އިނގިރޭސިވިލާތުގެ މީޑިއާތަކުން ހުއްޓުމެއްނެތި މޭގަން މާކެލް އާއި ދިމާކޮށް، އޭނާ އަށް ފުރައްސާރަ ކުރަމުން ގެންދާތީ ފިރިކަލުން ޕްރިންސް ހެރީ "ޖަޒުބާތުން ފުރިގެންވާ ބަޔާނެއް" ނެރެފިއެވެ.

އިނގިރޭސިވިލާތުގެ މީޑިއާއަކީ ގަނާ ކުރުމުގައި (ބްލީ ކުރުމުގައި) އިންތިހާ ދަރަޖަށް ގޮސްފައިވާ އަދި ހުއްޓުމެއްނެތި ޕްރޮޕެގެންޑާ ފަތުރާ މީޑިއާތަކެއް ކަމަށް ހެރީ އާއި މޭގަންގެ ރަސްމީ ވެބްސައިޓްގައި އާއްމު ކޮށްފައިވާ ބަޔާނުގައި ޕްރިންސް ހެރީ ވިދާޅުވެފައިވެއެވެ.

ޕްރިންސް ހެރީގެ މަންމަ އަވަހާރަވި ހަނދާންތައް އާކުރައްވަމުން ހެރީގެ ބަޔާނުގައި ވިދާޅުވީ "އަޅުގަނޑުގެ ހިތުގައި މިއަދު އުފެދިފައި އޮތް އެންމެ ބޮޑު ބިރުވެރިކަމަކީ އަޅުގަނޑުގެ މަންމަ އަށް ދިމާވި ފަދަ ގޮތެއް އަޅުގަނޑުގެ އަނބިމީހާ އަށް ދިމާވެދާނެ ކަމުގެ ބިރުވެރިކަމެވެ. އަޅުގަނޑުގެ މަންމަ އާއި ދިމާކޮށްލި ގޮތައް އަޅުގަނޑުގެ އަނބިމީހާ އާއި މީޑިއާ އިން ދިމާކޮށްލުމުން މީޑިއާތަކުގެ ޝިކާރައަކަށް އަޅުގަނޑުގެ އަނބިމީހާ ވެފައިވާ މަންޒަރު އެބަފެނެއެވެ."

ޕްރިންސް ހެރީ ވިދާޅުވީ ކަނޑައެޅިގެން ދޮގު މައުލޫމާތުކަން އެނގިހުރެ ބައެއް މީޑިއާތަކުން އެމައުލޫމާތުތައް ހާމަކުރަމުން ގެންދާ ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ އާއިލާއަށް ކުރަމުންދާ އަސަރު ބަޔާން ކުރަން ވެސް ދަތި ކަމަށެވެ.

ހެރީ ވަނީ މޭގަން އޭނާގެ ބައްޕަ އަށް ފޮނުވި ސިޓީއެއް "ޑެއިލީ މެއިލް" އިން އާއްމު ކުރުމުން އެމައްސަލަ ކޯޓަށް ހުށަހަޅަން ވެސް މިހާރު ނިންމާފައެވެ.

މޭގަން ޕްރިންސް ހެރީ އާއި ކައިވެނި ކުރި ހިސާބުން އިނގިރޭސިވިލާތުގެ މީޑިއާތަކުން މޭގަން އަށް ތަފާތު ފާޑުކިޔުންތައް ކުރިމަތިކޮށް، އޭނާގެ އަމިއްލަ ކަންތައްތަކާއި ބެހޭ ޚަބަރުތައް ވަރަށް ގިނައިން އާއްމު ކުރަމުން ގެންދެއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އިނގިރޭސި މީޑިއާ އިން މޭގަން އަށް ފާޑުކިޔަނީ އޭނާ އަކީ އިނގިރޭސިވިލާތައް އުފަން މީހަކަށް ނުވެފައި ކަޅު ނަސްލުގެ މީހަކަށް ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުބީނު މާރނީ

    މީހަކު އެއްޗެއް ކިއްޔާ ވާކަމެއް އޮވޭތަ ؟ ކިޔަކިޔާ ތިބެން ޖެހޭނީ. ލިޔެލިޔެ ތިބެން ޖެހޭނީ. އަހަރުމެންގެ ޓްރާންޕޯރޓް މިނިސްޓަރ އާއިޝާ ވިދާޅުވާހެން، "ކުރެވޭނެ ކަމެއް ނޯންނާނެ".

    15
    3