ދެ ފުއްލާ މަރާލި މައްސަލައިގައި 5 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށް މިހާރު ކަފާލާތުގެ އަޑުއެހުން ނިމި ސަލްމާން ޚާން ދޫކޮއްލުމާއި މެދު ގޮތެއް ނިންމުން މިއަދު އިންޑިޔާ ގަޑިން 2 ގެ ފަހުން ތާވަލްކޮށްފައިވާއިރު ސަލްމާން ޚާން ސަލާމަތް ނުވެ ފަސް އަހަރު ޖަލުގައި ހޭދަ ކުރަން ޖެހިއްޖެ ނަމަ 6 ބިލިއަން އިންޑިއަން ރުޕީސްގެ ގެއްލުމެއް ވާނެކަމަށް އިންޑިޔާގެ ފިލްމީ ދާއިރާ ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.

ސަލްމާން ޚާން ކުޅޭ ކޮންމެ ފިލްމަކީ ކާމިޔާބު އަދި ބޮޑު އާއްމުދަނީ އެއް ހޯދާ ފިލްމް ތަކަކަށް ވާއިރު ސަލްމާން ޚާން 5 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރެވުނުއިރު އޭނާ ދަނީ ބޮޑެތި ފިލްމް ތަކެއްގެ މަސައްކަތް ކުރަމުންނެވެ. އަދި ގިނަ ފިލްމް ތަކެއް ސަލްމާން އަށް ޚާއްސަކޮށް ކުޅުމަށް ތައްޔާރުވެ ސޮއިވެސް ކޮށްފައިވެއެވެ.

ސަލްމާ ޚާން ޖަލަށް ގެންދިޔައިރު އޭނާ ދަޔައީ "ރޭސް 3" ގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ފިލްމް ވަނީ ނިމުމާއި ގާތަށް ގޮސްފައެވެ. މި އަހަރު ސަލްމާން ކުޅުމަށް ހަމަޖެހިފައިވާ ފިލްމް ތަކުގެ ތެރޭގައި "ދަބަންގް 3"، "ޕާޓްނާ 2"، "ކިކް 2"، "ބާރަތު"، "ނޯ އެންޓްރީ މެއި އެންޓްރީ"، "ޝޭރް ޚާން" އަދި "ލަވް ރަޓްރީ" ހިމެނެއެވެ.

މީގެ ގިނަ ފިލްމް ތަކަކީ 1 ބިލިއަން އިންޑިޔާ ރުޕީސް އާއި 2 ބިލިއަން އިންޑިޔާ ރުޕީސް އާއި ދެމެދު ބަޖެޓް ކުރެވިފައިވާ ފިލްމް ތަކެކެވެ،

ޓްރޭޑް އެނަލިސްޓް އަޓުލް މޯހަން ބުނީ ކަފާލާތުގެ ދަށުން ސަލްމާން ޚާން ދޫކޮށްނުލައިފިނަމަ %90 މަސައްކަތް ނިމިފައިވާ "ރޭސް 3" އަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށާއި ސަލްމާން ޚާން ކުޅުމަށް ހަމަޖެހިފައިވާ "ދުސް ކާ ދޫމް" ޓީވީ ޝޯ ބޮޑު ފުލޮޕަކަށް ވާނެ ކަމަށެވެ.

ބޮލީވުޑްގެ މަސްހޫރު ތަރި ސަލްމާން ޚާން ވަނީ "ޔަމްލާ ޕަގްލާ ދިވާނާ"ގެ ހާއްސަ ލަވައެއް ވެސް ކުޅުމަށް އެއްބަސްވެފައެވެ. އަދި ރެމޯގެ މަސްހޫރު ޑާންސް ފިލްމެއްގެ ބައެއްވެސް ކުޅުމަށްވެސް ސަލްމާން ވަނީ އެއްބަސް ވެފައެވެ.

ސަލްމާން ޚާން އަކީ އެތަށް ބައެއްގެ ލޯބި ހޯދާފައިވާ "ބީން ހިއުމަން" ގެ ނަމުގައި ހިންގާ އެހީތެރިވުމުގެ ފައުންޑޭޝަނަކުން އެތަކެއް ބަލި މީހުނަށާއި އެހީ އަށް ބޭނުންވެފައިވާ އެތައް ބަޔަކަށް އެހީތެރުވުމުގެ އިތުރުން ތުއްތު ކުދިންނަށާއި ފަގީރު ކުދިންނަށް ކިޔަވައިދިނުމަށް ބޮޑެތި ހޭދަ ކުރާ ފަންނާނެކެވެ.