ނުރައްކާތެރި ބައްޔެއްގެ އަލާމާތްތައް ފެނިގެން، ކާޑޭޝަން އާއިލާގެ މަޝްހޫރު ރިއަލިޓީ ތަރި، ކައިލީ ޖެނާ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމުގެ ޚަބަރާއެކު އޭނާގެ ގިނަ އަދަދެއްގެ ފޭނުން ވަނީ ކަންބޮޑުވެފައެވެ. އެހެން ނަމަވެސް ކައިލީ މިވަނީ އެ ކަންބޮޑުވުންތަކަށް ލުޔެއް ހޯދައިދީ އޭނާގެ ހާލު އެފަރާތްތަކަށް ހާމަކޮށްދީފައެވެ.

އުމުރުން 22 އަހަރުގެ ކައިލީގެ ހާލު ރަސްމީ ފަރާތަކުން ހާމަކޮށްފައި ނުވަނީސް އޭނާ އަމިއްލައަށް މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާގެ ހާލު މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. އަދި ބަލިވެ ފަރުވާދެމުންދިޔައިރު ހެޔޮއެދުންތައް ފޮނުވި ފޭނުންނާއި ރަހުމަތްތެރީންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާކަމަށް އޭނާ ބުންޏެވެ.

ކައިލީ ހާލުދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ، "ވަރަށް ބޮޑަށް ބަލިވެ" އުޅޭކަން މީގެ ކުރިން އޭނާ ހާމަކޮށްފައި ވަނިކޮށެވެ. ސަބަބަށްޓަކައި އޭނާއަށް އެއްވެސް ތަނަކަށް ދަތުރު ކުރެވޭ ވަރަށްވުރެ ސިއްހީ ހާލަތު ގޯސްކަމަށް އޭނާ އޭރު ބުނެފައިވެއެވެ.

ކައިލީ އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު، މި ހަފްތާގައި، މޭކަޕް ޝޯއެއްގައި ބައިވެރިވުމަށް އޭނާ ޕެރިސްއަށް ދަތުރެއް ކުރުމަށް ހަމަޖެހިފައި އޮތެވެ. ކައިލީ ބުނެފައިވަނީ އެ ޝޯގައި ބައިވެރި ނުވެވޭތީ އޭނާ ވަރަށް ދެރަވާ ކަމަށެވެ.

ރަސްމީކޮށް ހާމަކޮށްފައި ނުވީނަމަވެސް ކައިލީގެ ގާތް ފަރާތްތަކާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި ކައިލީ އެޑްމިޓްކޮށްފައިވަނީ، ނުރައްކާތެރި ބައްޔެއްގެ ނިޝާންތައް ފެނިގެން މި ހަފްތާގެ ތެރޭގައެވެ. އެއަށްފަހު އޭނާގެ ހާލު އިތުރަށް ގޯސްވެގެން ފަރުވާދިން ނަމަވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.