ބޮލީވުޑްގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ އާމިރު ޚާން އާއި ކެޓްރީނާ ކައިފްއަކީ ކުރިންވެސް އެކުގައި ބޮޑެތި މަސައްކަތް ކޮށްފައިވާ ކުޅަދާނަ ދެ ތަރިންނެވެ. ނަމަވެސް މިދިޔަ ހަފްތާގައި މި ދެ ތަރިން އެކުގައި ނަގާފައިވާ ސެލްފީއެއް ފެނިގެން މީސް މީޑިއާގައި ބޮޑު ޒުވާބެއް ކުރެވެމުން ދެއެވެ.

ކުރިންވެސް ކެޓްރީނާ އާއި އާމިރު އެކުގައި ފެނިގެންދިޔަ ފިލްމަށްފަހު އެ ދެމީހުން ނަގާފައިވާ ފޮޓޯތައް ގިނަ ޢަދަދަކަށް ދައުރުވެފައިވާއިރު، ކެޓްރީނާ ދާދިފަހުން ޢާންމުކޮށްފައިވާ މި ސެލްފީން އާމިރު އޭނާއަށްވުރެ ދިގު ކަމަށް ދައްކައެވެ.
ހަތްލައްކައަށްވުރެ ގިނަ ލައިކް ލިބި 3000 އަށްވުރެ ގިނަ ކޮމެންޓް އެ ފޮޓޯއަށް ޢާންމުން ކޮށްފައިވާއިރު، އޭގެތެރެއިން ގިނަ ބަޔަކު ދައްކަމުން ދިޔައީ އެމީހުންގެ އިސްކޮޅުގެ ވާހަކައެވެ.

ކެޓްރީނާ ޢާންމުކޮށްފައިވާ ސެލްފީ

އެގޮތުން ސެލްފީ ނެގި ވަގުތުގައި އާމިރު ހުރީ "ހައިހީލް"ގައި ތޯ އެއްބަޔަކު ސުވާލު ކުރަމުންދާއިރު، މި ދެ ތަރިންނަށް މީސްމީޑިއާގައި މަލާމާތް ކުރަމުންދާތީ ފޭނުން ތިބީ ރުޅިގަދަވެފައެވެ. އެފަރާތްތަކުން ބުނަމުންދަނީ ކޮންމެ ގޮތަކަށް ނަގާފައިވީ ނަމަވެސް އެ ސެލްފީ ރީތި ކަމަށެވެ.

ކެޓްރީނާ އާއި އާމިރު ޚާން އެންމެ ފަހުން އެކުގައި މަސައްކަތް ކޮށްފައިވަނީ "ދޫމް 3" ގައެވެ. އެއަށްފަހު މިހާރު "ތަގްސް އޮފް ހިންދުތާން" ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތް މި ދެ ތަރިން ދަނީ ކުރަމުންނެވެ.

މީގެ ކުރިން އާމިރު ޚާން އާއި ކެޓްރީނާ އެކުގައި ނަގާފައިވާ ފޮޓޯއެއް

އަދިއްތިޔާ ޗޯޕްރާ ޕްރޮޑިއުސް ކުރާ އެ ފިލްމް މިއަހަރުގެ ފަހުކޮޅުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު، އާމިރާއި ކެޓްރީނާގެ އިތުރުން ފިލްމުން އަމީތާބް ބައްޗަންވެސް ފެނިގެންދާނެއެވެ.