ސައުތް އެފްރިކާގައި އުމުރުން އެންމެ 9 އަހަރުގެ ކުދިންތަކެއް ވެގެން 5 އަހަރުގެ ކުޑަކުއްޖަކު ރޭޕް ކޮށްލައިފިއެވެ.

މިދިޔަ ހަފްތާ ތެރޭގައި މި ހާދިސާ ހިނގާފައި ވަނީ އެ ގައުމުގެ ނިއުކާސްލްގައި ހުންނަ ސްކޫލެއްގައެވެ. 9 އަހަރުގެ 4 ކުދިންވެގެން 5 އަހަރުގެ ފިރިހެން ކުއްޖާ ސްކޫލް ތެރެއިން އެކަހެރިކޮށް ވަނީ ކޮންމެ މީހަކު ބުރު ނަގައިގެން ރޭޕް ކޮށްލާފައެވެ.

މިކަން ކުރި ވަގުތު 5 އަހަރުގެ އެ ކުއްޖާ އާއި ދިމާލަށް ހަޑިހުތުރު ބަސްތައްވެސް ބޭނުންކޮށްފައި ވާއިރު، މިކަން ފަޅާއެރީ އެ ކުއްޖާގެ މަންމަ އަށެވެ. އެއީ އެކުދިން މިކަން ކޮށްފައި ވަނީ ސްކޫލް ނިންމާފައި ކުދިންތައް ގެއަށް ދިޔަ ގަޑީގައި ކަމަށް ވުމުން އެ ކުއްޖާ ލަހުން ގެއަށް އައުމުން އެކަމާއި ބެހޭ ގޮތުން ސުވާލު ކުރުމުންނެވެ.

މި މައްސަލަ އެ ގައުމުގެ ފުލުހުންނަށް ހުށަހެޅި ނަމަވެސް، ފުލުހުން ވަނީ ކުޑަކުދިން ބޭތިއްބޭނެ އިންތިޒާމެއް ނެތް ކަމަށް ބުނެ މައްސަލަ ބަލައިގަންނަން ދެކޮޅު ހަދާފައެވެ. މިކަން ހިނގި ފަހުން 5 އަހަރުގެ ކުއްޖާ ސްކޫލަށް ދާން ދެކޮޅު ހަދަމުން އަންނައިރު، އޭނާގެ އަހުލާގާއި މިޒާޖުވެސް ބަދަލުވަމުން އަންނަ ކަމަށް އޭނާގެ މަންމަ ބުނެއެވެ. މިގޮތުން ބުނާ ގޮތް ނުހެދުމާއި، ގޭ ގައިރީ އުޅޭ އެހެން ކުދިންނާއި އެއްކޮށް އުޅޭ އިރުވެސް ރުޅިވެރިކަމާއި އެކު އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާގެ މަންމަ ވަނީ ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައެވެ.

ދާދި ފަހުން އެ ގައުމުގައި ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކު ރޭޕް ކޮށްލި މީހަކު ހޯދައި، ގޭންގަކުން ވަނީ އެ މީހާ ދިރިހުއްޓައި އަންދާލާފައިކަންވެސް ފާހަގަކޮށްލެވެއެވެ.