އީރާގުގައި ހަރަކާތްތެރިވި ނިރުބަވެރި ޖަމާއަތެއް ކަމުގައިވާ އައިސިސް އިން އެ ގައުމުގެ ބޮޑު ބައެއް ހިސޯރު ކޮށްގެން ހަނގުރާމަ ކުރަމުން ގެންދިޔަ ދުވަސްކޮޅު އެމީހުންގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި ބޭސް އަށް ފުރަތަމަ ފަހަރަށް ފަތުރުވެރިޔަކު ޒިޔާރަތް ކޮށްފިއެވެ.

އިނގިރޭސި ވިލާތަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ އެންޑީ ޑުއްރީ އަކީ ދުނިޔޭގައި ފަތުރުވެރިން އާއްމުކޮށް ޒިޔާރަތް ނުކުރާ ތަންތަނަށް ޒިޔާރަތް ކުރުމަށް ލޯބި ކުރާ މީހެކެވެ. މިގޮތުން އޭނާ އިރާގުގެ މޮސުލް އަށް 3 ދުވަހުގެ މުއްދަތަކަށް ގޮސްފައި ވަނީ އޭނާގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށް ފަހުގައެވެ.

ހަނގުރާމަ ހިނގި ސަރަހައްދުގައި ގެތައް ސުންނާފަތި ވެފައި

އައިސިސްގެ ބާރު މުޅިންހެން އީރާގުން ކަނޑުވާލާފައި ވީ ނަމަވެސް، އަދިވެސް ނުރައްކާތެރި ހަނގުރާމަވެރި ޖަމާއަތްތަކުން އެ ގައުމުގައި ހަރަކާތްތެރިވާ އިރުގައި އެފަދަ ބަޔަކާއި އެންޑީ ދިމާވިނަމަ، އޭނާ މަރާލީސް ކަމަށް އެންޑީ ބުނެއެވެ. އައިސިސް އިން ބޭނުންކުރި މަރުކަޒަށް އެންޑީ ގޮސްފައި ވާއިރު އޭނާ ބުނީ އެ ސަރަހައްދު އެއްކޮށް އޮތީ ސުންނާފަތި ވެފައި ކަމަށާއި، އެތަނަށް ދިއުމުންވެސް ގަބުރުސްތާނެއްގައި ހުރެވޭ ކަމުގެ އިހްސާސު ކުރެވޭ ކަމަށެވެ.

އިރާގުގެ ސިފައިން އެންޑީ އެ ސަރަހައްދަށް ދާން ހުއްދަ ނުދިނުމުން އޭނާ އެތަނަށް ވަދެފައި ވަނީ އެ ގައުމުގެ ޓްކްސީ ޑްރައިވަރެއްގެ އެހީތެރިކަމާއި އެކު ސިއްރުންނެވެ. ސިފައިންނަށް މިކަން އެނގުނުނަމަ އޭނާ ހައްޔަރުވެސް ކުރާނެއެވެ. 3 ދުވަސް އެންޑީ މޮސުލްގައި ހޭދަ ކޮށްފައި ވާއިރު، ދަތުރުގެ އެކިއެކި ކަންކަމަށާއި މީހުންނަށް ދޭން އޭނާ އަތުން 4900 ޑޮލަރު ނުވަތަ 75،705 ރުފިޔާ ހަރަދުވި ކަމަށް އެންޑީ މައުލޫމާތު ދެއެވެ.

އެންޑީ އީރާގުގައި އައިސިސް އިން ބޭނުންކުރި މަރުކަޒު ހުންނަ ސަރަހައްދުގައި

މި ދަތުރުގައި އޭނާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހުނު އާއްމުން ދިރިއުޅޭ ރެފިއުޖީ ކޭމްޕުތަކަށްވެސް ޒިޔާރަތް ކުރިއިރު، އޭނާ ވަނީ އައިސިސްގެ ހަނގުރާމަ ވެރިއެއްގެ އަންހެނުންނާއި އިންޓަވިއު އެއްވެސް ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ދުނިޔޭގެ އާދަޔާ ހިލާފް ތަންތަނަށް ދަތުރު ކުރާ ފަތުރުވެރިންގެ ދަތުރުގެ މައްޗައް ބިނާކޮށް ނެޓްފްލިކްސް އިން ގެނެސްދޭ "ޑާކް ޓޫރިސްޓް" އިންވެސް މީގެ ކުރިން ޖާގަ ހޯދާފައިވާ އެންޑީ ވަނީ ސޯމާލިއާ، އަފްޢާނިސްތާން އަދި ނޯތް ކޮރެއާ ފަދަ ޤައުމުތަކަށް ފަތުރުވެރިއެއްގެ ގޮތުން ޒިޔާރަތް ކޮށްފައެވެ.