ދިވެހި ރާއްޖެއާ ގުޅުވައިގެން ޕްރިޔަންކާ ކާޕިލް އާއި ސުވާލު ކުރީ މަޖާ ވާހަކަ ތަކެއްގެ ތެރެއިންނެެވެ. އެއީ ކައިވެނީގެ އެކިއެކި ވާހަކަތައް ދައްކަމުން ޕްރިޔަންކާ ކުރި ސުވާލެކެވެ.

ޕްރިޔަންކާ ޗޯޕްރާ މިހާރު އުޅެނީ އޭނާ އާއި ފަރްހާން އަޚްތަރު އެކުގައި ކުޅެފައިވާ “ދަ ސްކައި އިޒް ޕިންކް” ގެ ޕްރޮމޯޝަން މަސައްކަތުގަ އެވެ. އެގޮތުން އޭނާ މިދިޔަ ހަފުތާގައި ވަނީ ސޮނީ ޗެނަލްގެ މަޝްހޫރު ކޮމެޑީ ޝޯ “ދަ ކަޕިލް ޝަރުމާ ޝޯ” ގައި ބައިވެރިވެފަ އެވެ.

މި ޝޯގައި މަޖާ ވާހަކަތައް ދެއްކުމުގެ ތެރެއިން ކަޕިލް އާ ޕްރިޔަންކާ ވަރަށް މަޖާ ސުވާލެއް ކުރި އެވެ. އެއީ ދިވެހިރާއްޖެ އާ ގުޅުވައިގެން އޭނާ ކުރި ސުވާލެކެވެ. މި ސުވާލު ކުރި މަންޒަރު ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލް ވެފަ އެވެ. މި މަންޒަރުތައް ލާފައިވަނީ ކަޕިލް އެވެ.

ޝޯ އަށް ގޮސް ކަޕިލް އާއި ޕްރިޔަންކާއާ ދެމެދު ދެކެވެނު މަޖާ ވާހަކަތަކެއް ހިމަނައިގެން ސޮނީން އާންމުކޮށްފައިވާ ޝޯގެ ޕްރޮމޯއެއްގައި ދެ މީހުންގެ ކައިވެނީގެ އެކިއެކި ވާހަކަތައް ދައްކަމުން ގޮސް ޕްރޮމޯ ނިމޭ ހިސާބުގައި ޕްރިޔަންކާ ކުރަނީ މި ސުވާލެވެ. “އެއީ އިހުތިޔާރަކަށް ދެ ކްރޯޑް ރުޕީސްގެ ޗެކަކާއި ހައެއްކަ އަންހެން ކުދިންނާ އެކު ރާއްޖެ އަށް ޗުއްޓީ ހޭދަކޮށްލަން ދާން ފުރުސަތު ލިބިއްޖެ ނަމަ އިހުތިޔާރުކުރާނީ ކޮން ކަމެއްތޯ އެވެ”؟

މި ސުވާލުގެ ޖަވާބު ކަޕިލް ދިނީ އެއްވެސް ފަސްޖެހުމެއް ނެތި އެވެ. އޭނާ ބޭނުންވީ ދެ ކްރޯޑެވެ. ކަޕިލް ބުނީ އެ ފައިސާގެ ތެރެއިން ވަރަށް ކުޑަ މިންވަރަކުން އޭނާއަށް ހަ އަންހެންކުދިން ގޮވައިގެން ދިވެހިރާއްޖެއަށް ދެވިދާނެ ކަމަށާއި ފައިސާ ޚިޔާރު ކުރީ އެސަބަބާ ހެދި ކަމަށެވެ.

ޕްރިޔަންކާ އާއި ކަޕިލް އަކީ ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ދެ ތަރިންނެވެ. ޕްރިޔަންކާ އެތައް ފަހަރަކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ އިރު، ކަޕިލް އެންމެ ފަހުން ރާއްޖެ އައިސްފައި ވަނީ 2016 ގަ އެވެ.

ޕްރިޔަންކާ ބައިވެރިވާ “ދަ ކަޕިލް ޝަރުމާ ޝޯ” ގެ އެޕިސޯޑް ގެނެސްދޭނީ އަންނަ ހަފުތާގެ ހޮނިހިރު ދުވަހުގެ ރެ އެވެ. އެ އެޕިސޯޑުން “ދަ ސްކައި އިޒް ޕިންކް” ގެ ބަތަލު ފަރުހާން އަޚްތަރު ވެސް ފެންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު