ބުއިމުގެ ބާވަތްތަކުގައި ހަކުރު ހުންނަ މިންވަރު މަދުކުރުމަށް އިނގިރޭސިވިލާތުން ކުރަމުންދާ މަސައްކަތުގެ ދަށުން ހަކުރުން ޓެކްސް ނަގަން ފަށައިފިއެވެ.

މިއީ ސީދާ ކަސްޓަމަރުންގެ އަތުން ނެގުމުގެ ބަދަލުގައި މިޓެކްސް ނަގަނީ ބުއިންތައް އުފައްދާ ކުންފުނިތަކުގެ އަތުންނެވެ. ޓެކްސްއާ ގުޅިގެން އުފެއްދުންތަކުގެ އަގު ބޮޑުކުރުމަކީ ކުންފުނިތަކުގެ އަތްމައްޗަށް ދޫކޮށްލާފައިވާ ކަމެކެވެ.

މިއާއެކު ހަކުރު ހުންނަ ބާވަތްތައް އުފައްދާ ކުންފުނިތަކުން ނަގަން ފެށި މި ޓެކްސްއާ އެކު ބައެއް ބްރޭންޑްތަކުން ވަނީ އެބްރޭންޑްތަކުގެ ބުއިންތަކުން ހަކުރުގެ މިންވަރު މަދުކުރަން ފަށާފައެވެ.

ނަމަވެސް ގިނަ އަދަދަކަށް ކިރު ހުންނަ އުފެއްދުންތަކުން ވެސް މިޓެކްސްއެއް ނުނަގާނެއެވެ. ސަބަބަކީ އެފަދަ ބުއިންތަކުގައި ކެލްސިއަމް ގިނަ އަދަދަކަށް އެކުލެވިގެންވާތީއެވެ.

އިނގިރޭސި ސަރުކާރުން ލަފާކުރަނީ މި މަސައްކަތުން ޓެކްސްގެ ގޮތުގައި 500 މިލިއަން ޕައުންޑް ލިބޭނެ ކަމަށެވެ. ހަކުރު ޓެކްސް ގެ ގޮތުގައި ލިބޭ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައި ވަނީ ސްކޫލްތަކުގެ ކުޅިވަރާއި ނާސްތާ ޕްރޮގްރާމްތަކަށެވެ.

މިގޮތުން ޓެކްސް ނެގޭ ރޭޓްތަކަށް ބަލާއިރު، ކޮންމެ 100 އެމްއެލްއަކަށް 8 ގްރާމަށް ވުރެ އިތުރަށް ހަކުރު ހުންނަ ބާވަތްތަކުން ލީޓަރަކުން 24 ޕެންސް އަދި ކޮންމެ 100 އެމްއެލްއަކަށް 8 ގްރާމާއި 5 ގްރާމާއި ދެމެދުގެ މިންވަރަކަށް ހަކުރު ހުންނަ ބުއިންތަކުން ލީޓަރަކަށް 18 ޕެންސް ނަގާނެއެވެ.

ޒުވާން އުމުރުގައި ކުދިން ފަލަވުމުގެ މައްސަލައިގެ އެންމެ ބޮޑު އެއް އަސްލަކީ މަތީ މިންވަރަކަށް ހަކުރު ހުންނަ ބުއިންތައް ބޭނުންކުރުން ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން ދުނިޔޭގެ އެކި ޤައުމުތަކުގައި ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުމަށް މިފަދަ އެތައް ކަމެއް ކުރަމުންދެއެވެ.