ބޮލީވުޑުގެ ތަރި ކަލްކީ ކޯޗްލީން، އޭނާގެ ލޯބިވެރިޔާ ހާރްޝްބާގް އާ ރައްޓެހިވިތާ މާގިނަ ދުވަސް ނުވަނީސް ފުރަތަމަ ދަރިފުޅަށް ބަލިވެއިން ހަބަރު އިއުލާނު ކުރިއިރު އިންސްޓަގްރާމު މެދުވެރިކޮށް މާބަނޑުއިރުގެ ފޮޓޯއެއް ވެސް ފުރަތަމަ ފަހަރަށް ކަލްކީ ހިއްސާކޮށްފި އެވެ.

އިންސްޓަގްރާމު މެދުވެރިކޮށް ކަލްކީ ހިއްސާކުރި ފޮޓޯއިން ފެންނަނީ ސޯފާއެއްގައި އިށީންދެ އިނދެ ބަނޑުގައި އަތް އަޅާލައިގެން އިންނަ ތަނެވެ.

އިންޑިއާގެ މަޝްހޫރު މެގަޒިން އަކަށް ދިން އިންޓަވިއުއެއްގައި ކަލްކީ ބުނީ ކަލްކީގެ ބަނޑަށް މިހާރު ފަސް މަސް ވެއްޖެ ކަމަށެވެ. އަދި އޭނާއަށް ލިބެން އުޅެނީ ފިރހެން ކުއްޖެއް ކަމަށާއި ކިޔާނެ ނަން ވެސް މިހާރު ވިސްނާފައި ވާނެ ކަމަށް ކަލްކީ ވަނީ ބުނެފަ އެވެ.

ކަލްކީ ވަނީ އޭނާ ބޮލީވުޑަށް ތައާރަފުވި ފިލްމު "ދޭވް ޑީ" ގެ ޑައިރެކްޓަރު، އަނުރާގް ކަޝްޔަޕްއާ ދެ އަހަރު ލޯބިގެ ގޮތުން ގުޅިގެން އުޅުމަށް ފަހު 2011 ވަނަ އަހަރު ކައިވެނިކޮށްފަ އެވެ. އެކަމަކު ކައިވެންޏަށް ހަތަރު އަހަރުވީ ފަހުން އެމީހުން ވަނީ ވަކިވެފަ އެވެ.

ޔޭ ޖަވާނީހޭ ދީވާނީގައި މަސައްކަތް ކޮށް ގިނަ ބައެއްގެ ލޯބި ހޯދި ކަލްކީ ވަނީ ސައިފް އަލީހާން އާއެކު "ހެޕީ އެންޑިން" ގައި ވެސް މަސައްކަތް ކޮށްފައެވެ. އަދި މިއަހަރުގެ ކުރީކޮޅު ނެރުނު ކާމިޔާބު ފިލްމު "ގަލީ ބޯއީ" އިން ވެސް ސަޕޯޓިން އެކްޓްރެސްއެއްގެ ރޯލުން ކަލްކީ ފެނިފައި ވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު