އެންމެންނަކީވެސް ހެނދުނުގެ ވަގުތުގައި އަވަހަށް ހޭލައިގެން ކަސްރަތުކޮށްގެން ރަނގަޅު ހަށިގަނޑަށް ފައިދާހުރި ނާސްތާއެއް ކައިގެން ހަމަޖެހިގެން އޮފީހަށް ނުވަތަ ވަޒީފާއަށް ދާން ބޭނުންވާނޭ މީހުންނެވެ. އެފަދަ ލައިފްސްޓައިލެއް އެންމެންވެސް ބޭނުންވާއިރު ގިނަ ފަހަރަށް އެކަން ވަނީ އެގޮތަކަށް ނޫނެވެ. ގިނަ ފަހަރަށް އަވަހަށް ހޭލަން މަސައްކަތްކުރިޔަސް ހޭލެވޭނީ ވަޒީފާއަށް ދާން 30 ވަރަކަށް މިނެޓަށް ވީމާއެވެ. ދެން އަވަސްގޮތަކަށް ފެންވަރައިގެން ސައިތަށްޓެއް ބޮއެގެން ވަޒީފާއަށް ގަޑިނުޖެހި ދިޔުމަށް ދުއްވައިގަތުމަކީ ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ ބަޔަކަށް ލިބޭ ލަނޑެކެވެ. އެކަން ބަދަލުކުރުމަށް ކުރެވިދާނެ ކަންކަންވެސް އެބަ ހުއްޓެވެ.

އެންމެ ފުރަތަމަ އަވަހަށް ހޭލަން ބޭނުންވާ މީހުން ކުރަންޖެހެނޭ ކަމަކީ އަވަހަށް ނިދުމެވެ. އެގޮތުން މަދުވެގެން ހަ ގަޑިއިރުގެ ނިދި ކޮންމެހެންވެސް ލިބޭފަދަ ގޮތަކަށް ނިދައި ހޭލުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަ ގަޑިއިރަށްވުރެ މަދުން ނިދައިފިނަމަ ހަށިގަނޑަށް ބޭނުންވާ އަރާމު ނުލިބި ނިދައި ތެދުވުމަކީ ގިނަ ފަހަރަށް ވަރަށް އުނދަގޫ ކަމަކަށް ވެގެންދާނެއެވެ.

ދެން ކުރަންވީ ކަމަކީ މީހާގެ ދުވަހުގައި ކުރަން އޮތް ކަންކަމާއި ދޭތެރޭ ވިސްނައި އުފާކޮށް އެކަންކަން ކުރުމަށް ކެތްމަދު ވާފަދަ ކަންކަން ރާވާނީއެވެ. އޭރުން ލޯ ހުޅުވޭގޮތަށްވެސް ފުރަތަމަ ވިސްނޭނީ އެ ދުވަހުގެ މުޅި ޝެޑިއުލްއާއި ދޭތެރޭގައެވެ. އަދި އެއް ކަމަށް ލަސްވެއްޖެ ނަމަ ކުރަންޖެހޭ އެހެން ހުރިހާ ކަމަކަށްވެސް އަސަރުކުރާނޭކަން ވިސްނިގެންދާނެއެވެ.

އަނެއްބައި މީހުންނަކީ އަވަހަށް ހޭލުމަށްޓަކައި އެލާމް ގަޑިތައް ކޮޓަރީގެ އެނދު ކައިރީގައި އަތްފޯރާފަށުގައި ނުބާއްވައި ކޮޓަރީގެ ދުރު ތަނެއްގައި ބާއްވާވެސް ބައެކެވެ. އޭރުން އެ އެލާމަށް ހޭލެވުނަސް އެންދު މަތީގައި އޮވެ އެ އެލާމް ނިއްވާލާފައި އަބުރާ ނިދަން ދިޔުމުގެ ބަދަލުގައި އެ އެލާމް ނިއްވާލަންޏާ ޖެހޭނީ މީހާ ކޮޅަށް ތެދުވެ ކޮޓަރިތެރޭގައި ހިނގާފައިގޮސް އެ އެލާމް ނިއްވާށެވެ. އެވަގުތުކޮޅުގައި ނިދި ގއްލުމަކީ ވަރަށް ކައިރިކަމެކެވެ.

މިއީ ހެނދުނުވަގުތުގައި އަވަހަށް ހޭލުމަށް ކުރެވިދާނެ ބައެއް ފަސޭހަ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ހެދުނު ދަމަކަށް އިރުއަރާފަހުންދޯ ހޭލަންވީ. ފަތިސްނަމާދަށް ހޭލާގޮތް ކިޔާދީބަލަ.