އަހަރުމެންގެ އާންމު ދިރިއުޅުމުގައި ކަންކަން ކުރަމުންދަ އުސޫލުތަކަ މުޅިން ތަފަތުކޮށް އުޅުމުން އެތައް ބައެއްގެ ސަމާލުކަން އެފަރާތްތަކަށް ހުއްޓެއެވެ. އެއިން ކޮންމެ މީހަކު އެފަދަ ތަފާތު ކަމެއް ކުރަނީ ހަމަ އެކަނި މީހުންގެ ސަމަލުކަން ހޯދުމަށް ކަމުގައެއް ނުވެއެވެ. އެމީހުން ކުރާ ކަންކަމުގެ ފަހަތުގައި އަގުހުރި މެސެޖެއް ނުވަތަ ފިލާވަޅެއް އޮންނަ ފަހަރުވެސް މަދެކޭ ބުނެވޭކަށް ނެތެވެ. މިއީވެސް ވަރަށް އާދަޔަ ހިލާފުކަމެއް ކުރި ސައުތު އޮސްޓްރޭލިޔާ އަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ އަންހެނެއްގެ ވާހަކައެވެ.

ކައިވެންޏަށް ހައްސަކޮށް ހާހުން ފައިސާ ހަރަދުކޮށްގެން ގަންނަ ވެޑިން ޑްރެސް ގިނަ ބަޔަކު ލަނީ ހަމައެކަނި ކައިވެނީގެ ހަފްލާގައެވެ. އެތައް ފައިސާއެއް ހަރަދުކޮށްގެން ގަންނަ ވެޑިން ޑްރެސް އަކީ އެންމެ ދުވަހެއްގެ ހައެއްކަ ގަޑިއިރުގެ އަގުބޮޑު މެހެމާނެކެވެ. އެހެން ނަމަވެސް ޓަމީ ހިލް ނަމަކަށް ކިޔާ މި އަންހެން މީހާ ވަނީ އޭނަގެ ކައިވެނީގެ ހެދުން ލައިގެން މަސްބާނަން ގޮސްފައެވެ. މަސްބާނަން ދިއުމުގެ އިތުރުން ފުޓުބޯޅަ މެޗުތައް ބަލަން ދިއުމާއި އަދި ޖިމަށްގޮސް ކަސްރަތުކުރުންފަދަ ކަންކަން ވެސް އޭނާގެ ހުދު ރީތި ވެޑިން ޑްރެސް ލައިގެން ހުރެ ވަނީ ކޮށްފައެވެ.

ޓަމީ ހިލް އޭނާގެ ކައިވެނީގެ ހެދުން އާންމުކޮށް ލައިގެން އުޅުނީ އެ ހެދުން ރީތި ކަމުން ނުވަތަ ލައިގެން އުޅެން ފަސޭހަކަމަކުން ނޫނެވެ. އޭނާ އެކަން ކުރުމުގައި ވަރަށް ހާއްސަ މަގުސަދެއް އޮތެވެ. އޭނާ ބުނެފައި ވަނީ އަގުބޮޑުކޮށް ގަނެގެން އެންމެ ދުވަހަކު ހެދުން ލުމަށްފަހު ހަލާކުކޮށްލުން އޭނާ ގަބޫލު ނުކުރާކަމަށެވެ. އަދި އެހެދުން އިސްރާފު ނުކޮށް ބޭނުން ކުރެވޭނެ އެންމެ އަގުހުރި ގޮތަކީ އެއީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޓަމީ ހިލް ބުނެފައިވަގޮތުގައި އޭނާ ކައިވެނީގެ ހެދުން އިސްރާފުކޮށްލުމުގެ ވިސްނުން ބަދަކޮށްލާފައިވަނީ މީގެ ދެއަހަރެއްހާ ދުވަހުގެ ކުރިން އިންޑިއާއަށް ކުރި ދަތުރުގައެވެ. އިންޑިއަ އަކީ އެމީހުންގެ ސަގަފަތާއި އާދަކަދަ ހުންނަ ގޮތުން ކައިވެނީގެ ހަފްލާގެ ކުރިން އަދި ފަހުންވެސް އެކަމާ ގުޅުންހުރި ގިނަ އެހެނިހެން ހަފްލާތަކެއް ބާއްވަމުން އަންނަ ގައުމެކެވެ. ކޮންމެ ހަފްލާއެއް ބޭއްވުމަށްޓަކައިވެސް އެތައް ފައިސާއެއް ހޭދަ ކުރެއެވެ. އަދި ކައިިވެނި ކުރާ އަންހެން ކުއްޖާ އައިި ފިރިހެން ކުއްޖާގެ އިތުރުން ތިމާގެ މީހުންނާއި ރަހުމަތްތެރިން އެ ހަފްލަތަކުގައި ރީތި އަދި އަގުބޮޑު ހެދުން އަޅައެވެ. ޓަމީ ބުނެފައިވާ ގޮތުގައި އޭނާ އިންޑިއާއަށް ކުރި ދަތުރަށްފަހު 1 އަހަރު ވަންދެއް އެއްވެސް ހެދުމެއް އަދި ފައިވާނެއް ނުގަނެ ހުރިއެވެ. އަދި އޭގެ ފަހުންވެސް ހެދުމެއް ގަންނަނީ ކޮންމެހެން ބޭނުން ޖެހިގެން އެކަނި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޓަމީ ވަނީ އެހެދުމުގައި ވަކަރު ފެޅުމުގެ އިތުރުން އާންމު އުޅަނދުތަކުގައި ދަތުރުވެސް ކޮށްފައެވެ. އޭނާ މިހާރު ވިސްނުން ހުރީ ކުރިޔަށް އޮތް އައިސްލޭންޑް ދަތުރުގައިވެސް ވެޑިން ޑްރެސް ލައިގެން ދިއުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތުނިޔަ

    އިންޑިޔާއިން އެމަންޖެއަށް ދިމާވި ކަމެއް ނޭނގުނު.

    18