އެމެރިކާގެ ފްލޮރިޑާގައި ކުޑަ ދެކުދިން ގޭގައި އެކަނި ތިއްބާ ގަދަކަމުން އެ ގެއަށް ވަންނަން މަސައްކަތް ކުރި މީހެއްގެ ފަރާތުން އަންހެން ކޮއްކޮ ސަލާމަތް ކުރަން އުޅެނިކޮށް 15 އަހަރުގެ ބޭބެ މަރުވެއްޖެއެވެ.

އުމުރުން 15 އަހަރުގެ ކައިލާ އެޑްމަންޑް އާއި އޭނާގެ 5 އަހަރުގެ އަންހެން ކޮއްކޮ ގޭގައި އެކަނި ތިބި ވަގުތެއްގައި 26 އަހަރުގެ ފިރިހެނެއް ވަނީ އެގެއަށް ވަދެފައެވެ. ބެލެވޭ ގޮތުގައި ކައިލާ ވަނީ އެ މީހާ އޭނާގެ އަންހެން ކޮއްކޮ އާއި ބެހިފާނެތީ އެ މީހާ އާއި ކުރިމަތިލާފައެވެ.

ކައިލާ ގެއަށް ވަދެ އޭނާ މަރާލި މީހާ. ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މި މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައި

މި ކުރިމަތިލުމުގެ ތެރޭގައި ކައިލާ އަށް ވަޅިން ހަމަލާ ދީފައި ވުމުން އޭނާ ވަނީ މަރުވެފައެވެ. ނަމަވެސް، އޭނާ މަރުވުމުގެ ކުރިން ގެއަށް ވަތް މީހާ އަށްވެސް ވަޅިން ހަމާލާ ދީފައިވާކަން ފާހަގަކޮށްލެވެއެވެ. ރިޕޯޓުތައް ބުނާގޮތުން ކައިލާ އެހެން ކަންތައް ނުކުރިނަމަ، އެ މީހާ ކައިލާގެ އަންހެން ކޮއްކޮ އާއި ބެހޭނެއެވެ.

ކައިލާ ދިން ހަމަލާ ތަކުގެ ސަބަބުން ގިނަ އަދަދެއްގެ ލެޔާއި އެކު އެ ގެއަށް ވަތް މީހާ މަގުމަތީގައި ދުވެފައި ދިޔަ މަންޒަރު ފެނިގެން އާއްމުން ވަނީ ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. މިހާރު އެ މީހާ ހައްޔަރު ކޮށްފައި ވާއިރު، އެމެރިކާގައި ގެއަށް ވަންނަ ވަގުންނާއި ދެކޮޅަށް ބާރުގެ ބޭނުން ކުރުމަކީ ހުއްދަ ކަމެކެވެ. އަދި އަމިއްލަ ނަފްސު ދިފާއު ކުރުމަށްޓަކައި ބަޑިވެސް ޖެހުން އެފަދަ ހާލަތްތަކުގައި ހުއްދަވެގެން ވެއެވެ.

ކައިލާގެ ފަހުގެ ފޮޓޯ އެއް

ކައިލާގެ މި ހިތްވަރުގަދަ އަމަލުގެ ސަބަބުން އޭނާގެ އަންހެން ކޮއްކޮ އަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާއިރު، މީހުން މިހާރު ކައިލާ ދެކެމުން އަންނަނީ "ހީރޯ" އެއްގެ ގޮތުގައިކަން ފާހަގަކޮށްލެވެއެވެ. އަދި އޭނާގެ އާއިލާ އަށް އެހީވުމުގެ ގޮތުން ވަނީ ފަންޑެއްވެސް ހުޅުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު