ދެވަނަ ބޮޑު ހަނގުރާމާގައި ބޭނުންކުރި އެމެރިކާގެ މަތިންދާބޯޓެއް އެ ގައުމުގެ އެއާޕޯޓަކަށް ވެއްޓިއްޖެއެވެ.

އެ ގައުމުގެ ކަނެކްޓިކަޓުގައި ހުންނަ ބްރޭޑްލީ އިންޓަނޭޝަނަލް އެއާޕޯޓަށް އެ ބޯޓު ޖައްސަން މަސައްކަތް ކުރި ވަގުތު ވަނީ އެއާޕޯޓުގައި ހުރި ޝެޑެއްގެ މައްޗައް ވެއްޓިފައެވެ. މި ހާދިސާ ހިނގި ވަގުތު އެ ބޯޓުގައި ތިބީ ކިތައް މީހުން ކަމެއް އަދި ހާމަވެފައި ނުވި ނަމަވެސް، އެކަކު ވަރަށް ބޮޑަށް ފިހުމުގެ ސަބަބުން ވަނީ އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ވެއްޓިފައި ވަނީ މިކަހަލަ މަތިންދާބޯޓެއް

މިހާރު ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފައްދާ އެއް ކުންފުނި ކަމުގައިވާ ބޮއިންގް އިން 1930ގައި އުފައްދާފައިވާ "ބީ-13 ފްލައިން ފޯޓްރެސް" މަރުކައިގެ މި މަތިންދާބޯޓަކީ 4 އިންޖީނުލީ ބާރުގަދަ ބޯޓެކެވެ. ހަނގުރާމައިގެ ދުވަސްކޮޅު ބޮން އެޅުމަށްޓަކައި ބޭނުންކުރި މި ބޯޓު މިހާރު ބަލަހައްޓަމުން އައީ ކޮލިން ފައުންޑޭޝަން ކިޔާ ޖަމިއްޔާ އަކުންނެވެ. އެއީ އާސަރީ ތަކެތި ދޭތެރެ ދޭތެރެއިން އާއްމުންނަށް ދައްކާލާ ޖަމިއްޔާއެކެވެ.

މި ހާދިސާ ހިނގުމާއި އެކު ބްރޭޑްލީ އެއާޕޯޓުން ގިނަ އަދަދެއްގެ ދުންތައް އަރަމުން ދާއިރު ކަމާބެހޭ ފަރާތްތަކުން ދަނީ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ އެއާޕޯޓަށް އިތުރު ފްލައިޓުތައް ޖެއްސުމާއި ފުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަންވެސް ފާހަގަކޮށްލެވެއެވެ.

ވެއްޓިފައި ވަނީ މިކަހަލަ މަތިންދާބޯޓެއް

އެމެރިކާ އަސްކަރިއްޔާ އިން ހަނގުރާމާއިގައި ބޭނުންކުރި ގިނަ އަދަދެއްގެ ބޯޓުތައް ވަނީ ނީލަން ކިޔައިގެން އާއްމުންނަށް ވިއްކާލާފައެވެ. މިއަދު ވެއްޓިފައި ވަނީވެސް މިފަދަ ބޯޓެކެވެ.