ގައުމީ ފެންވަރުގައި ދެމުން އަންނަ ދިވެހި ފިލްމް އެވޯޑްސް ހަފްލާ އަންނަ ނޮވެމްބަރު މަހު ބާއްވާ ގޮތަށް ނިންމައި، އެ އެވޯޑަށް ފިލްމްތައް ހުށަހެޅުމުގެ ފުރުސަތު ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ހުޅުވާލައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ބާއްވާ އެވޯޑްގައި މިފަހަރު ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ 2017 އަދި 2018 ވަނަ އަހަރު ރިލީޒްކޮށްފައިވާ ފިލްމްތައް ކަމަށެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު އެވޯޑްސް 9 ގައި ފިލްމު ބައިވެރިކުރުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 10 ވަނަ ދުވަހެެވެ.

މިއެވޯޑުގެ އުޞޫލް އަދި ބައިވެރިވުމަށް އެދޭ ފޯމް އެން.ސީ.އޭގެ ކައުންޓަރުންނާއި ވެބްސައިޓް www.nca.gov.mv އިން ލިބޭނެ ކަަމަށް އެ އިއުލާނުގައި ވެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެވުމަށް 3344667 ނަންބަރަށް ގުޅުމުން ލިބޭނެއެވެ.