މި ދިވެހިރާއްޖޭގެ ވަށައިގެން މިވަނީ ބޮޑު ކަނޑެއް ކަމުގައި ވާއިރު ގިނަ މީހުން މޫދަށް އެރި އުޅެން ބިރުގަނެއެވެ. މިކަމުގެ އެންމެ ބޮޑު ސަބަބަކަށް ވެފައި ވަނީ މިޔަރު ފަދަ މަސްތަށްދެކެ އިންތިހާ އަށް ބިރުގަންނާތީއެވެ. އިންސާނުންގެ ލޭގެ ވަހަށް މިޔަރުތައް ޖަމާވެ، ހަމަލާ ދޭނެކަމަށް ގިނަ ބަޔަކު ބުނެއެވެ. މިއީ ހަގީގަތެއްތޯ ބެލުމަށްޓަކައި އެމެރިކާގެ ޔޫޓިއުބާ އެއް މިވަނީ ޓެސްޓެއް ހަދާފައެވެ.

މާކް ރޮބާ ނަމަކަށް ކިޔާ އެ ޔޫޓިއުބާ ވަނީ ބަހާމާސްގައި އެންމެ ގިނައިން މިޔަރު އުޅޭ ސަރަހައްދަށް ބޯޓެއްގައި ގޮސް ތަފާތު ޓެސްޓުތަކެއް ކޮށްފައެވެ. މިގޮތުން ފުރަތަމަ ޓެސްޓުގައި 4 ސާފް ބޯޑެއްގެ މަތީގައި ވަނީ އެކި އެއްޗެހި ކަނޑަށް ބޭރުވާނޭހެން ބަހައްޓާފައެވެ.

ފުރަތަމަ ބޯޑުގައި ގެރީގެ ލޭ ބެހެއްޓި އިރު ދެވަނަ ބޯޑުގައި ހުރީ ލޮނު ފެނެވެ. ތިންވަނަ ބޯޑުގައި އިންސާނުންގެ ކުޑަކަމުދާ ތަކެތި ބެހެއްޓި އިރު ހަތަރުވަނަ ބޯޑުގައި ބެހެއްޓީ މަހުގެ ތެލެވެ(ފިޝް އޮއިލް). މިއިން ކޮންމެ ބޯޑެއް މަތީގައިވެސް މި އެއްޗެހި ބަހައްޓާފައި ހުރީ ހުރިހާ ބޯޑަކުންވެސް އެއްފަހަރައި އެއްވަރަކަށް ކަނޑަށް މި އެއްޗެހި ވެރޭ ގޮތަށް އެއް ގަޑިއިރު ވަންދެންނެވެ.

މާކު އަދި މި ޓެސްޓުތައް ހަދަން ބޭނުންކުރި ބައެއް ސާފު ބޯޑުތައް

ބޯޓުގެ ވަށައިގެން ކޮންމެ ބޯޑެއްގެ ދެމެދުގައިވެސް ފުދޭ ވަރެއްގެ ދުރުމިނެއް ބަހައްޓައި އެއް ގަޑިއިރު ފަހުން ބޯޑުތައް ނަގައި، ޑްރޯން އަކުން އެ ބޯޑުތައް ކައިރިއަށް އެއްވި މިޔަރުތަކުގެ އަދަދު ވަނީ ގުނާފައެވެ. މިގޮތުން ގެރީގެ ލޭތައް ހުރި ބޯޑު ކައިރިއަށް 41 މިޔަރު އެއްވި އިރު، މަހުގެ ތެޔޮ އަޅާފައި ހުރި ބޯޑު ކައިރިއަށް 4 މިޔަރެއް ވަނީ ގޮސްފައެވެ. އަދި އިންސާނުންގެ ކުޑަކަމުދާ ތަކެއްޗާއި ލޮނުފެން ދޫވާގޮތަށް ހުރި ބޯޑު ކައިރިއަށް އެއްވެސް މިޔަރެއް ނުދެއެވެ.

ދެވަނަ ޓެސްޓެއްގެ ގޮތުން ވަނީ އިންސާނުންގެ ލޭ ބޭނުން ކޮށްފައެވެ. މި ޓެސްޓުގައި ވަނީ ޖުމްލަ 3 ބޯޑެއް ބޭނުން ކޮށްފައެވެ. މިގޮތުން އެއް ބޯޑުގައި ލޮނުފެން ދޫވާގޮތަށް ހުރި އިރު އަނެއް ބޯޑުގައި ހުރީ ކޮންމެ 4 ސިކުންތަކުން ލޭ ތިއްކެއް މޫދަށް ވެއްޓޭ ގޮތަށެވެ. ބާކީ އޮތް ބޯޑުގައި ހުރީ ކޮންމެ މިނެޓަކުން ލޭ ތިއްކެއް މޫދަށް ވެއްޓޭ ގޮތަށް ހަދާފައި ގަޑިއިރެއް ވަންދެން ބަހައްޓާފައެވެ.

ދުނިޔޭގެ އެންމެ ބޮޑު "ގްރޭޓު ވައިޓް ޝާކު"

މި ޓެސްޓުގެ ނަތީޖާ ބެލިއިރު އެއްވެސް މިޔަރެއް އެތަނުން އެއްވެސް ބޯޑަކާއި ކައިރި ވެފައެއް ނުވެއެވެ. އެހެން ނަމަވެސް، މި ޓެސްޓުތައް ހަދަމުން ގެންދިޔަ ވަގުތު އެމީހުން ތިބި ބޯޓު ކައިރީގައި ބައިވަރު މިޔަރުތައް އުޅުނެވެ. މިއާއިއެކު ޓެސްޓުގެ ނަތީޖާތައް ވަރަށް ސާފެވެ. މިޔަރުތައް އިންސާނުންގެ ލެއަށް ނުވަތަ އިންސާނުންނަކަށްވެސް މާބޮޑު ޝައުގުވެރިކަމެއް ނުހުރެއެވެ. މިޔަރަށް ލޭގެ ވަސް އެތައް މޭލެއް ދުރުން ޖެހޭއިރު، އެހައި ކައިރީގައި ތިބިއިރުވެސް އިންސާނުންގެ ލޭގެ ވަހަށް އެދިމާލަށް ނުދިއުމުން މިކަން މިވަނީ ޔަގީންވެގެން ގޮސްފައެވެ.

މި ޓެސްޓަށް ފަހު ޓެސްޓު ހެދުމުގައި ބައިވެރިވި މީހުން ވަނީ އެ މިޔަރުތަކާއި އެއްކޮށް ފީނާފައިކަން ފާހަގަކޮށްލެވެއެވެ.ގިނަ ފަހަރަށް މިޔަރުތައް އިންސާނުންނަށް ހަމަލާ ދެނީ ބަނޑުހައިވެގެން އުޅޭ ގަޑީގައި ސީލް އެއް ކަމަށް ހީކޮށްފައެވެ. ނަމަވެސް މިހެން ހަމަލާ ދޭއިރުގައިވެސް، އިންސާނުންގެ ލޭގެ ވަސް އޭތިގެ އަނގާގައި ޖެހުމުން ވަގުތުން ދޫކޮށްލާނެއެވެ.

މި ޓެސްޓު ހެދި ވަގުތު މިޔަރުތަކެއް ގެރި ލޭ ދޫކޮށްފައި ހުރި ސާފު ބޯޑާއި ދިމާލަށް ދާ ފޮޓޯ ޑްރޯން އަކުން ނަގާފައި

މޫދަށް އެރި އުޅޭއިރު، ކުލަގަދަ އެއްޗެހި ލައިގެން އުޅުމުގެ ބަދަލުގައި ކަޅު ކަހަލަ ކުލައެއް ލުން ބުއްދިވެރި ވާނެއެވެ. އެއީ މިފަދަ ކުލަތަކަށް މިޔަރު މާބޮޑު ސަމާލުކަމެއް ނުދޭތީއެވެ. މީގެ އިތުރުން، އެކި ކަހަލަ ގަހަނާތައް މޫދަށް އެރުމުގެ ކުރިން ނަގާށެވެ. އެހެންނޫންނަމަ އެ ގަހަނާތަކަށް އަލި އެޅުމުން މިޔަރު ފަދަ އެއްޗެއްސަށް އެއީ މަހެއް ކަމަށް ހީކުރެވިދާނެތީއެވެ.

ތިރީގައި އެވަނީ މި ޓެސްޓު ހެދުމަށް ފަހު މާކް ރޮބާ ޔޫޓިއުބްގައި ހިއްސާ ކޮށްފައިވާ ވީޑިއޯއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދު

    އަހަރެންގެ ކާފަގެ ކުޑަރަތް ފޮތުގައި ބުނަނީ، ރަތްކުލައިގެ އެއްޗެތިލައިގެން މޫދަށް ނޭރޭށޭ. ރަތްކުލަ ގަދަވި ވަރަކަށް މިޔަރު ކައިރިވާނޭ. ތިޔަ ޓެސްޓްގައ ކާފަ ބުނާ އެހެން ވާހަކަ އެއްވެސް ސީދާ ވެފައި އެބައޮތް. ކާފަ ބުނަނީ މިޔަރެއް އިންސާނެއްގައިގާ ދަތް އަޅާ ފިއްޔާ ލޭރަހަލީމާ ދޫކޮށްލާނޭ ދެން އެމިޔަރެއް ދެވަނަ ފަހަރަށް ދަތެއް ނާޅަނޭ.

    45
    3
    • ޒަޔާން

      ކާފަ އަށް ސަލާމް ބުނާތި

      17
  2. ރިޝާޗާ

    ހުރިހާ ވައްތަރެއްގެ މިޔަރަކަށް ކުލައެއް ނުފެންނާނެ. އިންސާނުންގެ ހުންނަ ފަސް ހިއްސުގެ އިތުރުން އެމީހުންގެ ހުރޭ އިލެކްޓްރޯރިސެޕްޝަން ކިޔާ ހިއްސެއް..މީގެއިން އެމީހުންނަށް ދިރޭ އެއްޗެހީގެ ސެލްތަކުން ދޫކުރާ އިލެކްޓްރިކް ފީލްޑް ޑިޓެކްޓް ކުރެވޭނެ. އެ އެއްޗެއްގެ ބޮޑުމިނާ ބައްޓަންވެސް މާދުރުން އެނގޭނެ....

    10