މިއޮތީ ޓެކްނޮލޮޖީގެ ޒަމާނެވެ. ކޮންމެ ވާހަކައެއް ވެސް މެސެޖަކުން ބުނާ ޒަމާނެވެ. އެއީ ޚަރަދު ކުޑަވެފައި ވަގުތު ވެސް ސަލާމަތްވާތީ ކަމަށް ވެދާނެއެވެ. ނަމަވެސް ކޮންމެ ހާލަތެއްގައި ކޮންމެ ވާހަކައެއް މެސެޖަކުން ބުނެލުން އެއީ އެންމެ ރަނގަޅު ގޮތް ކަމަކަށް ނުވެއެވެ. ހާއްސަކޮށް އަންހެނުންނަށް ފޮނުވާ މެސެޖާއި މެދު ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. އެއީ ފޮނުވޭ މެސެޖެއްގެ ސަބަބުން ހާލަތު ވަރަށް ބޮޑަށް ގޯސް ވެދާނެތީއެވެ.

މިލިޔުމުގައި މިކިޔައިދެނީ ތަޖުރިބާކާރުން އެކި އަންހެނުންނާއި ސުވާލުކޮށްގެން ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އަންހެނަކަށް ކޮށްގެން ނުވާނެ ކަމަށް ލަފާދީފައިވާ ބައެއް މެސެޖެވެ. މިއިން މެސެޖެއް ނުވަތަ މިއިން ވާހަކައެއް އަންހެނަކުގެ ކައިރީ މެސެޖަކުން ނުބުނާށެވެ.

"އަހަރެން މިހިރީ ދޮރު ކައިރީ"

އަންހެނުންނަކީ ތަނަކަށް ދާން ތައްޔާރުވުމަށް ވަގުތުތަކެއް ނަގާ ބައެކެވެ. އެހެންކަމުން ތަނަކަށް ދާން ދައުވަތު ދިނުމަށް ފަހު އޭނާގެ ގެ ކައިރިއަށް ދާއިރު އަދި އޭނާ އަށް ތައްޔާރު ނުވެވޭނެ ކަން ގިނަ ފިރިހެނުންނަށް ވެސް އެނގެއެވެ. އެހެންކަމުން އަންހެން ކުއްޖާ ބަލައި ގެ ކައިރިއަށް އައުމަށް ފަހު އެވާހަކަ މެސެޖަކުން ބުނެލައެވެ. ނަމަވެސް އެއީ ކަމުދާ ގޮތެއް ނޫނެވެ. ގެ ކައިރިއަށް އައި ވާހަކަ ބުނަން ޖެހޭނީ ފޯނުން ގުޅާފައެވެ. އެއީ އެވަގުތަކީ މެސެޖަކަށް ޖަވާބު ދިނުން އުނދަގޫ ވާނެ ވަގުތަކަށް ވާތީއެވެ. އަދި ފޯނަށް ބެލުން ވެސް އެވަގުތު ދަތި ވާނެތީއެވެ.

"މިރޭ ދެވޭކަށް ނެތް، އެހެން ދުވަހަކުން ދާންވީ އެއްނު؟"

މިއީ ވަރަށް މުހިންމު ވާހަކައެކެވެ. އަންހެނަކާއި އެކު ޑޭޓަކަށް ނުވަތަ އެހެން ވެސް ތަނަކަށް ދާން ޕްލޭން ކުރުމަށް ފަހު އެޕްލޭން ކެންސަލް ކޮށް މެސެޖެއް ނުކުރާށެވެ. މިރޭ ދެވެން ނެތް ކަމަށާއި އެހެން ރެއަކުން ދާންވީ ކަމަށް ބުނެ ކުރާ މެސެޖެއް ގަބޫލެއް ނުކުރެވޭނެއެވެ. އަންހެނެއްގެ ޕްލޭން ބަދަލު ކުރަން އެދުމަކީ ވަރަށް ގޯސް ކަމެކެވެ. އެއީ އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫނެވެ.

"އަހަރެންނަށް މަޢާފް ކުރޭ"

ކުށެއް ކުރެވިއްޖަނަމަ މަޢާފަށް އެދުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ހަމައެކަނި "އައިއެމް ސޮރީ" ޖަހާފައި އަންހެނަކަށް މެސެޖެއް ނުފޮނުވާށެވެ. އަންހެނަކުގެ ކިބައިން މަޢާފަށް އެދެން އެންމެ ރަނގަޅީ އޭނާ އާއި ބައްދަލުކޮށްފައެވެ.

"ކޭ"

މަސައްކަތްތައް ހުންނަ ގޮތުން ދުވާލަކު 24 ގަޑިއިރަށް ވުރެ ވަގުތު ގިނަ ނަމަ ކިހައި ރަނގަޅުތޯ ބައެއް މީހުންގެ ހިތައް އަރައެވެ. އެހެންކަމުން ކުރަން ހުންނަ ހުރިހާ ކަމެއް ވެސް އެމީހުން ކުރުކޮށް، އަވަސްކޮށް ކުރެއެވެ. ނަމަވެސް ހަނދާން ކުރާށެވެ. "އޯކޭ" ޖަހަން ވަގުތެއް ނެތިގެން ހަމައެކަނި "ކޭ" ޖަހާފައި އަންހެނަކަށް މެސެޖެއް ނުފޮނުވާށެވެ. އެއީ އެމީހުން ވަރަށް ރުޅި އަންނާނެ ކަމެކެވެ.

މާގިނަ ސުވާލު އެކުލެވޭ މެސެޖް

މާގިނަ ސުވާލު ހިމެނޭ ގިނަ ޖަވާބުތަކެއް ދޭން ޖެހޭނެ މެސެޖެއް އަންހެނަކަށް ނުކުރާށެވެ.

"ލޮލް"

ވަރަށް މަޖާ މެސެޖެއް އަންހެނަކު ކޮށްފާނެއެވެ. ނަމަވެސް އޭނާގެ މެސެޖްތަކަށް ރިޕްލައި ކުރުމުގައި އާންމުކޮށް ބޭނުންކުރާ ބަހަކަށް "ލޮލް" ނުހަދާށެވެ.