ވޭޕް ކުރުމުގެ ސަބަބުން ކެންސަރަށް މަގުފަހިވާކަން ހާމަވެއްޖެއެވެ. މިކަން ހާމަވެފައިވަނީ އެމެރިކާގެ ނިއުޔޯކު ޔުނިވާސިޓީގެ ރިސާޗަރުންތަކެއް މީދާ ބޭނުންކޮށްގެން ހެދި ތަހުލީލަށް ފަހުގައެވެ.

އެމެރިކާގެ ނިއުޔޯކު ޔުނިވާސިޓީގެ ރިސާޗަރުން ވަނީ އެ ތަހުލީލަށް 40 މީދާ ބޭނުންކޮށްފައެވެ. އެ މީދާތަކަށް ވަނީ 1 އަހަރު ދުވަހު ވޭޕް ކުރެވޭ ވަރަށް އީ ސިގެރޭޓުގެ އިސްތިޢުމާލު ކުރުވަން ދީފައެވެ. އެއީ އަދި އިންސާނުން ވޭޕް ކުރާ ވަރަށް ވުރެ ވެސް އިތުރުކޮށެވެ.

މީދާ ބޭނުންކޮށްގެން ވޭޕް ތަހުލީލު ކުރި ޓީމުން ބުނާގޮތުން ވޭޕް އިން ދޫ ކުރާ ދުމަށް އެމީދާތައް ވަނީ 54 ހަފްތާ (1 އަހަރު) ވަންދެން ހުށަހަޅާފައެވެ. އޭގެ ސަބަބުން މީދަލުގެ މުޅި ހަށިގަނޑު ނިކޮޓިން އެކުލެވޭ ވޭޕް ދުމަށް ތަހުލީލު ކުރި 20 މީދަލުގެ ތެރެއިން 9 މީދަލަށް ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ކަމަށް ޔުނިވާސިޓީގެ ޓީމުން ބުންޏެވެ. ނަމަވެސް ނިކޮޓިން ނުހިމެނޭ ދުމަށް 20 މީދާ ހަމަ އެ މުއްދަތުގައި ޓެސްޓު ކުރިއިރު އެއްވެސް މީދަލަކަށް ކެންސަރު ނުޖެހުނެވެ.

އީ ސިގިރޭޓު، ނުވަތަ ވޭޕް އެންމެ ފުރަތަމަ މާކެޓަށް ނުކުންވާފައިވަނީ ދުންފަތުގެ އިސްތިޢުމާލްކުރުމުގެ ގެއްލުންކުޑަ ގޮތެއް ކަމުގައި އިޝްތިހާރު ކޮށްގެންނެވެ. ދުންފަތުގެ އިސްތިޢުމާލް ކޮށްގެން ފުއްޕާމޭގެ ކެންސަރު ޖެހިގެން އެމެރިކާ އިން އެކަނިވެސް 160،000 މީހުން އަހަރެއްގެ މައްޗަށް މަރުވެއެވެ. ޖަނަވާރުންނަށް ކެންސަރު ޖެހޭކަންވެސް މިހާރު ވަނީ ޔަޤީންކުރެވިފައެވެ.

މިފަހަކަށް އައިސް ވޭޕްކޮށްގެން މަރުވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެގެން ގޮސްފައެވެ. ވޭޕްގެ ސަބަބުން ފުއްޕާމޭގެ ކެންސަރު ނުޖެހުނަސް ފުއްޕާމޭގެ އެކި ބަލިތައް ޖެހިގެންވެސް ބައެއް ޒުވާނުން ވަނީ މަރުވެފައެވެ. ވޭޕް ކުރާއިރު ހޫނުކުރާ ވޭޕް ފްލޭވާ ގައި އިންސާނުން އަދި ޖަނަވާރުންގެ ފުރާނައަށްވެސް ނުރައްކާތެރި ކޮންމެވެސް މާއްދާއެއް އެކުލެވޭކަން އެނގޭއިރުވެސް އެއީ ކޮން އެއްޗެއް ކަން އަދިވެސް ސައިންސްވެރިންނަށް ހޯދިފައެއްް ނުވެއެވެ.