ވޭޕް ކުރުމުގެ ސަބަބުން ފުއްޕާމެއަށް ނުރައްކާތެރި ބައްޔެއް ޖެހި އެތައް މަޔަކު މަރުވާން ދާދި ފަހުން ފަށާފައި ވާއިރު، މިކަމުގައި މަރުވި މީހުންގެ އަދަދު 11 އަކަށް އަރައިފިއެވެ.

އެމެރިކާގައި ދާދި ފަހުން ވޭޕް ކޮށްގެން މަރުވި 2 މީހުންނަކީ ޖޯޖިއާ އަދި ފްލޮރިޑާ ސްޓޭޓަށް ނިސްބަތްވާ ދެމީހުން ކަމުގައި ވާއިރު، 2 މީހުންނަށްވެސް ވަނީ ފުއްޕާމޭގެ ބޮޑު ބައްޔެއް ޖެހިފައެވެ. މިއަދާއި ހަމައަށް އެމެރިކާގެ ސެންޓާ ފޯ ޑީޒީޒް ކޮންޓްރޯލް އިން ދަނީ މިފަދަ ބަލިތައް ޖެހިފައިވާ 530 މީހެއްގެ ހާލު ގާތުން ބަލަމުންނެވެ.

ވޭޕް ކުރުމުގެ ސަބަބުން ކުއްލިއަކަށް ފުއްޕާމެއަށް އެ ޖެހޭ ބަލި ދެނެގަނެވިފައި ނެތް ނަމަވެސް، އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މިހެން ވަނީ ވަރަށް އާދަޔާ ހިލާފް ވައްތަރެއްގެ ނިއުމޯނިއާ އެއް ޖެހިގެން ކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ދިރާސާތައް އަދިވެސް ގެންދަނީ ހަދަމުންކަން ފާހަގަކޮށްލެވެއެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ވޭޕް ކޮށްގެން މަރުވާ މީހުންނަށް ވުރެން ދުންފަތުގެ އިސްތިއުމާލް ކޮށްގެން މަރުވާ މީހުން މާ ގިނައެވެ. އެއީ ތެދެކެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލް ކޮށްގެން މީހާ ކުއްލިއަކަށް މަރުވެގެން ނުދާއިރު، މަރުވާން ދިމާވާ ސަބަބުވެސް ދެނެގަނެވެއެވެ. ވޭޕްގައި ކަންތައް ވަނީ މިއާއި މުޅިން އިދިކޮޅަށެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވޭޕް އާއި އެފަދަ އެނޫންވެސް އެލެކްޓްރިކް ސިނގިރޭޓް މަނާ ކުރަމުން އަންނައިރު، ރާއްޖެ އަށް ވެސް ވޭޕްގެ ސަބަބުން އޭގެ ބޮޑެތި ގެއްލުންތައް ކުރުމުގެ ކުރިން މިކަން މަނާ ކުރެވެން އެބަ ޖެހެއެވެ.