ކައިލީ ޖެނާ އަށް "ޗީޓް" ނުކުރާ ކަމަށް އޭނާގެ ލޯބިވެރިޔާ ޓްރަވިސް ސްކޮޓް ބުނެފި އެވެ.

ޓްރަވިސް އެހެން ބުނެފައި ވަނީ ދާދި ފަހުން މީސް މީޑިއާގައި ކައިލީއަށް އޭނާ މަކަރު ހަދާފައިވާ ކަމަށް ވާހަކަތައް ފަތުރާވަފައި ވާތީ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އެކަމަށް ޖޯކު ޖަހާފައި ވާއިރު ޓްރެވިސް ބުނީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އޭގެ އިތުރުން މިހާރު އިސްކަން ދެނީ އޭނާގެ ދިރިއުޅުމާއި މިއުޒިކާއި އާއިލާއަށް ކަމަށް ވެސް ޓްރަވިސް ވަނީ ބުނެފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ ދެމީހުން އެކުގައި ބޭރުން އެންމެ ފަހުން ފެނުނީ އޮގަސްޓު މަހުގެ 27 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން އެ ދެމީހުންގެ ދޭތެރޭގައި މައްސަލަތަކެއް ޖެހުނު ކަމަށާއި އެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރި ނަމަވެސް އިތުރަށް ގުޅުން ކުރިއަށް ގެންދެވެން ނެތުމުން ދެމީހުން ރުޅިވާން ނިންމީ ކަމަށް ވެސް ވެއެވެ.

އޭގެ އިތުރުން ކައިލީ އަކީ މީސް މީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅޭ ފަންނާނެކެވެ. ނަމަވެސް އެ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް މީސް މީޑިއާގައި ހިއްސާނުކުރާތާ ވެސް މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެގޮތުން އެދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް ކައިލީ އެންމެ ފަހުން ހިއްސާކޮށްފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުކަން ފާހަގަކޮށްލެވެއެވެ.

ކައިލީ އާއި ޓްރެވިސް ރުޅިވި ހަބަރަކީ ހިތާމަވެރި ހަބަރަކަށް ވީނަމަވެސް ކައިލީ އާއި ގުޅެން ބޭނުންވެފައި ތިބި މީހުންނަށް މިއީ އުފާވެރި ހަބަރަކަށް ވެގެންދާނެ ކަން ކަށަވަރެވެ.

އުމުރުން 21 އަހަރުގެ ކައިލީ އާއި 26 އަހަރުގެ ޓްރަވިސް ލޯބީގެ ގޮތުން 2017 ވަނަ އަހަރު ގުޅިފައިވާއިރު އެމީހުންނަށް ލިބިފައިވާ ދަރިފުޅަށް މިހާރު ވަނީ އެއް އަހަރުފުރިފަ އެވެ.