މިއަހަރުގެ ޖުލައި މަހު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުޚީބެއް ލިބިގެންދިޔަ ދިވެހި ފިލްމް "ލީނާ"ގެ ޝޯތަކެއް އައްޑޫގައި ދައްކަން ހަމަޖެހިއްޖެއެވެ.

ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ރާއްޖޭގައި ހިނގާފައިވާ މަރުގެ ހާދިސާ އަކާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފީޗާ ފިލްމެކެވެ. މިއީ މުއާ ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމެވެ.

އޮލިމްޕަހުގައިވެސް މީގެ ކުރިން އަޅުވައި ގިނަ ބައެއްގެ ތަރުޚީބު ލިބިފައިވާ މި ފިލްމް އައްޑޫގެ ތިން ރަށެއްގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ހިތަދޫ އާއި މަރަދޫ އަދި ފޭދޫ ހިމެނެއެވެ.

"ލީނާ"ގެ ޓިމުން ބުނެފައިވާ ގޮތުގައި މަރަދޫގައި މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު އެރަށު ބޮނޑަގޭގައެވެ. އަދި އެ މަހުގެ ފަސްވަނަ ދުވަހާއި ހަވަނަ ދުވަހު ހިތަދޫ ބިލަބޮންގް ސްކޫލުގެ ހޯލުގައި ފިލްމު ދައްކަން ހަމަޖެހިފައިވާކަމަށް އެފަރާތުން ބުނެއެވެ. މީގެ އިތުރުން ފޭދޫގައިވެސް މި ފިލްމު އެޅުވުމުގެ މަސައްކަތް އެ ޓީމުން މިހާރު އަންނަނީ ކުރަމުންނެވެ.

މި ފިލްމުގެ ޝޯތަކަށް މިހާރު އައްޑޫގައި ޓިކެޓް ވިއްކަމުންދާއިރު، 9499676 އަށް ގުޅައިގެން ޓިކެޓް ގަތުމުގެ ކަންކަން ހަމަޖެހޭނެއެވެ.

ބެލުންތެރިންގެ ބޮޑު ތަރުޚީބެއް ލިބިފައިވާ ފިލްމް "ލީނާ" އިން ޑައިރެކްޓަރ މުއާޒާއި ކުޅަދާނަ އެކްޓަރުން ކަމަށްވާ މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮން އައްޔަ) އާއި ނުޒުހަތު ޝުއައިބު (ނުޒޫ) އާއި ޒީނަތު އައްބާސާއި އަހުމަދު ނިމާލުގެ އިތުރުން އަހުމަދު އީސަ ފެނިގެންދާނެއެވެ.

ފިލްމުގައި އައްޒަ ފެނިގެންދާނީ ލީނާގެ ގޮތުގައެވެ. އަދި ދޮން އައްޔަ ކުޅޭނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. ލީނާގެ ބެސްޓް ފްރެންޓުގެ ރޯލުން ނުޒޫ ފެނިގެންދާއިރު، ގާތިލެއްގެ ބައިން ފެނިގެންދާނީ މުއާ އެވެ.

ބޮޑު ކާސްޓަކާއެކު ތަފާތު ވާހަކައެއްގެ މައްޗަށް ހަދާފައިވާ "ލީނާ" ބަލާލުމަށް އައްޑޫއިން ބޮޑު ތަރުޚީބެއް ލިބެމުންދާ ކަމަށް ފިލްމުގެ ޓީމުން ވަނީ ބުނެފައެވެ.