ސެލެޑަކީ ހަށިގަނޑަށް އެންމެ ފައިދާހުރި އެހެންނަމަވެސް ގިނައިން މީހުން ކައިނޫޅޭ އެއް ކެއުމެވެ. ޕިއްޒާ ނުވަތަ ފްރައިޑް ރައިސް ފަދަ ކާ އެއްޗިއްސަށްވުރެ ސެލެޑުން ހަށިގަނޑަށް ލިބޭ ފައިދާ އިތުރުވާއިރު ސެލެޑަކީ ކޮންމެ ދުވަހަކުވެސް ކެއުމަށް މަސައްކަތް ކުރަންޖެހޭވަރުގެ ހަށިގަނޑަށް ފައިދާހުރި އެއްޗެކެވެ. އަދި ސެލެޑަކީ ގިނަ އިރުތަކެއް ވަންދެން މީހާ ބަނޑުހައިނުވެ ހުރުމުގެ އިތުރުން ބަރުދަން ލުއިކުރުމަށްވެސް ކެއުން އެންމެ ރަނގަޅު އެކައްޗެވެ.

ފެހިކުލަ ގަދަ ފަތް އަދި ތަރުކާރީ ހިމެނޭ ސެލެޑަކީ އޭގެ ސަބަބުން މީހާގެ ލޭގައި އެންޓި އޮކްސިޑެންޓްސް ހިމެނޭ މިންވަރު އެތައް ގުނައަކަށް އިތުރުކޮށްދޭ އެއްޗެކެވެ. ސެލެޑުގައި ހިމެނުމަށް މަގުބޫލުވެފައިވާ އެކި ފަތްތަކާއި ތަރުކާރީއަކީ އޭގެ ސަބަބުން ވިޓަމިން ސީ، ވިޓަމިން އީ، ފޮލިކް އެސިޑް، ލައިސޮޕޭން، އަލްފާ އަދި ބީޓާ ކެރޮޓީން ގިނަ އަދަދަކަށް ހަށިގަނޑަށް ލިއްބައިދޭ އެއްޗިއްސެވެ. އެންޓި އޮކްސިޑެންޓްސް އަކީ ހަށިގަނޑަށް ގެއްލުންދޭ ފްރީ ރެޑިކަލްސްގެ ނަން ދެވިފައިވާ މޮލެކިއުލްތަކެއްގެ ސަބަބުން ލިބޭ ގެއްލުމުން ސަލާމަތްކޮށްދޭ މާއްދާތަކެކެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ގިނަ އަދަދަކަށް މޭވާ އާއި ތަރުކާރީ ކެއުމަކީ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކާއި މީހާ ވަރަށް ބޮޑަށް ދުރުކޮށްދޭ ކަމެކެވެ. އަދި އެއީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށްވެސް ކެންސަރުން ސަލާމަތްވުމަށް ކުރެވެން އޮތް އެންމެ ރަނގަޅު އެއް ކަމެވެ. އެގޮތުން އެކި ބާވަތުގެ ބީންސް، ޕީސް، ޕެޕާރސް، ޓޮމާޓޯ، ކެރެޓް، އާފަލު، ޕީޗް އަދި ސްޓްރޯބެރީއަކީ ސެލެޑްގައި ހިމަނައިގެން ކެއުމަށް އެންމެ ރަނގަޅު ބައެއް ކާނާތަކެވެ.