ޖައްވަށް މީހުން ފޮނުވުމަށްފަހު ސަލާމަތުން އަނބުރާ ބިމަށް ގެނެވޭތޯ ކުރިޔަށްގެންދާ މިޝަނަކަށް އިންޑިއާގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރީސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން ތައްޔާރުވާން ފަށައިފިއެވެ.

އިސްރޯއިން ބުނެފައިވާ ގޮތުގައި މި މިޝަން ލޯންޗު ކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް މި މިޝަންގެ ދަށުން ދެ ފަހަރެއްގެ މަތިން އިންސާނުން ނުލާ، އިންސާނުން ގޮވައިގެން ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތައް ޖައްވަށް ފޮނުވައިގެން ޓެސްޓުތަކެއް ކުރާނެ ކަމަށާއި، އެއަށްފަހު މީހުންނާއި އެކު 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އުޅަނދެއް ފޮނުވަން ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

ހަނދަށް ޚާއްސަ އުޅަނދެއް ފޮނުވައިގެން "ހަންދު ބަލާލުމަށް" އިންޑިއާއިން ފެށި ދަތުރުގެ ނާކާމިޔާބަށްފަހު އިންޑިއާއިން މިހާރު އެންމެ ބޮޑު އިސްކަމެއްދޭ މިޝަނަކީ ޖައްވަށް އިންސާނުން ފޮނުވުމުގެ މިޝަނެވެ. މި މިޝަނަށް އެޤައުމުން ދީފައިވާ ނަމަކީ، "މިޝަން ގަގަންޔާން" އެވެ.

މިޝަން ގަގަންޔާންގެ ތައްޔާރީތައް އިސްރޯއިން މިހާރު ވަމުންދާއިރު، އެޤައުމުގެ 12 އެސްޓްރޮނޯޓަކު އިތުރު ތަމްރީނުތަކަށް މިހާރު ވަނީ ރަޝިޔާއަށް ފޮނުވާފައެވެ. މި 12 އެސްޓްރޮނޯޓުންގެ ތެރޭގައި މިޝަން ގަގަޔާންގައި ޖައްވަށް ދަތުރުކުރާނީ ތިން އެސްޓްރޮނޯޓެއް ކަމަށް އިސްރޯއިން ބުނެއެވެ.

ނާސާ ފަދަ ޖައްވީ ކަންކަމުގައި ކުރިއަރާފައިވާ އިދާރާތަކާއި ފައި ހަމަ ކުރުމުގެ ނިޔަތުގައި ހަނދަށް އިންޑިއާއިން ފޮނުވި "ޗަންދްރަޔާން-2"ގެ ނާކާމިޔާބު މިޝަނަށްގައި އެ އުޅަނދުން ހަނދަށް ތިރިކުރި "ވިކްރަމް" ވަނީ ޖައްސަން އުޅުމުގެ ތެރޭގައި ގުޅުންކެނޑި ވެއްޓިފައެވެ. އެ ހާދިސާއަށްފަހު ނާސާ އިން އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައި ވީނަމަވެސް އެކަން އިސްރޯއިން ބަލައިގަތްކަން އަދި ހާމައެއް ނުކުރެއެވެ.