މި ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ގައި ބިމާއި އިންވެގެން އޮންނަ ގުރަހަ (ޕްލެނެޓް)، މިއްރީޚު (މާސް) އަށް އިންސާނުން ގެންދާނެ ބިޔަ ޖައްވީ އުޅަނދު ދައްކާލައިފިއެވެ.

ޖައްވީ އުޅަނދުތައް ފަރުމާކޮށް އުފައްދާ "ސްޕޭސް އެކްސް" ކުންފުނީގެ މި ރޮކެޓް ދައްކާލާފައި ވަނީ، އެ ކުންފުނީގެ ރޮކެޓެއް ފުރަތަމަ ފަހަރަށް ދުނިޔޭގެ އޯބިޓަށް ކާމިޔާބުކަމާއި އެކު ދަތުރުކުރިތާ އެގާރަ އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ޓެކްސަސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ސްޕޭސް އެކްސްގެ އާ އުޅަނދު ދައްކާލާފައިވަނީ އެ ކުންފުނީގެ ސީއީއޯ، އެލަން މަސްކް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެލަން ބުނެފައިވަނީ، މި އުޅަނދަކީ އިންސާނުން މިއްރީޚު އާއި ހަނދާއި ކައުނުގެ އެހެން ހިސާބުތަކަށްވެސް ދަތުރުކުރުމަށް ބޭނުންކުރެވޭނެ ޤާބިލްކަން ލިބިފައިވާ އުޅަނދެއް ކަމަށެވެ. އަދި މިގޮތުން އިންސާނުން ކައުނުގެ ދުރު ހިސާބުތަކަށް ގެންގޮސްދީ، އަނބުރާ އެމީހުން ރައްކާތެރިކަމާއި އެކު ދުނިޔެއަށް ގެންގޮސްދިނުމުގެ ޤާބިލްކަންވެސް މި އުޅަނދަށް ލިބިގެންވާ ކަމަށް އޭނާ ބުންޏެވެ.

އެލަން ބުނެފައިވާގޮތުގައި ކުރިޔަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މި އުޅަނދުގެ ޓެސްޓުތައް ކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޖައްވުގެ ތެރެއަށް، ބިމާއި 65000 ފޫޓު މައްޗަށް މި އުޅަނދު އެރުވުމަށްފަހު އަނބުރާ ދުނިޔެއަށް ޖެއްސުމުގެ މިޝަން މި ދެމަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

އެލަން ބުނެފައިވަނީ، މި އުޅަނދަކީ އެއްފަހަރަށްވުރެ ގިނައިން ބޭނުންކުރެވޭ އުޅަނދަކަށްވުމުން، މިފަދަ ދަތުރުތަކަށް ކުރަންޖެހޭ ޚަރަދާއި މަސައްކަތްތައް އެތައް ގުނައެއް ލުއިވެގެންދާނެ ކަމަށެވެ. ސްޕޭސް އެކްސްގެ އެންމެ ބޮޑު އެއް އަމާޒަކީ ކާމިޔާބުކަމާއި އެކު ދިގު މުއްދަތަކަށް ބޭނުންކުރެވޭފަދަ މިފަދަ އުޅަނދެއްގައި އިންސާނުންނަށް ރައްކާތެރިކަމާއި އެކު، މި ގުރަހައިގެ ބޭރަށް ގޮސް ކައުނުގެ އެކި ހިސާބުތަކަށް ދަތުރުކުރުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށް އޭނާ ބުންޏެވެ.

"ސްޕޭސް އެކްސް" މި އުފެއްދުމާއި އެކު އުޅަނދުގެ ޓެސްޓުކުރުންތައް ދާދި އަވަހަށް ފެށުމަށް ތައްޔާރުވަމުންދާއިރު، އެ ކުންފުނިން ވަނީ މި އުޅަނދު ދައުރުކުރާނެ ގޮތް ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯގައި "ސްޕޭސް އެކްސް" އިން ބުނެފައިވަނީ، މި އުޅަނދަކީ މިހާތަނަށް އިންސާނުން ހަނދާއި އެހެން ގުރަހަކަތަކާއި ކައުނުގެ އެކި ހިސާބުތަކަށް ގެންދެވޭ ގޮތަށް ފަރުމާކޮށްފައިވާ އެންމެ ވަރުގަދަ އުޅަނދު ކަމަށެވެ.

"ސްޕޭސް އެކްސް" އަކީ ޖައްވަށް ފޮނުވާލުމަށްފަހު ކާމިޔާބުކަމާއި އެކު އަނބުރާ ބިމަށް އަނބުރާ ޖެއްސުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދެއް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއި އެކު އުފެއްދި ކުންފުންޏެވެ. އެ ކުންފުނީގެ ދެ އުޅަނދެއް 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު މިގޮތުގެ މަތީން މިޝަންތަކުގައި ކާމިޔާބުކަމާއި އެކު ބޭނުންކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަންޒިލް މަޤްސޫދް

    ކުރާނެ ކަމެއް ނޭންގިގެން ގިނަވެގެން އުޅޭ ބައެއް. އެލަން މަސްކް ވެސް ހައްދަވާފަ ފުރަތަމަ ދުނިޔެ އަށް ފޮނުއްވި މަގުސަދު ހޯދަން އުޅެންވީނުން. އަދި އެހެންނޫނަސް މިކަންވެސް ހަމަ އެންމެ މުއްސަދިންނަށް. މުއްސަދިން ދިނިޔޭގައި ފައިސާ ގިނަވެގެން މޮޔަވަނީ. ދުނިޔޭގައި ފަގީރުން ފަގީރު ކަމުގެ ސަބަބުން އަވަހަށް މަރުވެގެން ދަނީ. މިހާރު ދުނިޔޭގެ ހައްލުކުރެވެން ހުރި ހުރިހާ މައްސަލަތަކެއް ހައްލުވީތަ.

  2. ޢަލީ

    ޢެލެންމަސްކް ހަދާ އެއްޗިސް އެހާ ސަޅިެއް ނޫން. މަގޭ މާސްކްވެސް އޭނަލައްވާ ހެދީ އިރު އިރުކޮޅާ ލޮނުއެޅޭ ދެން ހާސްވެފަ މައްޗައްއަރަންޖެހެނީ

    3
    1