ކުރިއަށް އޮތް ފިލްމު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ޝާހު ރުކް ހާން ބުނެފި އެވެ. މިފިލްމު ތަފާތުވާނެކަމައް ޝާހު ބުނެއެވެ.

"ޓެޑް ޓޯކްސް" ގެ ދެވަނަ ސީޒަން ލޯންޗުކުރި އިވެންޓުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޝާހު ބުނީ އޭނާ ދެތިން ސްކްރިޕްޓެއްގައި މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި އަދި މަހެއް ނުވަތަ ދެމަސް ތެރޭ ވަގުތު ހޯދައި، އެ ޕްރޮޖެކްޓުތައް އިއުލާނު ކުރާނެ ކަމަށް ވެސް ޝާހު ވަނީ ބުނެފަ އެވެ.

ގިނަ ބަޔަކު މިހާރު ތިބީ ޝާހުގެ ކުރިއަށް އޮތް ޕްރޮޖެކްޓު އިއުލާނު ކުރާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ކާމިޔާބު ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައިވާ ޝާހު އެންމެ ފަހުން ފެނިގެން ދިޔައީ "ޒީރޯ" އިންނެވެ. ޝާހު ފިލްމަކުން ނުފެނި ގިނަ ދުވަސް ވާތީ އޭނާގެ ފޭނުން ވަނީ މީސް މީޑީއާގައި ޝާހުގެ ފިލްމެއް ބޭނުންވާ ކަމަށް ބުނެ ހާއްސަ ހޭޝްޓެގެއްވެސް ބޭނުން ކުރަން ފަށާފައިކަން ފާހަގަކޮށްލެވެއެވެ.

ބެލުންތެރިންގެ ޝައުގުވެރިކަން ހޯދާފައިވާ ޝާހު ވަނީ ތަފާތު ފިލްމު ތަކެއް ގެނެސްދީފައެވެ. އަދި ކުރިއައް އޮތް ތަނުގައިވެސް ރީތި ފިލްމުތަކެއް ފެންނާނެ ކަމަށްވެސް ޝާހު ބުންޔެވެ.
ގިނަ އެވޯޑުތައް ހާސިލްކޮށްފައިވާ ޝާހު ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ" އާއި "މޭއިން ހޫ ނާ" އަދި "ރާ ވަން" އާއި "ކަލް ހޯ ނާ ހޯ" އާއި "ޕަރްދޭސީ" އާއި "ޖަބް ތަކް ހޭ ޖާން" އާއި "ޑޯން" އަދި "ކަރަން އަރުޖުން" ހިމެނެ އެވެ.