ސްޕެއިންގައި ކަނޑުމަގުން މަސްތުވާތަކެތީގެ ބޮޑު ނެޓުވޯކެއް ހައްޔަރުކުރަން އުޅުމުގެ ތެރޭގައި 3 ފުލުހަކު ކަނޑަށް ވެއްޓި އޮޔާ ދަނިކޮށް، އެމީހުން މަރުން ސަލާމަތްކޮށްދިނުމުން ވެސް ފަހުވަގުތު ފުލުހުން އެ ޑްރަގު ނެޓުވޯކްގެ 4 މީހުން ހައްޔަރުކޮށްފިއެވެ.

ސްޕެއިންގެ 'ސިވިލް ގާޑް' ގެ ތަޖުރިބާކާރު ފުލުހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެތި ނެޓުވޯކުތަކަށް ފާރަލާ ބައެކެވެ. އެގައުމުގެ 'މަލާގާ' ސިޓީގެ އައްސޭރިފަށުން 3 ޓަނުގެ ހަޝިޝް އާއި އެއްކޮށް ގުރޫޕަކުން ދަތުރުކުރަމުންދާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމުން އެމީހުން ވަނީ ކަނޑުމަގުން، ލޯންޗުގައި އެ ގުރޫޕު އަތުލައިގަތުމަށް އޮޕަރޭޝަނަކަށް ނުކުމެފައެވެ.

ލޯންޗުގައި ޑްރަގު ނެޓުވޯކް ފަހާ ދުއްވުމުގެ ތެރެއިން 2 އުޅަނދު ޖެހި، ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ. އެ އެކްސިޑެންޓުގައި ބޮޑުވަރުވެފައި ވަނީ ފުލުހުން ދުއްވަމުން ދިޔަ ލޯންޗަށެވެ. އެ ލޯންޗުގައި ޖެހުމުގެ ސަބަބުން ލޯންޗުގެ މިސްރާބު ގެއްލި، ވަރަށް އަވަހަށް އަޑިއަށް ދާން ފެށުމުން ފުލުހުން ވަނީ މޫދަށް ފުންމާލާފައެވެ.

ފުލުހުންގެ ސިވިލް ގާޑުގެ އެ އޮޕަރޭޝަންގެ ހުރިހާ މަންޒަރުތަކެއް، ކަނޑުމަތިން ދަތުރުކުރަމުން ދިޔަ ފުލުހުންގެ ހެލިކަޕްޓަރަކުން ދިޔައީ ބަރާބަރަށް ނަގަމުންނެވެ. ކަނޑުމަތީގެ އެކްސިޑެންޓުގެ ސަބަބުން އޮޔާ ދިޔަ 3 ފުލުހުންގެ ފުރާނަ ސަލާމަތް ކުރަން ވެގެން ހެލިކަޕްޓަރުގައި ތިބި ފުލުހުންގެ ޓީމުން ޑްރަގު ނެޓުވޯކުގެ އެހީއަށް އެދުނެވެ. ޙައިރާންކުރަނިވި ގޮތަކަށް އެމީހުން އެކަން ކުރުމަށް އެއްބަސްވެ، އެ ފުލުހުން ސަލާމަތްކޮށްދިނެވެ.

ކިތަންމެ ހެޔޮ ކަމެއް ކޮށްދިން ނަމަވެސް، ސިވިލް ގާޑުގެ އޮފިސަރުން ވަނީ ފަހު ވަގުތު ލޯންޗުން ދަތުރުކުރި ޑްރަގު ނެޓުވޯކުގެ 4 ބައިވެރިން ހައްޔަރުކޮށްފައެވެ.

ގިނަ އަދަދެއްގެ ހަޝިޝް އެމީހުން ފެނުނުއިރު، އެ ތަކެތި ގެނެސްފައިވަނީ މޮރޮކޯ އިން ކަން ވަނީ އެނގިފައެވެ. އަދި އެތަކެތި ސްޕެއިނުގެ ބޮޑެތި ޑީލަރުން މެދުވެރިވެގެން މުޅި ޔޫރަޕަށް ވިއްކުމަށް އެ ގްރޫޕުން މަސައްކަތް ކުރިކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޛޖޖ

    ޢެއީ ހައްޔަރުކުރަންނުޖެހޭ ސަބަބެއްނޫން.ބަރާބަރު

    45
    4
  2. ރަމްޒީ

    އެދިނީ ތެޔޮހަމެއް