ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އެއް ކަމުގައިވާ އެންޖެލީނާ ޖޮލީ އާއި ވައްތަރު ވުމަށްޓަކައި 50ށް ވުރެ ގިނަ ސާޖަރީ ހަދައިގެން އުޅޭ އަންހެން މީހާ ހައްޔަރު ކޮށްފިއެވެ.

އީރާނަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ސަހަރް ތަބަރު ހައްޔަރު ކޮށްފައި ވަނީ އެ ގައުމުގެ ސަގާފީ ކަންކަމާއި މުޖުތަމައު ގަބޫލު ނުކުރާ ވިސްނުންތައް ފެތުރުމާއި ކޮރަޕްޝަނާއި ހަމަނުޖެހުން ހިންގަން ހިތްވަރުދޭ ފަދަ ގޮތަކަށް އޭނާގެ އިންސްޓަގްރާމް އެކަންޓުގައި ވާހަކަ ދެއްކުމާއި ގުޅިގެންނެވެ.

އީރާނުގެ ގައިޑެންސް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ސަހަރު ހައްޔަރު ކޮށްފައި ވާއިރު، އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ސަބަރު އަކީ މީގެ ކުރިން ވަރަށް ރީތި ބުރުސާރަ އެއް ލިބިފައިވާ އަންހެން ކުއްޖެއް ކަމުގައި ވީ ނަމަވެސް، އެންޖެލީނާ އާއި ވައްތަރުވުމަށް އޭނާ ހެދި ސާޖަރީތައް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

ސަހަރު ކުރިން ހުރި ގޮތާއި، އޭނާ އެންޖެލީނާ އަށް ވުމުން ހުރިގޮތް

މިހާރު އޭނާގެ މޫނަށް ގިނަ މީހުންނަށް ބަލައިލަންވެސް ނުކެރޭއިރު، އެއްބަޔަކު ބުނަމުން އަންނަނީ އެއީ އެންޖެލީނާ ޖޮލީގެ "ޒޯމްބީ" ވާޝަން ކަމަށެވެ. ނަމަވެސް، ސަބަރު ބުނާގޮތުން ފޮޓޯތަކުން އެ ފެންނަނީ އޭނާގެ އަސްލު މޫނެއް ނޫނެވެ. އަދި އޭނާ ބައެއް ސާޖަރީތައް ހެދި ނަމަވެސް، އެންޖެލީނާ އާއި ވައްތަރު ކޮށްފައި ހުންނަ ފޮޓޯތަކަކީ އޭނާ އެޑިޓު ކޮށްފައި ހުންނަ ފޮޓޯތައް ކަމަށް ސަހަރު ބުނެއެވެ. ނަމަވެސް، ބައެއް މީހުން މިކަން ގަބޫލުކުރަން ދެކޮޅު ހަދައެވެ.

ސަބަބަކީ ސަހަރުގެ އިންސްޓަގްރާމް އެކައުންޓުގައިވެސް އޭނާ އެންޖެލީނާ އާއި ވައްތަރުވުން ނޫން އިތުރުކަމެއް ނުކުރާތީއެވެ. އަދި އީރާނުގައި ކޮސްމެޓިކް ސާޖަރީތައް ހެދުމަކީ ވަރަށް އާއްމު ކަމަކަށް ވާތީއެވެ. ދުނިޔެ އަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މެސީ އާއިވެސް ވައްތަރު މީހަކު އެ ގައުމުގައި އުޅެއެވެ. ނަމަވެސް އެ މީހަކީ ސާޖަރީ ހަދައިގެން އުޅޭ މީހެއް ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

އީރާނުގައި ފޭސްބުކާއި މެސެންޖާގެ އިތުރުން ޓެލެގްރާމް އާއި ޓްވިޓާ ފަދަ މީސް މީޑިއާގެ ވަސީލަތްތައް ބޭނުން ކުރުން މަނާއިރު، އެ ގައުމުގައި ބޭނުން ކުރުމުގެ ހުއްދަ ދީފައި އޮންނަނީ ހަމައެކަނި އިންސްޓަގްރާމްކަން ފާހަގަކޮށްލެވެއެވެ.