އެކި މީހުން ކުރާހިތްވާނީ އެކި ކަންތައްތަކެވެ. އާއްމުކޮށް ލިބޭ ހުސްވަގުތުތަކުގައި ތަފާތު އެއްޗެހި އެއް ކުރުމަކީ ގިނަ ބައެއްްގެ އާދައެވެ. އެގޮތުން ފައިސާ ފޮއްޗާއި، ބޮއްޔާއި ފޮތާއި ފަންސޫރު ފަދަ ތަކެތިވެސް ބައެއް މީހުން "ހޮބީ"އެއްގެ ގޮތުގައި އެއްކުރެއެވެ.

ބައެއް މަޝްޙޫރު އަދި މުއްސަނދި މީހުން ބަލަނީ ވީހާވެސް އަގުބޮޑު އަދި އާއްމުންނަށް ނުލިބޭ ފަދަ ތަކެތި އެއް ކުރާށެވެ. އެގޮތުން ބްރޭންޑެޑް ކާރާއި، ބޫޓާއި އެ ނޫނަސް އަގުބޮޑު ތަކެތި އެއްކުރުމަށް އެފަދަ ފަރާތްތަކުން ލޯބިކުރެއެވެ. ނަމަވެސް ބޮލީވުޑްގައި މުއްސަނދި އަދި މަޝްހޫރު ތަރި ސަލްމާން ޚާން ހޮބީއެއްގެ ގޮތުގައި އެއް ކުރަނީ، ފެންވަރަން ބޭނުންކުރާ، ގަނޑު ސައިބޯންޏެވެ.

އިންޑިއާގެ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާގޮތުގައި، ސަލްމާން އެއް ކުރާ ހިތްވަނީ ގަނޑު ސައިބޯންޏެވެ. އެނޫހުގައި ބުނެފައިވާގޮތުގައި، ސަލްމާންއަކީ މީރުވަސް ދުވާ އެއްޗެއްސަށް ވަރަށް ބޮޑަށް ލޯބިކުރާ މީހެކެވެ. އޭނާ އެކި ވައްތަރުގެ މީރުވަސް ދުވާ ގަނޑު ސައިބޯނި އެއް ކުރާތާ އެތައް ދުވަހެއް ވެފައިވާއިރު، މިހާރު އޭނާ އެއް ކުރާ ގަނޑު ސައިބޯނީގެ ތެރޭގައި، މިވަގުތު ލިބެން ހުރި ހުރިހައި ވައްތަރެއްގެ ސައިބޯންޏެއް ހުރި ކަމަށް ވެއެވެ.

ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާގޮތުގައި، ސަލްމާން ޤައުމުން ބޭރަށްކުރާ ދަތުރުތަކުގައިވެސް އެކި ތަންތަނުން ސައިބޯނި ގަނެއެވެ. އަދި އެތަކެތި ގެޔަށް ގެންގޮސް ވަކި ތަނެއްގައި ބަހައްޓާފައި ހުންނައިރު، އޭނާގެ ކަލެކްޝަންގައި އެތައް ސަތޭކަ ވައްތަރެއްގެ ސައިބޯންޏެއް މިވަގުތު ހުރި ކަމަށް އެނޫހުގައި ބުނެފައިވެއެވެ.

ސަލްމާނަކީ ބޮލީވުޑްގައި އެންމެ އަގުބޮޑު އެއް ތަރި ކަމުގައިވާއިރު، މުޅި ދުނިޔެއިންވެސް ނުވަ ވަނައަށް އެންމެ އަގުބޮޑު އެކްޓަރަކީ އޭނާއެވެ. ނަމަވެސް އެހެން މުއްސަނދި މަހުޖަނުންގެ ހޮބީއަށް ބަލާއިރު، ސަލްމާންގެ ހޮބީ ވަރަށް ތަފާތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    މީހަކާނީނދެ އުޅޭ މީހަކައް ހަމަރަނގަޅު

  2. ހަދީޖާރ

    ތިވާނީ ފިލްމު ޝޫޓިންގ ތަކަށްގޮސް ތިބޭ ހޮޓެލް ފަދަ ތަންތަނުގެ ފާހަނާގަ ހުންނަ ސައިބޯނި ގެއަށް ގެންގޮސް އެއްކުރީ ކަމަށް... މަވެސް ވަރަށް ގިނައިން ކުރާކަމެއްތީ.......