އިނގިރޭސިވިލާތުގެ އުމުރުން 80 ވަރަކަށް އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއްގައި އޭނާ އަށް ކާފަ ކިޔާ ދެ އަންހެން ކުދިން ހައްޔަރު ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ފުލުހުން ބުނާ ގޮތުގައި ވިސްބީޗް ސަރަހައްދުގައި ދިރިއުޅެމުން އައި އުމުރުން ދުވަސްވީ ފިރިހެނަކު މަރާލި މައްސަލައިގައި ހައްޔަރު ކުރި ތިން އަންހެން ކުދިންގެ ތެރެއިން އޭނާ މަރާލުމުގައި ބައިވެރިވި ކަމަށް މިހާރު ތުހުމަތު ކުރެވެނީ ދެ އަންހެން ކުދިންނަށެވެ.

މިމައްސަލައިގައި ފުލުހުން ހައްޔަރު ކުރީ 12 އަހަރުގެ އަންހެން ކުއްޖަކާއި 14 އަހަރުގެ އަންހެން ކުއްޖަކާއި 16 އަހަރުގެ އަންހެން ކުއްޖެކެވެ. ނަމަވެސް މިހާރު ފުލުހުން ތުހުމަތުތަކެއް ކުރަނީ 14 އަހަރުގެ އަންހެން ކުއްޖާ އަށާއި 16 އަހަރުގެ އަންހެން ކުއްޖާ އަށެވެ.

ދެއަންހެން ކުދިން އެމީހުންގެ ކާފަ މަރާލި ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ ކަފާލާތުގެ ދަށުން އެމީހުން ދޫކޮށްލާފައެވެ.

ފުލުހުން ބުނާ ގޮތުގައި އުމުރުން ދުވަސްވީ މީހާގެ މެއަށް ތަދެއް އަރައިގެން އުޅޭ ކަމަށް ބުނެ ލިބުނު ރިޕޯޓަކާއި ގުޅިގެން ސިއްހީ އެހީތެރިން އޭނާގެ ގެއަށް ދިޔައިރު އޭނާ އޮތީ މަރުވެފައެވެ. ކާފަގެ މެއަށް ތަދެއް އަރައިގެން އުޅޭކަމަށް ބުނެ ރިޕޯޓް ކުރީ ހައްޔަރު ކުރި ކުދިންގެ ތެރެއިން ކުއްޖެކެވެ.

ސިއްހީ އެހީތެރިން އޭނާ ދިރިއުޅޭ ގެއަށް ދިޔައިރު އުމުރުން ދުވަސްވީ މީހާ އޮތީ މަރުވެފައެވެ.

ފުލުހުން ބުނީ މިމައްސަލައިގެ ތަޙްޤީޤަށް އިތުރު ހޯދުންތަކެއް ދެން ހޯދޭނީ މަރުވި މީހާގެ ޕޯސްޓް މޯޓަމް ރިޕޯޓް ލިބުމުން ކަމަށެވެ.