ފޮޓޯ އިން އެ ފެންނަނީ ރަޝިޔާ އަށް ނިސްބަތްވާ އެމިލީ ޒަމޫރްކާއެވެ. ރަޝިޔާ އަށް ނިސްބަތްވި ނަމަވެސް އެމިލީ ދިރިއުޅެމުން އަންނަނީ އެމެރިކާގެ ލޮސް އެންޖެލެސްގައެވެ. އެމިލީ މަގުމަތިވެފައި ވާއިރު، ފުލުހެއްގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން މިވަނީ ބަދަލުވެފައެވެ.

މީގެ އަހަރުތަކެއް ކުރިން އެމެރިކާ އަށް ދިރިއުޅުން ބަދަލު ކުރުމަށް ފަހު އެމިލީ ވަނީ ކުޑަކުދިންނަށް ޕިއާނޯ ކުޅެން ދަސްކޮށްދޭ ކްލާސްތައް ނަގައިދޭން ފަށާފައެވެ. ނަމަވެސް، އޭނާ އަށް ބައްޔެއް ޖެހި، ބޭސް ފަރުވާ ނުކުރެވި އެމިލީ ވަނީ މަގުމަތިވެފައެވެ.

މަގުތައް މަތީގަ އާއި އާއްމުން ގިނަ ތަންތަނުގައި އެމިލީ ލަވަ ކިޔައިގެން ފައިސާ ހޯދައެވެ. ދާދި ފަހުން އެ ގައުމުގެ ޓްރެއިން ސްޓޭޝަނެއް ތެރޭގައި އެމިލީ ލަވަ ކިޔަން ހުއްޓައި ފުލުހަކަށް ފެނިގެން ވަނީ އެ މަންޒަރު ވީޑިއޯ ކުރުމަށް ފަހު ފުލުހުންގެ މީސް މީޑިއާ އެކައުންޓުގައި ހިއްސާ ކޮށްފައެވެ.

މިއާއިއެކު އެތައް ހާސް ބަޔަކަށް އެ ވީޑިއޯ ފެނުނުއިރު، މަޝްހޫރު މިއުޒިކް ޕްރޮޑިއުސާ ޖޯއެލް ޑައިމަންޑްވެސް މީގެ ތެރޭގައި ހިމެނެއެވެ. ގްރެމީ އެވޯޑަށް މީގެ ކުރިން ނޮމިނޭޓް ވެފައިވާ ޖޯއެލް ވަނީ އެމިލީ އަށް ވަޒީފާ ހުށަހަޅާފައެވެ.

އެމިލީގެ ފުރަތަމަ ލަވަ ވަރަށް އަވަހަށް ނެރުމަށް ހަމަޖެހިފައި ވާއިރު، އޭނާ އަށް މިހާރުވެސް އެކި ތަންތަނުގައި ލަވަ ކިޔުމުގެ ފުރުސަތު އަންނަނީ ލިބެމުންނެވެ. މީގެ އިތުރުން އާއްމުން ދަނީ އޭނާ އަށް އެހީވުމުގެ ގޮތުން ފައިސާ ދެމުންނެވެ. މިހައިތަނަށް އެމީ އަށް 85،000ށް ވުރެ ގިނަ އެމެރިކާ ޑޮލަރު ( 1 މިލިއަން 3 ލައްކަ ތޭރަ ހާސް ދިވެހި ރުފިޔާ) ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.