔައީ އާ އުންމީދެކެވެ. ދަރިފުޅު ލޮލަށް ފެންނާންދެންވެސް އެ އުންމީދު ކަނޑައެއް ނުލަމެވެ. ހެޔޮ ދުޢާކޮށް، ކޮންމެވެސް ގޮތަކަށް ދަރިފުޅަށް ދިމާވެފައިވާ ކަމަށް ޑޮކްޓަރުން ބުނި މައްސަލައަށް ޝިފާއެއް ލިބި ދުޅަހެޔޮކަންމަތީ ދުނިޔެއަށް ފުރަތަމަ ނޭވާ ދޫކޮށްލެވޭނެ ގޮތެއް މެދުވެރިވޭތޯ ހިތުން އެދިނުލާ އެންމެ ހިނދުކޮޅެއްވެސް އެ ދުވަހަށްފަހު ނާދެއެވެ. ޑޮކްޓަރު ދެއްކި އެ ބިރުވެރި ވާހަކަ އަހަރެންގެ ކަންފަތުގައި އެދުވަހަށްފަހު ހަރުލާފައި އިނީ ރެކޯޑިންގެއްހެންނެވެ.

މިއަހަރުގެ ފެބްރުއަރީ ދިހަ ވަނަ ދުވަހަކީ އަހަރެން ދުނިޔޭގެ ހަޤީޤަތާއި ކުރިމަތިލާން ޖެހުނު ދުވަހެވެ. އެތައް އުންމީދަކާއި އެކު އެންމެ ލޯބިވާ ހަޔާތުގެ ބައިވެރިޔާ އާއި އެކު ފެށި ދަތުރުގައި، ލޯމައްޗަށް އެ ދަތުރުގެ މަންޒިލް ފެންނާން ފެށި ދުވަހަކީ އެއީއެވެ. ދިރިއުޅުމުގެ ރާޅުބާނިތައް ބޮޑުކަމުންނާއި ހަޔާތުގެ މައްޗަށް ބޯވެފައިވާ ކަޅު އަނދިރި ވިލާގަނޑުގެ ސަބަބުން، އަހަރެމެންގެ ރާސްތާ އޮތީ ކޮންގޮތަކަށް ކަމެއް ނޭނގުނަސް، ދަތުރުކުރާ މަންޒިލް މާދުރުން ފެންނާތީ ހިތަށް ފިނިކަމެއް ލިބެއެވެ.

އަހަންނާއި ފިރިމީހާގެ ހަޔާތުގައި ކުލަ ޖައްސައިދިން ތުއްތު ދަރިފުޅަށް ބަލައިލާ ކޮންމެ ފަހަރެއްގައި އަހަންނަށް ކުރުވީ މާޔޫސްކަމާއި ހިތްދަތި އަސަރެކެވެ. އުފާވާން ބޭނުންވި ކަމުގައި ވީނަމަވެސް، ހަޤީޤަތް ހިތުތެރޭގައި އެނބުރެމުންދާތީ ހިތްހަމަޖެހުމެއް ލިބޭގޮތެއް ނުވެގެން އުޅެނިކޮށް ބިރުވެރިކަން އިތުރުވެގެން ދިޔައި، އުފަންވިތާ މާގިނައިރެއްވެސް އަދި ނުވަނީސް އެ ތުއްތު ދަރިފުޅު ނޭވާލާން އުނދަގޫވެގެން ޑޮކްޓަރުންގެ ޚާއްސަ އޮބްޒަވޭޝަނަކަށް ދަރިފުޅު ގެންދިއުމުންނެވެ.

ފާއިތުވެދިޔަ 9 ވަރަކަށް މަސް ތެރޭ އެ ދަރިފުޅު އަހަންނާއި ދުރަށް ގެންދިޔަ އެ ކުޑަ ވަގުތުކޮޅު އެއީ އަހަރެން އެންމެ ދިގު އިންތިޒާރެއް ކުރަން ޖެހުނު ވަގުތުކޮޅެވެ. ދަރިފުޅުވަނީ ކޮން ހާލެއްގައި ކަން ނޭނގިގެން އަހަރެންގެ ހިތް ފަޅައިގެންދާހެން ހީވި އެ ވަގުތުކޮޅު އިތުރަށް ސިފަކޮށްދޭނެހައި ހިތްވަރެއްވެސް އަހަރެންގެ ގައިގައި އަދިވެސް ނެތެވެ.

އެ ދުވަހަށްފަހު އަހަންނަށް ދަރިފުޅު ފެންނަ ކޮންމެ ވަގުތަކީވެސް ހިތަށް ކެތްނުކުރެވޭ އަސަރުތަކެއް ކުރުވަމުންދާ ވަގުތުތަކެކެވެ. އެހެން މީހުންގެ ދަރިން އެ އުމުރުގައި ގެންގުޅޭހައި ގާތުގައި އަހަންނަށް އަހަރެންގެ ލޯބިވާ ދަރިފުޅު ނުގެންގުޅެވޭތީ، ދަރިފުޅު ފެންނަ ކޮންމެ ފަހަރަކުވެސް އިޚްތިޔާރަކާއި ނުލައި ލޮލުން ފައިބަން ފަށާ ކަރުނައިގައި ހިފެހެއްޓުމެއް ނެތެވެ.

އެނދުމަތިވެފައި އެ ތުއްތު ދަރިފުޅު އެ ހާލުގައި އޮންނަތާ މިއަދު ފަސްމަސް ވީއެވެ. މެޝިންތަކާއި ހޮޅިތައް ގުޅައި އޭގެ ބާރުގައި މިއަދު ދުނިޔޭގައި އޮތް އެދަރިފުޅަށް އަހަންނާއި ދިމާލަށް ބަލައިލެވޭނެހައިވެސް ބާރެއް ލިބިފައެއް ނެތެވެ. ކުރިމެތިވެފައިވާ ބޮޑު މުސީބާތުގެ ސަބަބުން، ހިތުގެ އޮޕަރޭޝަނެއް ކޮށްގެން ނޫނީ އެ ދަރިފުޅަށް އަހަރެން ދޭން ބޭނުންވާ ލޯބިދީގެން ހަޔާތެއްގެ އުފާވެރި ފޮނި މީރުކަން ލިބޭނޭ އެއްވެސް ގޮތެއް ނެތެވެ.

އަހަރެންގެ ފިރިމީހާއަކީ އާދައިގެ ޑްރައިވަރެއް ކަމުން، ރެޔާއި ދުވާލު ކުރާހައި މަސައްކަތުން ލިބޭ އެއްޗަކުން ކިރިޔާ ކައިބޮއެ އުޅެވެނީއެވެ. މިއީ މިއަދު އަހަރެމެން އުޅެން ޖެހި ކުރިމަތިލަމުންދާ ހިތި ހަޤީޤަތުގެ ވާހަކައެވެ. އެހެނަސް ހިއްވަރާއި އެކު ކުރެވެމުންދާ މި އުންމީދު ފަނާވުމެއް ނެތެވެ. އަހަރެމެންގެ ދިރިއުޅން ގުޅިފައިވާ މި ތުއްތު ދރިފުޅުގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް އަހަރެމެން ދެމަފިރިން ވާން ޖެހުނު ކޮންމެ ގުރުބާނީއެއް، ހިއްވަރުކޮށްފައި ފަހުވަގުތާއި ޖެހެންދެންވެސް ވާނަމެވެ.

މިއީ އިންޑިއާގެ ޗެންނާއީގައި ހުންނަ އެޕޯލޯ ހާޓް ސެންޓަރުގައި މަރާއި ހަނގުރާމަކުރަމުންދާ ސޫރަޖް ނަމަކަށްކިޔާ ކުއްޖެއްގެ ވާހަކައެވެ. އޭނާގެ މައިންބަފައިން ވަނީ ދަރިފުޅުގެ ހިތުގެ އޮޕަރޭޝަނަށް ފަންޑު ހޯދުމަށްޓަކައި ބައެއްގެ އެހީތެރިކަމާއެކު އޮންލައިން ހަރަކާތްތަކެއް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޙަރީބު

  ސޫރަޖު އެއީ ހިންދޫ ކުއްޖެއްތޯ

 2. އެހީތެރިޔާ

  ގުޅޭނެ ގޮތެއް އެހީ ފޯރުކޮށްދެވޭނެެ ގޮތެއް ކޮބައިތޯ.

 3. ީއިނާ

  ކީއްވެ 20 ހަފްތާ ވަންދެން ސްކޭން އެއް ނުހަދާ ހުރީ

  2
  2
 4. މަންޖެ

  “ މުސީބާތް” މިބަހުގެ މާނަ ބަލާލަފަ ދެންފަރަކުން ލިޔާނީ