ކާޑޭޝަން އާއިލާގެ މަޝްހޫރު މޮޑެލް، ކައިލީ ޖެނާ އާއި މަޝްހޫރު ރެޕަރު، ޓްރެވިސް ސްކޮޓްގެ ލޯބީގެ ގުޅިގެން އުޅޭތާ ދެ އަހަރުވެފައި ވަނިކޮށް އެގުޅުން ނިމުމަކަށް އައިތާ އެންމެ ދުވަހެއްވެސް ނުވަނީސް، ކުރީގެ ލޯބިވެރިޔާ ޓީގާ އާއި ކައިލީ ރައްޓެހިވެގެން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން އޭނާ ރުޅިގަދަވެއްޖެއެވެ.

މަޝްހޫރު ރެޕަރ، ޓިގާ އަކީ ޓްރެވިސްގެ ކުރިން ކައިލީގެ ލޯބިވެރިޔާއެވެ. އެ ގުޅުން ނިމުމަކަށް ގެނައީ ޓީގާއެވެ. އެކަމާއި ގުޅިގެން ކައިލީ އަލުން އަނބުރާ އޭނާ އާއި ގުޅުމަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށްވެސް ވެއެވެ. ނަމަވެސް ޓީގާ އޭރު ބުނެފައިވަނީ އެދެމީހުން ދެން އަލަކުން ނުގުޅޭނެ ކަމަށާއި ކައިލީ އާއި އޭނާގެ ދިރިއުޅުމާއި ގުޅުމެއް ނެތް ކަމަށެވެ.

ކައިލީއާއި ޓީގާ ވަކިވެފައި ވަނިކޮށް އޭނާއަށް ލިބުނު ދަރިފުޅު، ސްޓޯމީ އަކީ ޓީގާގެ ދަރިއެއް ކަމުގެ އަޑުތައްވެސް ކުރިން ފެތުރިފައި ވެއެވެ. ނަމަވެސް ކައިލީ އެކަމާއި ގުޅިގެން ބުނެފައިވަނީ ސްޓޯމީ އަކީ އޭނާ ޓީގާއަށްފަހު ރައްޓެހިވި ޓްރެވިސްގެ ދަރިއެއް ކަމަށާއި، އެކަން އޭނާއަށް އެނގޭ ކަމަށެވެ. އެހެންކަމުން އެ ދަރިފުޅަކީ ކާކުގެ ދަރިއެއްކަން، މީހުންނަށް ސާބިތުކޮށްދިނުމުގެ މާނައެއް ނެތް ކަމަށް އޭނާ ވަނީ ހިތްހަމަނުޖެހުމާއެކު ބުނެފައެވެ.

ކައިލީ އާއި ޓްރެވިސް ރައްޓެހިވިތާ މާގިނަ ދުވަހެއް ނުވަނީސް އެދެމީހުންގެ މެދުގައިވެސް މައްސަލަތަކެއް ޖެހުނެވެ. ނަމަވެސް ފަހުން އަލުން ގުޅި ދެމީހުން އެކުގައި އުޅެމުންދިޔަ މަންޒަރު ކެމެރާތަކަށް ވަނީ އަރާފައެވެ. އަދި ކައިލީ އަމިއްލައަށްވެސް ވަނީ އެދެމީހުން އެކުގައި ތިބިކަން ހާމަވާހެން ފޮޓޯ އާންމުކޮށްފައެވެ.

ޓްރެވިސް އާއި ކައިލީގެ ގުޅުން ދާދި ފަހުން ނިމުމަކަށް ގެނެސްފައިވާކަން އެދެމީހުންވެސް ހާމަކޮށްފައިވާއިރު، ކައިލީ ބުނެފައިވަނީ ކުރިން އޮތް ގުޅުން ނެތްނަމަވެސް ދެމީހުންނަކީ ސްޓޯމީގެ މައިންބަފައިން ކަމަށާއި އެކަމަށް އެދެމީހުންވެސް އިހުތިރާމްކުރާނެ ކަމަށެވެ. އެހެންކަމުން ލޯބީގެ ގުޅުން ނެތަކަސް ދަރިފުޅަށްޓަކައި އެދެމީހުން އަބަދުވެސް ވާނީ ގާތް ރަހުމަތްތެރީންނަށް ކަމަށް ކައިލީ ބުނެފައި ވެއެވެ.

ޓްރެވިސް އާއި ކައިލީގެ ލޯބީގެ ގުޅުން ނިމުނުތާ އެންމެ ދުވަހެއްވެސް ނުވަނީސް ކައިލީ ޓީގާ އާއި ގުޅިގެން އުޅޭކަމުގެ އަޑުތައް ފެތުރިފައި ވަނީ ޓީގާ ހުރި ތަނަކުން ކައިލީ ފެނުމުންނެވެ. އެއާއި އެކު އެދެމީހުން އަލުން ގުޅިއްޖެ ކަމަށާއި، ޓްރެވިސް އާއި ކައިލީ މައްސަލަ ޖެހުނީވެސް ޓީގާ އާއި ދެމީހުންގެ މެދުގައި ގުޅުން އޮންނާތީ ކަމަށްބުނެ އެކި އަޑުތައް ފެތުރެމުންދިޔައެވެ.

މިކަމާއި މެދު ނުރުހުންވެ ހުރެ ކައިލީ ވަނީ ޓްވީޓެއްވެސް ކޮށްފައެވެ. އެ ޓްވީޓުގައި އޭނާ ބުނީ، އިންޓަނެޓުގައި ކޮންމެ ކަމެއްގެ ވާހަކަވެސް ހަޤީޤަތާއި އެތައް ގުނައެއް ތަފާތުކޮށް ފެތުރިދާ ކަމަށެވެ. އަދި ޓީގާ ހުރި ތަނަކަށް އޭނާއަށް އެދުވަހު ދެވުނީ އިއްތިފާޤުން ކަމަށާއި، އޭގެ މާނައަކީ އެދެމީހުން ޑޭޓް ކުރީ ނޫން ކަމަށް ކައިލީ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަހޫން

    ތި ފެންނަނީ ޒިނޭ ކޮއްގެން ދަރީން ލިބުނީމަ ނަސަބު އޮޅޭ ސަބަބު. އަދި އިސްލާމް ދީނުގައި އިއްދަ ކަނޑައަޅުއްވާފައިވާ ސަބަބު. ހަޒީން.

  2. ބުރުތުގާލު

    މުޅި ދިރިއުޅުން އެވަނީ އޮޅިން ބޮޅިންވެފަ..އެހެންވެ ބުނަނީ ފައިސާއަކީ އަދި އުފާވެރިކަމެއް ނޫން.