އެމެރިކާގެ ޓެކްސަސްގައި ކައިވެނި ކުރަން ތައްޔާރުވެގެން ހުރި ފިރިހެނަކު އޭނާގެ ވާން އުޅޭ އަނބިމީހާ އަށް އަނގޮޓިއެއް ގަނެދިނުމަށްޓަކައި ބޭންކެއް ފަޅާލައިފިއެވެ. އޭނާ އެ ބޭންކު ފަޅާލީވެސް ކައިވެނީގެ އެއް ދުވަސް ކުރިންނެވެ.

ހީތް އެޑްވާޑު ނަމަކަށް ކިޔާ އެމީހާ ހުކުރު ދުވަހުގެ ހެނދުނު 11 ޖެހިއިރު ފަޅާލާފައިވަނީ 'ސިޓިޒެންސް ސްޓޭޓް ބޭންކް' ގެ ގޮތްޕެކެވެ. ހީތް އެ ބޭންކަށް ވަދެގަނެގެން ގޮސް އެތަނުގެ ތެރޭގައި ހުރި ކަސްޓަމާ ސާވިސް މުވައްޒަފަކަށް އޭނާ އަތުގައި ބަޑިއެއް އޮތް ކަމަށް ބުނެ ބިރުދެއްކުމަށްފަހު ވަނީ ފައިސާ ހޯދުމަށް ޑިމާންޑު ކޮށްފައެވެ. އަދި އޭނާ އަށް އަތުޖެހުނު ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ފިލާފައިވެއެވެ.

ފުލުހުންނާ ހަވާލާދީ މަޢުލޫމާތު ލިބޭ ގޮތުން ހީތް ވަނީ އޭނާ އެ ފައިސާ ބޭނުންވަނީ ކުރިއަށް އޮތް ދުވަހުގައި އޮންނަ އޭނާގެ ކައިވެންޔަށް ކަމަށް ބޭންކު މުވައްޒަފު ކައިރީ ބުނެފައެވެ. "އޭނާ ކުރު ގޮތަކަށް މުވައްޒަފު ކައިރީ ބުނީ އޭނާ މާދަމާ ކައިވެނި ކުރަން އުޅޭ ވާހަކަ އާއި، އަދިވެސް ކައިވެންޔަށް ދޭން އަނގޮޓިއެއް ގަންނަން ފައިސާ އޭނާ އަތުގައި ނެތް ވާހަކައާއި ކައިވެނި ކުރަން ހަމަޖެހިފައިވާ ތަނަށްވެސް ފައިސާ ދައްކަން ޖެހޭ ވާހަކަ." ޓެކްސަސްގެ ފުލުސް އޮފިސަރެއް ކަމަށްވާ ވުޑީ ވޮލޭސް ކިޔާދިނެވެ.

ހީތް ވައްކަން ކުރި ބޭންކު ހުންނަނީ އޭނާ ދިރިއުޅޭ ހިސާބުން 30 މިނެޓުން ދަތުރުކޮށްފައި ދެވޭ ހިސާބުގައެވެ. ވައްކަން ކުރުމަށްފަހު ހީތް ވަނީ އޭނާ ލައިގެން ހުރި އަންނައުނު ކާރު ދޮރުން ބޭރަށް އެއްލާލާފައެވެ. ހީތް ވައްކަން ކުރަންވެގެން ލައިގެން ހުރި އަންނައުނުވެސް، އަދި އޭނާ ގެންގުޅުނު ބަޑިވެސް ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގު ތެރޭގައި ހޯދާފައެވެ.

އެންމެ ފުރަތަމަ ވައްކަން ކުރީ ކޮން ފަރާތެއް ކަން ނުހޯދުނު ނަމަވެސް ފުލުހުން ވަނީ ބޭންކު ފަޅާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ވީޑިއޯ ފުޓޭޖެއް މީސްމިޑިއާ މެދުވެރިކޮށް އެމީހުންގެ ފޭސްބުކް އެކައުންޓުގައި ޕޯސްޓުކޮށްފައެވެ. ހަމަ އެދުވަހު އެ ޕޯސްޓު ފެނިފައިވަނީ ހީތް ކައިވެނި ކުރަން އުޅުނު އަންހެން މީހާ، ޑިއޯން ޓްރޭލާ އަށެވެ.

ޑިއޯން އަށް ވަގުތުން އެއީ ހީތް ކަން ކަށަވަރުވެގެން އޭނާ ވަނީ ހީތް ފުލުހުންނާއި އަމިއްލައަށް ހަވާލުވުމަށް ބުނެފައެވެ. ހީތް އޭނާގެ ލޯބިވެރިޔާގެ ބަސް ޤަބޫލުކޮށް އަމިއްލައަށް ފުލުހުންނާއި ހަވާލުވިއެވެ. "މާދަމާ" ކައިވެނި ކުރަން ތައްޔާރުވެގެން ކުރިހާ ޕްލޭނެއް އެއްބުރުން ކެންސަލް ވެއްޖެއެވެ. ހީތްގެ މައްޗަށް ހިއުސްޓަން ކޯޓުގައި ދަޢުވާކޮށްފައިވަނީ ހަތިޔާރު ބޭނުންކޮށްގެން ނުރައްކާތެރި ވައްކަމެއް ކުރުމުގެ ކުށުގެ ދަޢުވާއެވެ. އޭނާ މިހާރު ވަނީ ޖަލަށް ލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައީސް

    އަންހެން ގޮލާ ދޯ މި ރިޕޯރޓް ކުރީވެސް. އެވަރު އަންހެނުންނަށް އެ މަރު ދެނީ